އެންމެ ކާމިޔާބު ބިރުވެރި ފިލްމަށް ކޮންޖަރިން

މި ފަހުގެ ތާރީޚެއްގައި އެޅުވި އެންމެ މަގުބޫލު ބިރުވެރި ފިލްމު ފްރެންޗައިޒް "ދަ ކޮންޖަރިން"ގެ ހަތަރުވަނަ ބަޔަކީ މިހާތަނަށް ޕްރިމިއާ ކުރި އެންމެ ކާމިޔާބު އޯޕެނިން އެއް ލިބުނު ބިރުވެރި ފިލްމަށް ވެއްޖެއެވެ.

ޕެޓްރިކް ވިލްސަންއާއި ވެރާ ފާމިގާ ލީޑުން ފެންނަ އާ ފިލްމަކީ "ކޮންޖަރިން: ދަ ލާސްޓް ރައިޓްސް" އެވެ. މި ހަފުތާ ބަންދުގައި ދައްކަން ފަށާފައިވާ މި ފިލްމަކީ ކޮންޖަރިން ސީރީޒްގެ އެންމެ ފަހު ފިލްމެވެ.

މި ފިލްމު ސިނަމާތަކަށް ނެރުމާ އެކު ހީކުރި ވަރަށް ވުރެ ބޮޑު ކާމިޔާބީއެއް ލިބެމުން ދިޔައެވެ. ނަމަވެސް، މިއީ މިހާތަނަށް އެންމެ ކާމިޔާބު ޕްރިމިއާއަށް ވާނެ ކަމަކަށް އެކަކު ވެސް ހިއެއް ނުކުރެއެވެ.

އެގޮތުން، މިހާތަނަށް ހަފުތާ ބަންދުގައި އެކަނި އެންމެ ބޮޑު އާމްދަނީ ހޯދި ބިރުވެރި ފިލްމަށް ކޮންޖަރިންގެ އާ ފިލްމު ވަނީ ވެފައެވެ. ފުރަތަމަ ހަފުތާ ބަންދުގައި އެކަނި މި ފިލްމަށް ވަނީ 194 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައެވެ. މީގެ ކުރީން މި ރެކޯޑު އޮތީ 2017 ވަނަ އަހަރު ނެރުނު ބިރުވެރި ފިލްމު "އިޓް" އަތުގައެވެ. އެ ފިލްމު ފުރަތަމަ ހަފުތާ ބަންދުގައި ހޯދި އާމްދަނީގެ އަދަދު 190 މިލިއަން ޑޮލަރު ފަހަނަ އަޅާ ދެއެެވެ.

އެމެރިކާގެ ސުޕަނެޗުރަލް އެކްސްޕާޓުން ކަމަށްވާ އެޑް އަދި ލޮރޭން ވޯރެން ދެމަފިރިންގެ ވާހަކަތަކަށް ބިނާކޮށް ތައްޔާރުކުރާ ކޮންޖަރިން ފިލްމު ސީރީޒްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2013 ވަނަ އަހަރުގައެވެ. ކޮންޖަރިންގެ ފުރަތަމަ ފިލްމުން ފެށިގެން އޭގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުގެ ރޯލު އަދާކުރަމުން އަންނަނީ ބިރުވެރި ފިލްމުތައް އުފެއްދުމަށް މަގުބޫލު ޑައިރެކްޓަރު ޖޭމްސް ވާންއެވެ.

މިހާތަނަށް މި ފްރެންޗައިޒްގެ ތިން ފިލްމެއް ނެރެފައިވާއިރު އެންމެ ފަހުން ފިލްމެއް ނެރުނީ 2021 ވަނަ އަހަރުގައެވެ. އެ އަހަރު ނެރުނު ފިލްމަށް ކިޔަނީ "ދަ ޑެވިލް މޭޑް މީ ޑޫ އިޓް" އެވެ.

comment ކޮމެންޓް