ޒަކިއްޔާގެ މަރަށް އަހަރެއް: އިހުތިޖާޖަށް ނިކުމެ ތަހުގީގު އަވަސްކޮށް، މައުލޫމާތު ހާމަކުރަން ގޮވައިލައިފި

ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިިދނުމަށް ގޮވާލާ މިއަދު ބޭއްވި އެއްވުމުގެ ތެރެއިން --- ފޮޓޯ: ޗެނަލް 13 ފީޑް ސްކްރީންޝޮޓް

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10ވަނަ ދުވަހު ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރަށް އަހަރެއްވީއިރު، އަދިވެސް އެ މަރުގެ މައްސަލަ ތަހްގީގުކޮށް ނުނިމޭތީ، މައްސަލައިގެ ތަހްގީގު އަވަސްކޮށް ތަހްގީގުގެ މައުލޫމާތު ހާމަކުރަން ރަށުގެ ރައްޔިތުން މިއަދު ގޮވާލައިފިއެވެ.

ހޮޅުދޫގެ ރައްޔިތުން މިއަދު ބޭއްވި އެއްވުމުގައި ވަނީ، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ލިބޭނީ ކޮން އިރަކުންތޯ ސުވާލު އުފައްދައި، އޭނާގެ ޤާތިލުން ހައްޔަރުކުރުމަށް ގޮވާލައިފައެވެ. އެ ރަށު ރައްޔިތުން އަދިވެސް ބުނަނީ، ޒަކިއްޔާ އަމިއްލައަށް މަރުވީ ނޫން ކަމަށާއި، މަރާލީ ކަމަށެވެ. މި މައްސަލައިގެ ތަހްގީގުގައި އިހުމާލުވި މީހުން ހައްޔަރުކުރުމަށް ވެސް، އެ އެއްވުމުގައި ގޮވާލާފައިވެއެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ބޭއްވި އެއްވުމުގައި ބައިވެރިވި މީހަކު ބުނީ، ފެށުނީއްސުރެ ފުލުހުންގެ ތަހްގީގުގައި އިހުމާލު އެބައޮތް ކަމަށާއި، އެ މައްސަލައިގައި ފުލުހުންނަށް ކަން ކުރެވުނީ އެންމެ ރަނގަޅަށް ނޫން ކަމަށް، ޚުދު ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވެސް އިއުތިރާފްވެވަޑައިގެންނެވި ކަމަށެވެ.

މި މައްސަލައިގައި ފުލުހުންގެ ވާހަކަތައް ދިމާނުވާ ކަމުގެ ކަންބޮޑުވުން ވެސް ރައްޔިތުން ފާޅުކުރިއެވެ.

"މިކަހަލަ މަރުގެ މައްސަލަތަކުގަ އިހުމާލުވާ މީހުން އިހުމާލުވާން އެ ފުރުސަތު އެ ލޫޕްހޯލް ގާނޫނުގަ އޮންނާތީ އެގޮތަށް ކަންކުރަނީ، އެ ލޫޕްހޯލްތައް ބަންދުނުކޮށެއް މިފަދަ އެންމެ މަރަކަށް ދެ މަރަކަށް އިންސާފު ލިބިގެންނެއް އަދި ދާއިމީ ހައްލެއް ލިބުނީ ކަމަކަށް ގަބޫލެއް ނުކުރަން،" ވާހަކަ ދެއްކި ރައްޔިތަކު ބުންޏެވެ.

އެއާއެކު، މަރުގެ އެކި މައްސަލަތަކުގައި ވެސް ކޮންމެ ސަރުކާރަކުން މައްސަލަ ތަހްގީގުކުރުމަށް ޓަކައި އެކި ކޮމިޝަންތައް ހަދާކަން ފާހަގަކޮށް އޭނާ ބުނީ، ފެންނަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ފަދަ ކަމާ ގުޅުންހުރި މިނިވަން މުއައްސަސާތައް ފެއިލްވެފައިވާ މަންޒަރު ކަމަށެވެ.

އެ މުއައްސަސާތައް ނުފޫޒުން ސަލާމަތްނުކުރެވިގެން ނޫނީ މިކަމަށް ދާއިމީ ހައްލެއް ނުލިބޭނެ ކަމުގައި ވެސް އޭނާ ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހްގީގުގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ޤަބޫލުކުރާތީ ފުލުހުންނަށް ދައުވާކުރުމާ މެދު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން މަޝްވަރާކޮށްފައިވެއެވެ.

ޒަކިއްޔާގެ ތަހުގީގާ ގުޅޭގޮތުން އެންއައިސީން ފުލުހުންނަށް ކުރާ ތުހުމަތުތަކަކީ ފުލުހުންގެ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލުތައް ހިންގުމާއި، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ބޭނުންކުރުމާއި، އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމާއި، ގާނޫނު ހިންގުމަށާއި ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅުމެވެ.

https://sun.mv/209702

"ސަން"އިން ސުވާލުކުރުމުން ޕަބްލިކް ޕްރޮސެކިއުޓަރު އަދި ޕްރޮސެކިއުޓަރު ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ޝަފީއު މީގެ މަހެއްހާ ދުވަސްކުރިން ވިދާޅުވީ، ޒަކިއްޔާގެ މަރުގެ މައްސަލަ ތަހްގީގުކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަނަށް ގެނެސް ދައުވާކުރުމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށާއި، މިހާރު ހުރި ހެކިތަކުން ދައުވާކުރެވޭ ވަރަށް ހެކި ހުރިކަމަށްވާ ނަމަ، ދައުވާކުރުމަށް ނިންމާނެ ކަމަށެވެ.

މި ނިމުނު ރޯދަމަހު، ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފުލުހުންގެ އިސްވެރިންގެ ޓީމެއް ހޮޅުދުއަށް ގޮސްފައިވެއެވެ. އެ ކަމަށް އިޝާރާތްކޮށް އާއިލާއިން ބުނީ އެ ދަތުރުގައި ފުލުހުން އާއިލާއާ ބައްދަލުކުރި ކަމަށެވެ. އެ ބައްދަލުވުމުގައި ޒަކިއްޔާގެ މަރާއެކު، ދެން ޝައްކު އުފެދޭ އެންމެހާ މަރުތަކުގައި އޮޓޮޕްސީ ހަދާނެ ކަމަށް ފުލުހުން ބުނި ކަމަށް ވެސް އާއިލާއިން އޭރު ބުންޏެވެ.

އެކަމަކު އެއީ ކުރިން ވެސް އޮތް އުސޫލެއް ކަމަށާއި، މިދިޔަ އަހަރު ނެރުނު ނެޝަނަލް ސްޓޭންޑާޑް ފޯ ފޮރެންސިކް މެޑިކަލް ސާވިސަސް އިން މޯލްޑިވްސް" ގައި އެ ކަން ލިޔެފައިވާ ކަމަށް އާއިލާއިން ބުންޏެވެ. އާއިލާއިން ބުނީ، އެ އުސޫލު ކުރިން ވެސް އޮއްވައި، ޒަކިއްޔާގެ މަރުގެ މައްސަލައިގައި އޮޓޮޕްސީ ނުހެދީ ގަސްތުގައި، ހެކި ނައްތައިލައި ކަންކަން ފޮރުވަން ކަމަށެވެ.

މި މައްސަަލައިގައި އެމެރިކާގެ އެފްބީއައި ވެސް ބައިވެރިކުރިއެވެ. ނަމަވެސް ތަހުގީގުތަކުގެ މާ ބޮޑު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ރައީސް ވަނީ ޒަކިއްޔާގެ މަރުގެ މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެއްލެވުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަގީންކަން މީގެ ކުރިން ދެއްވައިފައެވެ.

comment ކޮމެންޓް