ނިންމުން ބަދަލުކުރަންދެން ދޮންފަނު ރައްޔިތުން ކަނޑުމަތީ މުޒާހަރާކުރަނީ

ދޮންފަނު ރައްޔިތުން ކަނޑުމަތީ ކުރާ މުޒާހަރާގެ ތެރެއިން: ދޮންފަނު ރައްޔިތުންގެ އަޑު އިވެން ދެން މުޒާހަރާކުރާނެ ކަމަށް އެރަށު ކައުންސިލުން ބުނި ---- ފޮޓޯ/ އިބްރާހިމް ނަޖެޓްޒް، ފޭސްބުކް

ބ. ދޮންފަނުގެ ބިން ހިއްކުމަށް ރައްޔިތުން ބޭނުންވާކަން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އަންގަން، އެ ރަށު ރައްޔިތުން މިއަދު ކަނޑުމަތީ މުޒާހަރާކުރަން ފަށައިފިއެވެ.

ދޮންފަނު ހިއްކުމަށް އެމްޓީސީސީއާ ހަވާލުކުރުމަށް ފަހުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ރަށް ނުހިއްކަން ނިންމަވައިފައެވެ. އެއީ، އެކަން ކޮށްފިނަމަ އެ ރަށް ކައިރި އޮންނަ, ގުދުރަތީ ގޮތުން ވަރަށް މުއްސަނދި, އަދި ޓޫރިސްޓުންގެ ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ, ހަނިފަރު ބޭއަށް ލިބޭނެ ގެއްލުންތަކާ ގުޅިގެން އެތައް ހާސް ބަޔަކު ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ.

އެ ނިންމެވުމާ ގުޅިގެން ނުރުހުން ފާޅުކޮށް އެ ރަށު ރައްޔިތުން އަންނަނީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ.

ދޮންފަނު ރައްޔިތުން ކަނޑުމަތީ ކުރާ މުޒާހަރާގެ ތެރެއިން ---- ފޮޓޯ/ އިބްރާހިމް ނަޖެޓްޒް، ފޭސްބުކް

މިއަދު ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު 'ސަން'އަށް ވިދާޅުވީ، ސަރުކާރުގެ ނިންމުން ބަދަލުކުރަންދެން އެ ރަށު ރައްޔިތުން ސުލްހަވެރި އިހުތިޖާޖުތައް ކަނޑުމަތީ ކުރިއަށް ގެންދާނެ ކަމަށެވެ.

އެގޮތުން، އެ މުޒާހަރާ ކުރިއަށް ގެންދަނީ ކައުންސިލްގެ އިހުތިސާސުގައި ހިމެނޭ ކަނޑުގެ ބައި ކަމަށްވާ، ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި ކަނޑުމަތީގައި ކަމަށް އޭނާ ވިދާޅުވިއެވެ.

އިރުޝާދު ވިދާޅުވީ، ބ. އަތޮޅުގެ އެއްވެސް ތަނަކަށް ގެއްލުމެއް ދިނުމަށް ދޮންފަނުގެ އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެ ކަމަށެވެ.

ދޮންފަނު ރައްޔިތުން ކުރާ މުޒާހަރާގެ ތެރެއިން: އެއީ ސަރުކާރުގެ ނިންމުން ބަދަލު ކުރުމަށް ގޮވާލައި ކުރާ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ރައްޔިތުން ބުނޭ -- ފޮޓޯ/ އިބްރާހިމް ނަޖެޓްޒް، ފޭސްބުކް

މުޒާހަރާ ކުރާނެކަން ބ. އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް އަންގާފައިވަނިކޮށް، އަތޮޅުގެ ބައެއް ރަށްތަކުން މީހުން އައިސް އުނދަގޫ ކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބައެއް ފަރާތްތަކުން މި ސަރަހައްދަށް އައިސް ޖެއްސުންކުރުމުގެ ކަންކަން އެބަދޭ ކުރިއަށް. އަޅުގަނޑުމެން ކިޔައިދިން މިއީ ތިއިން އެއްވެސް ބޭފުޅަކާ މައްސަލައެއް އޮވެގެން ކުރިއަށް ގެންދާ އިހުތިޖާޖެއްނޫންކަން. ރައީސުލްޖުމްހޫރިއްޔާ އެ ނިންމެވި ނިންމެވުމާ ގުޅިގެން ރައީސާ ހަމައަށް މި އަޑު ގެންދިޔުމަށް ކުރާ އިހުތިޖާޖެކޭ،ދޮންފަނު ކައުންސިލްގެ ރައީސް އަހުމަދު އިރުޝާދު

އެ ކައުންސިލުން އިއްޔެ ވަނީ ރަށު ފަރުން ފެށިގެން 700 މީޓަރު ސަރަހައްދުގައި މުޒާހަރާކުރާ ވަގުތުތަކުގައި ފީނުމާއި ޑައިވްކުރުން މަނާކޮށްފައެވެ. އެކަމަކު، އެ ނިންމުމަކީ ގާނޫނާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، އެންގުން ބާތިލުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ރޭ ވަނީ އަންގާފައެވެ.

https://sun.mv/211201

އެކަމާ ގުޅުވައި ސުވާލުކުރުމުން އިރުޝާދު ވިދާޅުވީ، އެފަދަ އެންގުމެއް އެ ކައުންސިލަށް އަންގާފައި ނެތް ކަމަށެވެ. އަދި، އެލްޖީއޭއިން އެ ގޮތަށް ނިންމިކަން އެނގުނީ ޚަބަރަކުން ކަމަށް އިރުޝާދު ވިދާޅުވިއެވެ.

ދޮންފަނު ހިއްކުން ހުއްޓާލި ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

comment ކޮމެންޓް