މައުރޫފްގެ ޗެލެންޖެއް ސަރުކާރަށް: 86 މިލިއަން ޑޮލަރުގެ އެއާޕޯޓު ފަންޑުގެ ބެލެންސް ހާމަކުރާކަށް ނުކެރޭނެ

ކުރީގެ ރައީސް ޞާލިޙާއި މައުރޫފް: އޭނާ ވިދާޅުވީ، އެއާޕޯޓް ފަންޑުގެ ބެލެންސް ހާމަކުރަން ނުކެރޭނެ ކަމަށް ---

މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހަ ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރަން ރައްކާކުރި 86 މިލިއަން ޑޮލަރާއި ކައްދޫ އެއާޕޯޓު ތަރައްގީކުރަން ރައްކާކުރި 10 މިލިއަން ޑޮލަރު މި ސަރުކާރުން ބޭނުންކޮށްފައިވާ ކަމަށާއި އެ ފަންޑުގެ ބެލެންސް ހާމަކުރަން ނުކެރޭނެ ކަމަށް ބުނެ، މިދިޔަ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒްގެ މަގާމު ފުރުއްވި ގާނޫނީ ވަކީލު އަހުމަދު މައުރޫފް މިއަދު ސަރުކާރަށް ޗެލެންޖުކުރައްވައިފިއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރޭ ވަނީ އެއާޕޯޓުތައް ތަރައްގީކުރަން މިދިޔަ ސަރުކާރުގައި ފެށީ ވަކި އެކައުންޓެއްގައި ފައިސާ ރައްކާކޮށްފައި ކަމަށް ވިދާޅުވެފައެވެ. އެކަމަކު، އެ މަޝްރޫއުތައް މިހާރު ހުއްޓިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ރަށްތަކެއް ކުއްޔަށް ދީގެން 86 މިލިއަން ޑޮލަރު އަޅުގަނޑުމެން އެކައުންޓަކަށް ޖަމާކުރިން. ކޮށްފައި އެ މަސައްކަތް ފެށީ،" ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެ ގޮތުން، އެ މަނިކުފާނު ވިދާޅުވީ، އެ ފަންޑުގެ ތެރެއިން ތަރައްގީކުރަން ނިންމި ޑޮމެސްޓިކް އެއާޕޯޓުތަކަކީ:

  • ހދ. މަކުނުދޫ އެއާޕޯޓު
  • ށ. ބިލެއްފަހި އެއާޕޯޓު
  • ރ. ބެރިޔަންފަރު އެއާޕޯޓު
  • ބ. ތުޅާދޫ އެއާޕޯޓު
  • ފ. މަގޫދޫ އެއާޕޯޓު
  • ތ. ވިލުފުށި އެއާޕޯޓު

"މި ދެންނެވި 86 މިލިއަން ޑޮލަރު ޖަމާކޮށްފައި އަޅުގަނޑުމެން ފެށި މަސައްކަތެއް. އަޅުގަނޑު މިއަދު ސުވާލުކޮށްލަން ބޭނުންވަނީ ކޮބައިތޯއޭ މި ފައިސާ؟ ހަމަ ގައިމު ވެސް މިއިން ރަށެއްގައި ޕްރޮޖެކްޓެއް ނުހިނގާ،" ޞާލިޙް ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ލ. ކައްދޫ އެއާޕޯޓު ތަރައްގީކުރަން ވެސް އިތުރު 10 މިލިއަން ޑޮލަރު ރައްކާކުރިން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ވާހަކަފުޅާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުރޫފް ވިދާޅުވީ، މިދިޔަ ސަރުކާރުގައި އެއާޕޯޓުތައް ތަރައްގީކުރަން އެއްކުރި ފައިސާ ޖަމާކުރީ މިނިސްޓްރީ އޮފް ފިނޭންސްގެ ނަމުގައި މަރުކަޒީ ބޭންކް، އެމްއެމްއޭގައި އޮންނަ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށެވެ.

އެ ފައިސާ މިހާރު ކޮބާތޯ ނޫސްވެރިން ސަރުކާރުގައި ސުވާލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއާޕޯޓު ޕްރޮޖެކްޓްތައް ނުހިނގާ. މި ސަރުކާރުން އެ ފައިސާ ބޭނުންކޮށް ހުސްކޮށްފި. ޗެލެންޖްކޮށްފައި މި ބުނަނީ އެ ފަންޑުތަކުގެ ބެލެންސް މިހާރު ހާމަކުރާކަށް ނުކެރޭނެ،" މައުރޫފް ސަރުކާރަށް ޗެލެންޖްކުރެއްވިއެވެ.

އެ ފަންޑާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާ ސުވާލުކުރުމުން މިހާތަނަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.

މި ސަރުކާރު އައުމަށް ފަހު މަޝްރޫއުތައް ނުހިނގާކަމުގެ ޝަކުވާ ބޮޑެވެ. އެގޮތުން، މަޝްރޫއުތަކަށް ކުރި ހޭދަ ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 4.2 ބިލިއަން ރުފިޔާ ދަށްވެފައެވެ. މަޝްރޫއުތަކަށް މި އަހަރު ބަޖެޓުކުރި ފައިސާގެ ތެރެއިން ވެސް 9.4 ބިލިއަން ރުފިޔާ ޚަރަދުނުކޮށް އެބައޮތެވެ.

އެކަމަކު، ސަރުކާރުން އަންނަނީ ވައުދުވީ ގޮތަށް ފަސް އަހަރު ނިމެންވާއިރަށް ހުރިހާ މަޝްރޫއެއް ނިންމޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

comment ކޮމެންޓް