އާމިރުގެ ބަރުދަން އިތުރުވުމާ ފިލްމެއްގެ ކެރެކްޓާއާ ގުޅުމެއް ނެތް

ބޮލީވުޑް އެކްޓަރު އާމިރު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާން ކުރިއަށްވުރެ ފަލަވެ ބަރުދަން އިތުރުވެފައި ވަނީ ފިލްމެއްގެ މަސައްކަތަކަށް ނޫން ކަމަށް އެކްޓަރު ބުނެފިއެވެ.

މާބޮޑަށް ފަލަވެ ބަރުދަން އިތުރުވެފައި ވަނީ ސިއްހީ މައްސަލަތަކަކާ ގުޅިގެން ބޭނުންކުރަމުން އަންނަ ބޭސްތަކެއްގެ ސަބަބުން ކަމަށް އާމިރު ވަނީ މީޑިއާގައި ވަނީ ބުނެފައެވެ.

މީޑިއާގައި ވާހަކަ ދައްކަމުން ކާމިޔާބު އެކްޓަރު ބުނީ، އާމިރުއަށް މައިގްރޭންގެ މައްސަލަ ކުރިމަތިވަމުން އަންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެކަމާ ގުޅިގެން ސްޓެރޮއިޑްތަކެއް ނަގަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ބަރުދަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އާމިރު ވަނީ ބުނެފައެވެ.

އެކަމުގައި އާމިރަށް ކުރެވޭނެ މާބޮޑު މަސައްކަތެއް އަދި ނެތް ނަމަވެސް ފަރުވާ ނިމުނުހާ އަވަހަކަށް ބަރުދަން ލުއިކުރުމުގެ ޕްރޮގްރާމެއް ފަށާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

އާމިރު ޚާން ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ

ނަމަވެސް ބަރުދަން ލުއިކުރާނީ ވެސް ވަކި ފިލްމަކަށް ފޯކަސްކޮށްގެން ނޫން ކަމަށާއި އާމިރުއަށް މުސްތަގުބަލުގައި ލިބޭ ކެރެކްޓާއެއް އޭރު އާމިރުގެ ބަރުދަން ހުރިގޮތަކަށް ބައްޓަން ކުރެވިދާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އާމިރުގެ ބަރުދަން އިހުނަށްވުރެ އިތުރުވެ ފަލަކަށް ދައްކާތީ ގިނަ ބަޔަކަށް ހީވެފައި އޮތީ އާމިރުގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެންނަނީ އެކްޓަރުގެ ކުރިއަށް އޮތް ބައޮޕިކް ފިލްމު "ދާދާސަހޭބް ޕަލްކޭ"އަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. ނަމަވެސް އެކްޓަރު ވަނީ އެކަން ދޮގުކޮށްފައެވެ.

މައިގްރޭންގެ މައްސަލައާ ގުޅިގެން ބޭނުންކުރަމުން އަންނަ ސްޓެރޮއިޑްތަކުގެ އެހީގައި ވެސް ސިއްހަތަށް މާބޮޑު ބަދަލެއް ނާންނާތީ ޑޮކްޓަރުންގެ ލަފާގެ މަތިން އާމިރު ނިންމާފައި ވަނީ އެ ފަރުވާ ހުއްޓާލުމަށެވެ.

އެހެންވެ ވަރަށް އަވަހަށް އާމިރުގެ ހަށިގަނޑަށް ހެޔޮ ބަދަލެއް އަންނަތަން އާއްމުންނަށް ފެންނާނެ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ. އާމިރު އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މި އަހަރުގެ ޖޫން މަހު ރިލީޒްކުރި ފިލްމު "ސިތާރޭ ޒަމީން ޕަރު"އިންނެވެ.

ފިލްމީ ތަރިންނަކީ އެ މީހުންނަށް ކުޅެން ލިބޭ ރޯލަކާ ގުޅުވައި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެންނަ ބައެކެވެ. ފިލްމު ޑަންގަލް ފަދަ ފިލްމުތަކަށް މީގެ ކުރިން އާމިރު ވަނީ ވަރަށް ބޮޑަށް ފަލަވެފައެވެ. އަދި ފިލްމުގެ މަސައްކަތް ނިމުމާއެކު ޚާއްސަ ޑައިޓް ޕްލޭނަކާއި ކަސްރަތުތަކެއްގެ އެހީގައި އަނެއްކާ ވެސް ވަރަށް ބޮޑަށް ހިކުނެވެ.

comment ކޮމެންޓް