ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ވެރިކަމާ އަލުން ހަވާލުވާނީ މިހާރުގެ އިދިކޮޅު އެމްޑީޕީން ކަމަށާއި، އެ ޕާޓީގެ ސަރުކާރެއް ވެރިކަމާ ހަވާލުވުމަށް ފަހު ކައުންސިލްތަކުގެ ބާރުތައް ހަނިވާ އިސްލާހު އުވާލައި، ކައުންސިލްތަކަށް މިހާރު ދެމުން އަންނަ ބްލޮކް ގްރާންޓް ދެ ގުނަ ބޮޑުކުރައްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް އިއްޔެ ވިދާޅުވެއްޖެއެވެ.
އއ، ބޮޑުފޮޅަދޫގައި އެ ރަށު ކައުންސިލްގެ ފަރާތުން އަރުވާ ޚިދުމަތުގެ އެންމެ މަތީ ޝަރަފުގެ އައްޑަނަ އެރުވުމަށްޓަކައި އިއްޔެ ހަވީރު ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޞާލިޙް ވިދާޅުވީ، މީގެ ދެ އަހަރު ފަހުން އޮންނާނީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި އެ ސަރުކާރުގައި ރަށްރަށް ތަރައްގީކުރާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
މިދިޔަ ވެރިކަމުގައި އެންމެ ގިނައިން ބައްދަލުކުރީ ކައުންސިލަރުންނާ ކަމަށާއި ބޭނުމަކީ ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށް ކަމަށް ޞާލިޙް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރަށްރަށުގައި މަޝްރޫއުތައް ކުރިއަށް ގެންދިޔައީ އެ މަނިކުފާނާއި ވަޒީރުންނާއި ރަށްރަށުގެ ކައުންސިލަރުންނާ ދެމެދު ބޭއްވުނު ބައްދަލުވުންތަކަށް ފަހު އެ ބައްދަލުވުންތަކުގައި ދެކެވުނު ވާހަކަތަކުގެ އަލީގައެވެ.
"އެހެން ނަމަވެސް މިއަދު އެ ގެންދަނީ އެ މުޅިއެތި އަނެއް ފުށަށް ޖަހަމުން، ބާރުތައް އެ ގެންދަނީ ހަނިކުރަމުން، އެއީ މި ރާއްޖެ ތަރައްގީކުރެވޭނެ ގޮތެއް ނޫން. އަޅުގަނޑުމެން އަބަދުވެސް ދެކެނީ ރާއްޖެ ތަރައްގީކުރެވޭނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަމަށް، އިރާދަކުރެއްވިއްޔާ 2028ވަނަ އަހަރު އުފެދޭ އެމްޑީޕީ ސަރުކާރުގަ އަނެއްކާ ވެސް އެ ބާރުތައް ކައުންސިލްތަކަށް އަޅުގަނޑުމެން ދޫކޮށްލާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އަދި ބަޖެޓުން އެ ދޭ ގްރާންޓް އެއިޑް އިރާދަކުރެއްވިއްޔާ އެއަށް ވުރެ ވެސް ބޮޑުކުރާނަން،"
ޞާލިޙް ވިދާޅުވީ، ބޮޑުފޮޅުދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމަނިކުފާނުގެ ދައުރު ނިމުނުއިރު ގާތްގަނޑަކަށް 80 ޕަސެންޓު ނިމިފައިވާ ކަމަށާއި ނަމަވެސް އެ މަޝްރޫއު ހުއްޓިފައި އޮންނަތާ ދޮޅު އަހަރުވެއްޖެ ކަމަށެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެއާއެކު، އެ މަނިކުފާނު ވަނީ މިދިޔަ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމާލުމަށް މި ސަރުކާރަށް ގޮވާލައްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ސަރުކާރުން ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހުތިސާސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް ބަދަލުކޮށްފައެވެ.
މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ ރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި އޭގެ ހަތަރު ދުވަސް ފަހުން އަމަލުކުރަން ފެށި ގާނޫނުގައި މިހާރު އޮންނަ ގޮތުން ނަމަ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިމުން ނުވަތަ އިމާރާތުން ކުއްޔެއް ނުނެގޭނެއެވެ.
އަދި، ކައުންސިލްތަކަށް އާމްދަނީ ދޫކުރަން ވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއް ވާނަމަ އެ ޓެކުހަކަށްވާ ފައިސާއާއި، އާންމު ޚިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާނަމަ، އެ ފައިސާއެއް އުނިކުރުމަށް ފަހު ބާކީވާ އަދަދެއްކަން ވެސް މިހާރު އެ ގާނޫނުގައިވެއެވެ.
ކައުންސިލްތަކުން ހުޅުވާފައިވާ ބޭންކު އެކައުންޓުތައް ބަލަހައްޓަންވާނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލާ އެއްގޮތަށް ކަމަށާއި، އެ އެކައުންޓުތަކުގެ ސްޓޭޓްމަންޓެއް ހޯދުމަށް އެ މިނިސްޓްރީން އެދިއްޖެ ހާލަތުގައި އެ މައުލޫމާތު ފޯރުކޮށްދޭންޖެހޭނެ ކަމަށް ގާނޫނުގައި މިހާރު ބުނެއެވެ.
ރައީސް މި ބިލު ތަސްދީގުކުރެއްވީ ތަސްދީގުނުކުރަން ގިނަ ކައުންސިލްތަކަކުން އެދިފައިވަނިކޮށެވެ.