ތަރިކަ ދިރާސާކުރުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރުމަށް 40 ސްކޮލަޝިޕްގެ ފުރުސަތު ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ހުޅުވާލައިފިއެވެ.
ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން "ސިގްނޭޗާ ސްކޮލަޝިޕް"ގެ ނަމުގައި ތަޢާރަފުކުރި މި ސްކޮލަޝިޕުތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓާސް ޑިގްރީއެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސާކުރާ ފުރުސަތުތަކެކެވެ.
މި ސްކޮލަޝިޕް ފުރުސަތުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސް ފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަލަށް އުފެއްދެވި، ޤައުމީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.
މި ސްކޮލަޝިޕްގައި ފުރިހަމަކުރަންޖެހޭނީ އިސްލާމީ ޔުނިވާސިޓީން ކުރިއަށްގެންދާ މާސްޓާ އިން ރިސާޗް އެންޑް ޕަބްލިކޭޝަންސް ޕްރޮގުރާމެވެ. ސްކޮލަޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ.
މި ފުރުސަތު ދިނުމަށް ނިންމާފައިވަނީ 40 ދަރިވަރުންނަށެވެ. ސްކޮލަޝިޕްގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 14:00އާ ހަމައަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ސްކޮލަޝިޕަށް އެދި ގޫގުލް ފޯމް ލިންކެއް މެދުވެރިކޮށް ހުށައެޅޭނެއެވެ. މި ލިންކު ގެޒެޓުގައި ޝާއިޢުކޮށްފައިވާ ސްކޮލަޝިޕާ ގުޅޭ އިޢުލާނުގައި ހިމަނާފައިވެއެވެ.
މި ސްކޮލާޝިޕްގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް، އަށެއް ނުވަތަ ނުވައެއްގެ ސަނަދެއް ހާސިލުކޮށްފައިވާ މީހުންނަށް އެކަންޏެވެ.
ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ބުނީ މިފަދަ ފުރުސަތެއް ހުޅުވާލުމުގެ މަޤުޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުންކަމަށެވެ.
މި ސްކޮލާޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެ ވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި، މި ސްކޮލަޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.