ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކުރި އެންގުން ބާތިލްކުރަން އަންގައިފި

ދޮންފަނުގައި މިދިޔަ އަންގާރަ ދުވަހު ކުރި މުޒާހަރާގެ ތެރެއިން: ކަނޑުމަތީގައި މުޒާހަރާތަކެއް ކުރަން ނިންމައި، ދޮންފަނު ފަރުގައި ޑައިވް ކުރުން ކައުންސިލުން ވަނީ މަނާކޮށްފައި. ނަމަވެސް އެލްޖީއޭއިން ބުނީ އެހެން ނޭނގޭނެކަމަށް --- ފޮޓޯ/ ދޮންފަނު ކައުންސިލް

ބ. ދޮންފަނުގެ ބިން ހިއްކުމަށް ސަރުކާރަށް ގޮވާލައި، ސިލްސިލާ މުޒާހާރާތަކެއް ކަނޑުމަތީގައި ކުރަން ނިންމާފައިވާތީ އެރަށުގެ ފަރުގައި ޑައިވް ކުރުން ރަށު ކައުންސިލުން މިއަދު މަނާކުރި އެންގުން ބާތިލުކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިރޭ އަންގައިފިއެވެ.

ދޮންފަނު ހިއްކުމަށް އެމްޓީސީސީއަށް ހަވާލުކުރުމަށް ފަހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެރަށް ނުހިއްކުމަށް ނިންމަވައިފައެވެ. އެއީ، އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަނދި, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު ކަންބޮޑުވުން ފާޅު ކުރުމާ ގުޅިގެންނެވެ.

އެ ނިންމެވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އެރަށު ރައްޔިތުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

މިއަދު ދޮންފަނު ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ އެ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަން ނިންމާފައިވާ ކަމަށެވެ.

https://sun.mv/211163

އެހެންވެ، ވަކި ގޮތެއް އެ ކައުންސިލުން އަންގަންދެން މިއަދުން ފެށިގެން ދޮންފަނު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ފީނުމާއި ޑައިވް ކުރުން ދޮންފަނު ކައުންސިލުން ވަނީ މަނާކޮށްފައެވެ.

އެއާއެކު މިރޭ އެލްޖީއޭއިން ނެރުނު ނޫސް ބަޔާނުގައިވަނީ ލާމަރުކަޒީ ގާނޫނުގެ 56ވަނަ މާއްދާގައި ގުދުރަތީ ނުވަތަ ތަބީއީ ގޮތުގައި ދެމެހެެއްޓުމަށް ޓަކައި ރައްކާތެރިކުރަންޖެހޭ ތަންތަން ފިޔަވައި، އެހެނިހެން ސަރަަހައްދުތައް ވަކި ކައުންސިލެއްގެ އިހްތިޞާސްކަމުގައި ކަނޑައަޅައިފައި އޮތް ނަމަވެސް އެ ތަންތަނުގައި އިތުރު ހުއްދައަކާ ނުލައި ގާނޫނަކުން މަނާ ނޫން ކަންކަން ކުރުމުގެ ހައްގު ކޮންމެ ދިވެއްސަކަށް ލިބިދީފައިވާ ކަމަށެވެ.

އެހެންކަމުން ދޮންފަނުގެ ފަރުގައި ފީނުމާއި، ޑައިވްކުރުން މަނާކޮށް އެ ރަށު ކައުންސިލުން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް އެލްޖީއޭއިން ބުންޏެވެ. އަދި އެ ނިންމުން ނިންމުމުގެ ބާރު ކައުންސިލަށް ލިބިފައިނުވާތީ އެ އެންގުން ބާތިލްކުރަން ވެސް އެލްޖީއޭއިން ވަނީ އަންގައިފައެވެ.

ދޮންފަނުގެ ބިން ނުހިއްކުމަށް ނިންމުމާ ގުޅިގެން، ދޮންފަނު ކައުންސިލް މެންބަރު އަބްދުﷲ އަހްސަން މީގެ ކުރިން 'ސަން'އަށް ވިދާޅުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދަވާނެކަން ރައީސް އިއުލާނުކުރެއްވީ ކައުންސިލާ ވެސް، ރައްޔިތުންނާ ވެސް މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށެވެ.

ތިމާވެއްޓަށް ލިބިދާނެ ގެއްލުންތަކާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، ހަނިފަރު ބޭއަށް ގެއްލުން ވެދާނެތީ ފާޅުކުރާ ކަންބޮޑުވުންތައް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ހަމަ އެ ރަށް ކައިރި އޮންނަ ދަރަވަންދޫ އެއާޕޯޓު ބޮޑުކުރަން ބިން ހިއްކިިއިރު ވެސް ހަމަ ހުރިހާ ކިސަޑުތަކާއި ނުސާފުކަމެއް ހަނިފަރު ބޭއަށް ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދޮންފަނު ހިއްކުން ހުއްޓާލި ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް