ގައުމީ ޓީމުން ޔަޝްމު ބާކީކުރަން އެސޯސިއޭޝަނުން ނިންމުމުން ކަންބޮޑުވުން

ދިވެހި ކުޅިވަރުގައި މިހާރު އެންމެ ވާހަކަދެކެވޭ އެއް މައުޟޫއަކީ ސީނިއާ ގައުމީ ހޭންޑްބޯޅަ ސްކޮޑުން، މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ މުހައްމަދު ޔަޝްމު ބާކީކުރި ވާހަކައެވެ.

މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑްސްގެ އެންމެ މޮޅު ކުޅުންތެރިޔާ ސްކޮޑުން ބާކީކުރުމާއެކު ގިނަ ބައެއްގެ ނުރުހުން އެކަމަށް އަމާޒުވަމުން އަންނައިރު، ހޭންޑްބޯލް މޯލްޑިވްސް އިން ގައުމީ ޓީމުތައް އެކުލަވާލާ ގޮތާމެދު ގިިނަބަޔަކު ސުވާލު ވަނީ އުފައްދަން ފަށާފައެވެ.

މިއަހަރު ނޮވެމްބަރު މަހު ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ހޭންޑް ބޯޅަ ޓީމުގެ ސްކޮޑު އިއުލާނު ކޮށްފައިވާއިރު އެ ސްކޮޑުގައި ޔަޝްމުގެ ނަމެއް ނެތެވެ. މި ގޭމްސްއަށް ދުރާލާ ތައްޔާރުވާން ފެށި ނަމަވެސް އަދިވެސް މި ގޭމްސްގެ ހޭންޑްބޯޅަ އިވެންޓުން ރާއްޖެއަށް ފުރުސަތު ޔަގީނެއް ނޫނެވެ.

މި އަހަރުގެ ޖޫން މަހުން ފެށިގެން ޔަޝްމު ދިޔައީ އަމިއްލަ ހަރަދުގައި މެލޭޝިއާގެ ކްލަބެއް ކަމަށްވާ ކައިޖާން ހޭންޑްބޯލް ކްލަބާއެކު ފަރިތަކުރަމުންނެވެ. އެސޯސިއޭޝަނުގެ ރުހުން ހޯދައިގެން ޔަޝްމު މެލޭޝިއާ ކުލަބާއެކު ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ކުލަބުގެ އެއް ފަރިތަކުރުން ފިޔަވާ އެހެން ހުރިހާ ފަރިތަކުރުންތަކެއްގައި ގަވާއިދުން ބައިވެރިވެފައެވެ. އެކަން "ސަން" އަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.

މެލޭޝިއާ ކުލަބުގައި ޔަޝްމުގެ ހާޒިރީ

ޓޫރިސްޓު ވިސާގައި މެލޭޝިއާގެ ކުލަބުގައި ތަމްރީނުތައް ފުރިހަމަކުރަމުން އައިއިރު، އެ ކުލަބުން ވަނީ ޔަޝްމުގެ ހުރިހާ ކަމެއް ބަލަހައްޓާފައެވެ. ދެކޮޅު ޓިކެޓާއި ވިސާ އާކުރުމުގެ ކަންމުން ފެށިގެން އެ ކުލަބުން ވަނީ ޔަޝްމުގެ ކަންކަން ވަރަށް ގާތުން ބަލަހައްޓާފައެވެ. އަދި ގައުމީ ސްކޮޑުގައި ބައިވެރިވާން ބޭނުންނަމަ ޔަޝްމުއަށް ބޭނުން އިރަކު އެކަން ކުރެވޭނެ ގޮތް ކުލަބުން އޮތީ ފަހިކޮށްދީފައެވެ.

މިދިޔަ ހަފުތާ ތެރޭގައި ޔަޝްމު ވަނީ ވިސާ އައުކުރުމަށް ރާއްޖެ އައިސްފައެވެ. އޭރު ގައުމީ ސްކޮޑެއް އެކުލަވާލަން އުޅޭކަމުގެ މައުލޫމާތެއް އޭނާއަށް އެނގިފައިނުވާ ކަމަށް އެނގިފައިވެއެވެ.

ރާއްޖެ އައި ދުވަސް ކަމަށްވާ ބުރާސްފަތި ދުވަހާ ޖެހިގެން އައި ހުކުރު ދުވަހު ޓީމުން ވަނީ ހޮނިހިރު ދުވަހު އޮންނަ ފިޓްނަސް ޓެސްޓެއް ހެދުމަށް އޭނާ ކައިރި އައުމަށް އެދިފައެވެ. ޔަޝްމު ވަނީ ދަތުރު ވަރުބަލިވެފައި ވުމާއެކު ކުއްލިގޮތަކަށް އޭގައި ބައިވެރިނުވެވޭނެ ކަން އެސޯސިއޭޝަނަށް އަންގާފައެވެ.

ޔަޝްމު ސްކޮޑުގައި ނުހިމެނޭ ސީދާ ސަބަބު ރަސްމީކޮށް އަދި އެސޯސިއޭޝަނުން ހާމަކޮށްފައެއް ވެސް ނުވި ނަމަވެސް އެކި މީޑިއާތަކުގައި ޓީމުގެ އިސްވެރިންނާއި އެސޯސިއޭޝަނުގެ އިސްވެރިން ވަނީ ވާހަކަދައްކާފައެވެ.

އެގޮތުން މީޑީއާގައި ވާހަކަދައްކަމުން ގައުމީ ހޭންޑްބޯޅަ ޓީމުގެ މެނޭޖަރު ޔޫސުފް އައުޒަމް ވިދާޅުވީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ހޭންޑްބޯޅަ ޓީމުގައި ހިމެނޭ 16 ކުޅުންތެރިންގެ ތެރޭގައި ޔަޝްމު ހިމެނިފައި ނުވަނީ މުބާރާތަށް ޓީމު ލިސްޓް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ފިޒިކަލް ޓެސްޓުގައި ޔަޝްމު ބައިވެރިވެފައިނުވާތީ ކަމަށެވެ.

ޔަޝްމުއަށް ސްކޮޑުން ފުރުސަތު ނުލިބުނު މައްސަލައިގައި އެސޯސިއޭޝަނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. އެސޯސިއޭޝަނުން އަދި ރަސްމީކޮށް ބަހެއް ބުނެފައި ނުވި ނަމަވެސް، އެސޯސިއޭޝަންގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ އެސޯސިއޭޝަނަކުން އެއްވެސް ކުޅުންތެރިޔަކާ ޒާތީވެ ފުރުސަތު ބަންދުކުރުމަށް މަސައްކަތް ނުކުރާނެ ކަމަށެވެ.

މީގެއިތުރުން އެސޯސިއޭޝަނުން އެއްވެސް ކުޅުންތެރިއަކަށް ދެރަ ގޮތެއް ހަދައި، އެކަންކަން ސިއްރުކޮށްގެން މަސައްކަތް ނުކުރާނެ ކަމަށާއި ކޯޗިން ޕެނަލުން ނިންމާފައިވާ ނިންމުމަކީ ހަތަރު ކޯޗުންގެ ޕެނަލަކުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު