ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިކުރުވުމުގެ ޕްލޭނަކާއެކު ކުރިއަށް އޮތްތަނުގައި ފަލަސްތީނުގެ އެއްވެސް ދައުލަތެއް ނޯންނާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ހުޅަނގު އައްސޭރި ދެބައިކޮށްލާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނަތަންޔާހޫ ވަނީ ބުރާސްފަތި ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
"ފަލަސްތީނުގެ ދައުލަތެއް ނޯންނާނެ ކަމަށް ވެފައިވާ ވައުދު ފުއްދަން މި އުޅެނީ. މި ތަނަކީ އަހަރެމެންގެ ތަނެއް," ގުދުސްގެ އިރުމަތީގައި އޮންނަ އިސްރާއީލުގެ އާބާދީއެއް ކަމަށްވާ މާލި އަދުމީމްގައި ބޭއްވި ހަރަކާތުގައި ނަތަންޔާހޫ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އާބާދީ ދެގުނައަށް އިތުރުކުރާނަން,"
ގުދުސްގެ އިރުމަތީގައި އޮންނަ 12ސްކްއާ ކިލޯމީޓަރުގެ އެ ޝަރަހައްދު މަޝްހޫރުވެފައިވަނީ "އީސްޓް 1" ނުވަތަ "އީ1" އެވެ.
އިސްރާއީލުގެ ވަޒަންވެރިންނަށް 3،400 އާ ގެ ހިމެނޭ ތަރައްގީގެ ޕްލޭންގައި ހުޅަނގު އައްސޭރީގެ ބޮޑު ބައެއް ހިފާފައިވާ އިރުމަތީ ގުދުސްއިން ކަނޑާލާއިރު، އެ ސަރަހައްދުގައި އިސްރާއީލުގެ އެތައް ހާސް އާބާދީއެއް ގުޅުވައިދޭނެއެވެ.

ޣައްޒާ ސިޓީގައި މީހުން ދިރިއުޅޭ އިމާރާތަކަށް އިސްރާއީލުން ހަމަލާދީފައި. ފޮޓޯ/ރޮއިޓާސް
އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ދައުލަތެއްގެ ވެރިކަމުގައި ފަލަސްތީނު ރައްޔިން ވެރިރަށް ކަމުގައި ކަނޑައަޅާފައިވާ ޚާއްސަ ތަނެކެވެ.
ހުޅަނގު އައްސޭރީގައި 1967 ވަނަ އަހަރުން ފެށިގެން ހިފާފައިވާ އިސްރާއީލުގެ ހުރިހާ އާބާދީތަކަކީ އިސްރާއީލުގެ ޕްލޭނިން ހުއްދަ އޮތް ނަމަވެސް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ގާނޫނާ ހިލާފު އާބާދީތަކެކެވެ.
ފަލަސްތީނު އޮތޯރިޓީގެ ރިޔާސީ ތަރުޖަމާނު ނަބީލް އަބޫ ރުދޭނީ ބުރާސްފަތި ދުވަހު ވިދާޅުވީ، އިރުމަތީ ގުދުސްގެ ވެރިރަށް ކަމުގައިވާ ފަލަސްތީނުގެ ދައުލަތަކީ އެ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމުގެ ތަޅުދަނޑި ކަމަށެވެ.
މިހާރު ވެސް އދގެ 149 މެމްބަރު ގައުމަކުން ފަލަސްތީނު ދައުލަތް ބަލައިގަނެފައިވާކަން ފާހަގަކުރައްވައި، އެކަން ނުކުރެވި ހުރި ހުރިހާ ގައުމުތަކުންވެސް ވަގުތުން ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ނަބީލް ވަނީ ގޮވާލައްވާފައެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ވަރުގަދަކޮށް، ޣައްޒާ ސިޓީ ހިފުމަށް މަސައްކަތް ކުރަމުން އަންނައިރު، މިހާތަނަށް 64،656 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ. ހަމަލާތަކުގައި ޒަޚަމުވި މީހުންގެ އަދަދު ވަނީ 163،503 އަށް އުފުލިފައެވެ.