ކ. ތިލަފުށީގައި އިއްޔެ ބިދޭސީއަކު ލޮރީއެއް ދަށުވެ، ލިބުނު ސީރިއަސް އަނިޔާތަކަށް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑުގައި ބާއްވައިގެންކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.
އިއްޔެ ފުލުހުން ބުނީ ހާދިސާ ހިނގައިގެން ރިޕޯޓުކުރީ މެންދުރުފަހު 14:15 ހާއިރުކަމަށެވެ. މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނީ ސްރީލަންކާ ރައްޔިތަކަށެވެ. އައިޖީއެމްއެޗުން މިއަދު "ސަން"އަށް ބުނި ގޮތުގައި އެއީ 53 އަހަރުގެ މީހެކެވެ.
ހޮސްޕިޓަލުން ބުނީ މިހާރު އޭނާއަށް ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާއާއި، މިހާރުގެ ހާލަތު ހުރީ ކިހިނެއްކަން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ ހާދިސާ ހިނގަން މެދުވެރިވީ، އެކްސްކެވޭޓަރެއް ކައިރި އޭނާ މަސައްކަތް ކުރަން ހުއްޓައި ލޮރީއަކުން ޖެހި ވެއްޓި، ލޮރީ އޭނާގެ ގައިމަތިން ދިޔުމުން ކަމަަށެވެ.
މި މައްސަލައާ ގުޅިގެން ލޮރީ ދުއްވި މިހާ މިހާރު ހުރީ ފުލުުހުންގެ ބެލުމުގެ ދަށުގައެވެ. އެއީ އުމުރުން 28 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ވިގްނޭޝް އަންނަޑުރާއީ އެެވެ. ފުލުހުން ވަނީ އޭނާ ދުއްވި ލޮރީ ވެސް ޓޯކޮށްފައެވެ.
އަދި މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.