މެޑަމް ނަސްރީނާ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވަނީ، ހާލުކޮޅު އަންނަނީ ރަނގަޅުވަމުން

(އެމްއާރުއެމް)އިން ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ނަސްރީނާ ވަހަކަދައްކަވަނީ -- ފޮޓޯ/ އެމްއާރްއެމް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން, މެޑަމް ނަސްރީނާ އިބްރާހީމް އާލާސްކަންފުޅާ އުޅުއްވާތީ، ފަރުވާ ދިނުމަށް ޓަކައި ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، އުމުރުފުޅުން 74 އަހަރުގެ ނަސްރީނާ އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށް ޓަކައި މިދިޔަ ހަފުތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.

އަދި މިވަގުތު ނަސްރީނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށެވެ.

ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންނާއި އެހެނިހެން މުވައްޒަފުންގެ ފަރާތުން ލިބޭ އަޅާލުމާއި އޯގާތެރިކަން ފާހަގަކުރައްވައި، މައުމޫނާއި އެމަނިކުފާނުގެ އާއިލާއިން ވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ.

ހަމަ އެއާއެކު ހެޔޮއެދޭ ފަރާތްތަކުންނާއި އާންމުންގެ ފަރާތުން ހެޔޮ ދުއާތަކާއި މެސެޖުތައް ލިބެމުން އަންނަ ކަން ވެސް މައުމޫންގެ އާއިލާއިން ފާހަގަކުރައްވާފައިވާ ކަމަށް، ބަޔާނުގައިވެއެވެ.

comment ކޮމެންޓް