"ތިބާ ލަސްކުރާ ނަމާދަކީ އެންމެ ފަހުގެ ފުރުސަތަށް ވުމަކީ އެކަށީގެންވާކަމެކެވެ. އެއީ ތިބާގެ ސަލާމަތްވުމުގެ ވަސީލަތެއް ކަމުގައި ދެކެގެން ނަމާދަށް ރައްކާތެރިވާށެވެ. ވަގުތުން ނަމާދު ގާއިމުކުރާށެވެ. ކުރަން ހުރި ހުރިހާ މަސައްކަތެއް ފަހަށް ޖައްސާލާފައިވެސް ނަމާދު ވަގުތުން ކުރަންވާނެއެވެ."

***

އެކީގައި ދެމީހުން ގެއެއް ބިނާކުރާނީ އިންޝާﷲ. އެގެއިން އީމާންތެރިކަން އުއްމީދު އަދި ޝިފާވެސް ވާނެފަދަ ތަނަކަށްވާނެކަމަށް ދުޢާކުރަން.."

ހުރިހާ ލޯތްބާއެކު

<ކަމީލާ>

އޭނަ އެ ނޯޓްކޮޅު ފަށް ޖަހައިލީ ފަރުވާތެރިކަމާއެކުގައެވެ. އެލޯ ވިދަމުން ދިޔައީ ލޯތްބާއި އުއްމީދުންނެވެ.

***

އަޒިއެލްއާއި ޒޭބާ ގުޅިގެން މިސްކިތުގައި ޕްރޮގްރާމެއް ފެށިއެވެ. "ޝިއާރަކީ "މުޖުތަމައުގެ ދުޅަހެޔޮކަމެވެ." ފުރަތަމަ ރެއަށް ވުމުން އެންމެންޣޭ ލޯތަކުންވެސް ފެންނަނީ ޝައުގުވެރިކަމާއި އިންތިޒާރެވެ. ގޮނޑިބަރީގައި އިށީދެލައިގެން ތިބީ ދުވަސްވީ މީހުންނެވެ. އާއިލާތައްވެސް އެމީހުންގެ އީމާންތެރިކަމާއި ކެތްތެރިކަމާއި އަދި ޝިފާލިބުމާއި ބެހޭގޮތުން ދޭ ދަރުސް އަޑުއެހުމަށް ވަގުތު ހުސްކޮށްލައިގެންނެވެ.

އެ ޕްރޮގްރާމް ފެށުނީ ކީރިތި ގުރުއާންގެ ބަރަކާތުންނެވެ. ޒުވާނުން އެކީ އެއް އަޑަކުން މޫރިތި އާޔަތްތައް ކިޔެވިއިރު ގައިން ހީބިހި ހަލުވައިލާ ލޯތައް ފެންކަޅިކުރުވިއެވެ.

ކިޔަވާ ނިމުމުން އަޒިއެލް މައިކް ހިފައިގެން މޭޒުކައިރީގައި ހުއްޓުނެވެ. އޭނަ ސަލާމް ގޮވާލާފައި ޕްރޮގްރާމްއާއި ބެހޭގޮތުން ކޮންމެވެސް ވަރަކަށް އޮޅުން ފިލުވާދިނެވެ.

"އަހަރެންވެސް އެއް އިރެއްގައި ގެއިން ބޭރަށް ނިކުންނަންވެސް ބިރުގަތް..ބިރުގަތީ ސިކުނޑީގެ އަމުރުތަކަށް ހެއްލި ކޮށްފާނެކަމެއް ނޭގޭތީ...އެކަމަކު ﷲ ތައާލާ....ﷲތައާލާ އެއްވެސް މީހަކަށް ނުއުފުލޭނެ ވަރުގެ ބުރައެއް ނުޖައްސަވާނެ.. އަހަރެން މިތާ ހުއްޓިލައިގެން މިހިރީ ބަލިން އެއްކޮށް ރަގަޅުވެފައިވާ މީހެއްގެ ގޮތުގައެއްނޫން...އެކަމަކު އަލިކަމާއި ދިމާލަށް ހިނގަމުންދާ މީހެއްގެ ގޮތުގައި...ގަވާއިދުން ނަމާދުކުރަމުން... ޝިފާއާއި ދިމާލަށް ހިނގަމުން މިދަނީ......"

ބައެއްމީހުން ޖަޒުބާތީވެގެން ކަރުނަ ފޮހެލިއެވެ.

"ނަފްސާނީ މައްސަލައަކީ ބަލިކަށިކަމެއްނޫން. އެއީވެސް އިންސާނަކަށްވުމުގެ އެއްބައި. އަދި އަހަރެމެންގެ ދީނަކީ ރަހުމަތުން ފުރިގެންވާ ދީނެއް، އަމިއްލަ ނަފުސާއި އެހެންމީހުނަށް އަޅާލާން އަންގަވާފައިވޭ، އެހެންމީހެއްގެ މޫނުމަތިން ހިތާމައިގެ ކުލަވަރެއް ފެންނަނަމަ އެމީހަކަށް ހިނިތުންވުމެއްދިނުމަކީވެސް އޯގާތެރިވުން. ހިނިތުންވުމަކީ ސަދަގާތެއް..." ޒޭބާ ހިނިތުންވެލާފައި އެންމެނާއި މުޚާތަބުކުރިއެވެ. އެންމެފަހުގެ ޖުމްލަ ބުނެލީ ހަމައެކަނި ހިތަށް އިވޭވަރަށެވެ. "އާޒްގެ ސަބަބުން އަހަންނަށް ދަސްވީ މޮޔަކަމަކީވެސް ބައެއްފަހަރު މުގައްދަސް އެއްޗެއްކަން..."

ޒުވާން ފުރައިގެ ކުއްޖަކު އަތްމައްޗަށް ނެގިއެވެ.

"އަހަރެން ހީކުރީ އަހަރެންގެ ސިކުނޑިވެސް އެއްކޮށް ހަލާކުވީކަމަށް. އެކަމަކު މިހާރު އިހުސާސްވަނީ އެހެންމީހުން އަހަރެން ބާކީނުކުރާހެން. އެހެން މީހުންނަށް އަހަރެން ފެންނަހެން. ބަލައިގަންނަހެން..ނަފްސާނީ މައްސަލަތައް މިހާ ގިނަވަމުން އަންނައިރު ހޭލުންތެރިކުރަން މިފަދަ ޕްރޮގްރާމްތައް ބޭއްވުމަކީ ހަމަ ވަރަށް ހިތްހަމަޖެހޭކަމެއް.."

***

މަންމައާއި ބޮޑުދައިތަ ބަގީޗާތެރޭގައި ތިބެގެން އެކި ވާހަކަތައް ދައްކަމުން ދިޔައިރު އެދިމާލުގައި ހުރި ގަހެއްގެ ބުޑަށް ލެނގިލައިގެން އަޒިއެލް އިނީ އަމިއްލަ ޚިޔާލެއްގައެވެ. އޭނަގެ ކަންފަތް ހުޅުވުނީ "ޒޭބާ" ގެ ނަން އިވުމުންނެވެ. އެންމެ ފަހު ލަފުޒުތައް އިވުނީ ހޮނުގުގުރީގެ ގޮތުގައެވެ. ބޮޑުދައިތަ ފަޚުރުވެރިކަމާއެކު ބުނީ ޒޭބާގެ ލޯބިވެރިޔަކީ ހިތުގެ ޚާއްސަ ޑޮކްޓަރެއްކަމަށެވެ. ޒޭބާ ކިޔަވާ ނިމުމުން ދެމީހުން ކައިވެނިކޮށްގެން ދިރިއުޅުން އެމެރިކާއަށް ބަދަލުކުރަނީ ކަމަށެވެ. އަޒިއެލްގެ އަތުގައި އޮތް ނޯޓްފޮތް އަތުން ދޫވިއެވެ. މަޑުމަޑުން ވިނަގަނޑު މަތީގައި ޖެހުނެވެ.

މަންމަ އުފަލާއެކު މަރުހަބާކިއެވެ. ބޮޑުދައިތަގެ ފޮނި ހުނުމުގެ އަޑު އެތަނުގައި ގުގުމައިލިއެވެ. ޒޭބާ އެވަރުގެ ބޮޑު ސިއްރެއް ނުބުނެ ފޮރުވީ ކީއްވެހެއްޔެވެ؟ ޒޭބާ ފޮނުވި ސިޓީއިން ނެގިފައިވަނީ މުޅިން ނުބައި މާނައެކެވެ. އޭނައަށް ކުއްލިއަކަށް އިހުސާސްކުރެވުނީ އޭނައަކީ ބޭކާރު މީހެއްކަމެވެ. އެންމެންވެސް އޭނައަށް ސިއްރުން ހެނީއެވެ. މަލާމާތްކުރަނީއެވެ. ވަށައިގެންވާ ދޫނިތަކާއި މުގޮށިތައްވެސް މެއެވެ. ބޮލުތެރޭގައި ހައިޖާނުގަނޑެއް ހިނގައިގަތެވެ.

މަންމަމެން އެތަނުން ދިޔަކަން ޔަގީންވުމުން އޭނަ އެތަނުން ތެދުވުނެވެ. ޚަރީފު މޫސުމްގެ ކުލަޖެހެމުން ދިޔަ ގަހުގެ ފަތްތައް ވިނަތަކުގެ މައްޗަށް ވެރެމުން ދިޔައެވެ. އޭނަ ބޭނުންވީ ކައިރީގައިވާ ޕާކަކަށް ނަމަވެސް އެކަނިމާ އެކަނި ދިޔުމަށެވެ. މިވަގުތު ބޭނުންވީ އެކަނިވެރިކަމެވެ.

"ހޭއި އާޒް. ނުފެނިގެން ހާދަ ހޯދައިފީމޭ..މަންމަވެސް ބުނި ނުދެކެމޯ..އެކަމަކު މަންމަމެންވެސް އައީ ތިދިމާލުން......ކޮންތާކަށް ތިދަނީ؟" ފެންޑާގައި ހުރެފައި ޒޭބާ ގޮވައިލިއެވެ. ޚަރީފުގެ ކުލަތައް ހިމެނޭ ހެދުމަކާއެކު ޖެކެޓެއްގައި ޒޭބާ ފެންނަލެއް ވަރަށް ހިތްގައިމެވެ.

އަޒިއެލް އެއްޗެކޭ ބުނަން އުޅެފައިވެސް ފިޔަވަޅުތައް އަވަސްކޮށްލިއެވެ. މަގަށް ނުކުތުމާއެކު ފިޔަވަޅުތައް އަވަސްވަމުންގޮސް ދުވެލި ބާރުވިއެވެ.

ޒޭބާއާއި ވާހަކަދެއްކުމުން އެއްވެސް ހައްގެއް އޭނައަކަށް ނެތެވެ.

***

އަޒިއެލް ނުނިދާތާ ތިންވަނަ ރެއެވެ. ތިނެއްޖެހިއިރު ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަމުން ފޯނުން ވޮއިސްރިކޯޑަރއާއި ވާހަކަދައްކަމުން ދިޔައެވެ.

" މިއީ ހަމައެކަނި އެޕެއްނޫން..ހަމަ ރިވޮލިއުޝަނެެއް.. އަހަރެން އަމިއްލައަށް މީތި ކޯޑްކުރާނަން..އެހެން މީހަކަށް މިކަމެއްނުވާނެ. އަހަރެން ދެން މިސްކިތަށް ދިޔުންވެސް ހުއްޓާލާފައި މި ލޯންޗުކުރާނީ...އަހަންނަކަށް ކޮންމެހެން އިންވެސްޓަރުންވެސް ބޭނުމެއްނުވޭ. ހުރިހާ އެއްޗެއް ވިއްކާލާނީ.."

އޭނައަށް ލިބިފައިވާ ފޯރިއާއި ޖޯޝާއިއެކު ބިރުވެސް ގަންނަގޮތްވިއެވެ. ސިކުނޑި ރޭސްޖަހާވަރުން އެއްކަމެއްގައި އިނދެވޭވަރެއްވެސް ނޫނެވެ. އޭނަ ލެޕްޓޮޕާއި އަދި ބިއްގަނޑުގައި ހަރުކޮށްފައިވާ ވައިޓްބޯޑާއި ދޭތެރޭ އެތައް ފަހަަރު ހިނގައިފިއެވެ. ވައިޓްބޯޑުގައިވަނީ ދެބައިކުޅަ އެއްބައި ނިމިފައިވާ ވިޔަފާރި ޕްލޭނެކެވެ. އެހުރިހާކަމަކާއެކު އެތައް އެކުވެރިންނަށް މެސެޖްކޮށްފިއެވެ. އެތައް ޒަމާނުއްސުރެ ދެކެފައިނުވާ އެކުވެރިންނަށްވެސް މެއެވެ. އޭނަ ދައުވަތުދިނީ ފަށަން އުޅޭ ވިޔަފާރީގައި ބައިވެރިވުމަށެވެ. ބައެއްމީހުން ޖަވާބުދިނެވެ. އޭނަ އަނެއްކާ މެސެޖްކުރިއެވެ. އެތައް ފަހަރަކުއެވެ.

ހަވީރު އޭނަގެ ދައުވަތަށް އައި ތިން އެކުވެރިންނާއެކު ކައިރީގައި ހުރި އައިސްކްރީމް ޕާލާއަކަށްގޮސްފައި އޭނަ ފަސް އައިސްކްރީމް ތަށްޓަށް އޯޑަރުދިނެވެ. އޭނައަށް ދެ ތަށި އަދި "ކައުނަށް" ތިން ތަށްޓެވެ. ބާރުބާރަށް ހެމުން ނުދަންނަ އަންހެންކުދިންނާއި ވާހަކަދެއްކިއެވެ. އެކުދިން ރީތިކަމުގައި ބުނެ "ފްލާޓް"ކުރަން ފެށިއެވެ.

"އަހަރެން ވަރަށް ބަރާބަރު....ސޯ އެލައިވް...މިކަހަލަ މީހުންނަށް ދުނިޔެވެސް ބަދަލުކުރެވިދާނެ..." އޭނަ ކައުންޓަރުގައި ހުރި ކުއްޖާއާއި މޫނު ކައިރިކޮށްލިއެވެ. އެހެން މީހުންގެ ނުތަނަވަސް ނަޒަރުތަކެއް އޭނައަކަށް ފާހަގައެއްނުވިއެވެ.

އެކުވެރިއަކަށް އޭނަގެ މޮޔަ އަމަލުތައް ފެނި އެތަނުން ދުރަށް ގެންދާން އުޅުމުން ގަދަހެދިއެވެ. އެކުވެރިޔާގެ މޭގައި އަތް އަޅާ ކޮށްޕައިލިއެވެ. ކަޅި އަޅައިގަންނަމުން ހަޅޭއްލަވައިގަތެވެ.

"އެނގޭތަ؟ ތިއުޅެނީ ޖެލަސްވެގެން.. އަހަރެން މިހުރިހާކަމެއް ކުރާއިރު ކަލޭ ތިހިރީ ކުޑަ ފޮށްޓެއްގެ ތެރޭގައި ތާށިވެފައި...."

އެކުވެރިން ވާހަކަދައްކައިގެން ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ. ނޫނީ އެވަގުތު އޭނަގެ ސިކުނޑި އެކަމަށް އެއްބަސްވީއެވެ. އޭނަ ގެއާއި ހަމަޔަށް ލާ ދިނުމުން އަނެއްކާ އެކުވެރިއާގެ ކާރަށް އަރާ ދުއްވައިލީ މަގުކުޑަކޮށްފައެވެ. ނަސީބަކުން އޭނަގެ ޖީބުގައި ވޮލެޓް އޮތެވެ. ޕައުންޑްކޮޅެއްވެސް ހުއްޓެވެ. ދިހަވަރަކަށް މޭލު ދުރުގައި ހުރި ކެފޭއަކަށް ވަދެފައި އަޑުގަދަކުރަން ފެށުމުން އޭނަ އެތަނުން ނެރުނެވެ. އޭނައަށް ހީވާންފެށީ އެންމެންގެ ނަޒަރު އޭނައަށް ހުއްޓިފައިވާކަމެވެ. އެންމެން އޭނައާއިމެދު ނުބައި ފައިސަލާކުރަނީއެވެ. އަދި އޭނަގެ ޚިޔާލުތައް ވަގަށް ނަގަނީއެވެ.

ކާރު ހިތަށް އެރިގޮތަކަށް ދުއްވަނިކޮށް ތަނެއްގައި ޖެހި ބިއްލޫރިގަނޑު ތެޅުމުން އަވަހަށް ކާރުން ފޭބިއެވެ. ނަސީބަކުން އޭނައަށް ގެއްލުމެއް ނުލިބުނެވެ.

އޭނަ މަގުމަތީގައި ހިނގަމުން މަންމައަށް ގުޅިއެވެ.

"މަންމާ..ކޮންމެވެސް މީހަކު އަހަރެންގެ މެއިލް ހެކްކޮށްފި...އަހަންނަށް އެކަން ފީލް ވޭ.....އެހެންވީމަ ހަމަ ހިނގަން މިޖެހެނީ...މަޑުކޮށްފިއްޔާ އެމީހުން އަހަރެން އަތުލައިގަންނާނެ..ކޮންމެހެން ޕަރެނޮއިޑްވަނީއެއްނޫން..އެހެންމީހުންނަށް ނުފެންނަ ކަންތައްތައް އެބަފެނޭ..."

"ކޮންތާކު ތިހިރީ؟ އޭރުން ދޮންބެ ބަލާ ގޮސްދާނެ....އަވަހަށް ގެއަށް އާދޭ.....ޕްލީޒް ދަރިފުޅު. ކުރިން ތިހެން ބޭރަށް ދާކުއްޖެއް ނޫނެއްނު...ކޮންތާކު ތިހިރީ...އަވަހަށް ބުނެބަލަ....." ފަރުޒާނާގެ އަޑުގައި ހާސްކަންވިއެވެ.

އަޒިއެލް ފޯނު ކަނޑައިލިއެވެ.

ފަރުޒާނާއާއި އެހެން އެންމެން ކަންބޮޑުވެގެން ސިޓިންރޫމްގައި ތިބިއިރު އަމްރާންއަށް ގުޅަން މަސައްކަތްކުރިއެވެ.

"ކިހާރަގަޅަށް އެކުއްޖާ ހުރީ..އެއްކޮށްހެން ރަގަޅުވެފައި...އަނެއްކާ އެހާ ގޯސްވެދާނެކަމަށް ހީކުރާނީ ކާކުތަ؟މީހެއްގެ އެސްފީނާ ޖެހުނީ....." ފަރުޒާނާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ކައިލާ އޭނަގެ މަންމަގެ ގާތުގައި އިށީދެ ކޮނޑުގައި އަތް ވަށައިލިއެވެ.

"އެކަހަލަ ނަފްސާނީ ކުދިން ރަގަޅުވޭތަ؟ ކޮންމެފަދަ ކަމެއްވެސްކޮށްފާނެ..." މާހިރާ ޒަޚަމްތަކަށް ލޮނު މިރުސްއެޅިއެވެ.

"މަންމާ..."ޒޭބާ ލަދުގަންނަގޮތްވިއެވެ.

"މިބުނީ ނޯމަލްކޮށް އެކަނި ބޭރަށް ފޮނުވާ ވަރަށް އިތުބާރުކުރާކަށް ނުވާނެއޭ..އެހެންވެއެއްނު ދައްތަ ހާސްވާން ޖެހުނީ؟ މީހަކު އެކުއްޖާ ބަލަހައްޓަން އަބަދު ހުންނަން ޖެހޭ.."މާހިރާ ބުނެލިއެވެ.

***

ހަފްތާއެއް ވޭތުވެގެން ވީއިރުވެސް އަޒިއެލް ކޮޓަރީގެ ދޮރު ހުޅުވަން އިންކާރުކުރިއެވެ. ދޮރުފޮތިތައް ދަމާލައިގެން ކޮޓަރި އަނދިރީގެ ތެރެއަށް ގަންބާލައިގެންނެވެ. "ޑިޕްރެޝަން"އާއެކު އޭނަގެ ދުނިޔެ އަނދިރިވެގެން ދެއެވެ. ކައުޗްގައި ކުރުގެޅިލައިގެން އޮތީ ލައިގެން ހުރި ހެދުމާއި ބޫޓާއެކުގައެވެ. އެއް އިރެއްގައި ތަރުތީބުންވި ކޮޓަރިއަށް ތޫފާނެއް އަރާފައިވާފަދައެވެ. ނުދޮވެ ހުރި ހެދުންތައް އެކިދިމާލުގައެވެ. ޕިއްޒާ ފޮށިތަކައި ދަޅުތައް އުކާލާފައެވެ. ފެންވެރުމެއް ދަތް އުނގުޅުމެއްނެތެވެ. ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއްނެތެވެ. އެެހެން އޮވެފައި ބައެއްފަހަރު އަޑުކޮޅަށް ރޮއިގަނެއެވެ.ފޯނު ރިންގުވިޔަސް އަޅައެއްނުލައެވެ.

"މިއިން އެއްވެސް ކަމެއް އަހަންނަށް ކުރެވޭނެއޭ ހިތަށް އެރީ ކީއްވެތަ؟ލޫޒާ.....އެއްވެސް މީހެއްނޫނެއްނު.. އަމިއްލައަށް ހުރިހާ ކަމެއް ހަލާކުކޮށްލީ..ޕްލޭންތައް ފަނިކޮށްލީ....."އޭނަ ސީލިންއަށް ބަލަން އޮވެ އަމިއްލަ ނަފުސަށް ބުނެލިއެވެ.

އޭނަ ވޮއިސްމެއިލް ހުޅުވައިގެން އެކުވެރިން ފޮނުވި މެސެޖް އަޑުއެހިއެވެ. ޖަވާބެއްނުދިނެވެ. އަދި އޭނަ ރިކޯޑްކޮށްފައިވާ މެސެޖް އިވުމުން ލަދުގަންނަގޮތްވިއެވެ.

***

އަޒިއެލް އޭނަގެ ލެޕްޓޮޕް ހުޅުވައިލިއެވެ. އޭނަ މިސްކިތަށް ނުދާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެެއްޖެއެވެ. އީމެއިލް ހުޅުވާފައި ދެ ލަފުޒު ޓައިޕްކޮށްފައި ކޮންމެފަހަރަކު ފޮހެލަނީއެވެ. ގަޑިބަލައިލިއިރު މެންދުރު ދޭއްޖަހައިފިއެވެ. އަދިވެސް އޭނަ އޮތީ އެއްޗެއް ނުކައި ފުން ހިތާމައިގައެވެ.

"ކޮބާ މީގެ ބޭނުމަކީ؟ އަހަރެން ރަގަޅުވިޔަސް އަލުން އަނބުރާ މި މައްސަލަ ޖެހޭނެ.. އަބަދުވެސް..."

ދޮންބެއާއި މަންމަ އަދި ބައްޕަވެސް މެސެޖްކޮށްފައި ހުއްޓެވެ.

"އާ ޔޫ އޯކޭ؟" ޒޭބާގެ މެސެޖެއްވެސް އޮތެވެ.

"ޢައިމް ފައިން.."އޭނަ މެސެޖް ލިޔެފައި ފޮހެލައިފިއެވެ.

އޭނަގެ ސިކުނޑިއަށް ޝައިތާނާ އެރި ވަސްވާސް ލާދިނެވެ. "ތިއީ އަސްލުވެސް އެހެން މީހުންނަށް ކުރިމަތިވެފައިވާ އުދަގުލެއް...އެހެން މީހުން ބިރުގަނޭ. ދުވަހަކުވެސް ނޯމަލްއެއްނުވާނެ. ހަމަ ސައިކޯއެއް....."

އޭނަ ނޯޓެއް ލިޔަންފެށިއެވެ. ފޮނުވާކަށް ނޫނެވެ. އަމިއްލަ ނަފުސްގެ ކޮންޓްރޯލް އަތުލުމަށެވެ. މަރުވާކަށް އޭނަގެ ސިކުނޑީގެ ކޮންމެވެސް ދިމާލަކުން ބޭނުމެއްނުވެއެވެ. އަންގަނީ އެކަން ހުއްޓުމަށެވެ. އެތައް އިރެއްވާންދެން އޭނަ ގުޑިނުލާ ހިމޭނުން އޮތެވެ. އެންމެފަހުން ތެރަޕިސްޓަށް މެސެޖްކުރިއެވެ.

"ކެން ވީ ޓޯކް؟ އަހަރެން ނޯމަލްއެއްނޫން..."

***

މާހިރާ ފެންވަރާލައިގެން ނުކުތްއިރު ޒޭބާއިނީ ކުޑަދޮރުގެ ސީޓުގައި އިށީދެލައިގެން ބޭރަށް ބަލަހައްޓައިގެންނެވެ. ބޮޑު ފިކުރެއްގައި އިންފަދައެވެ.

"ކިހިނެއްވެފައި ތިއިނީ؟"

"ކަމެއްނުވޭ މަންމާ.."

"ކޮބާ އަހަރެން ބުނިގޮތަށް ނު މިވަނީ...އަޒިއެލް ސައިކޯކަމުން ގޭ އެންމެން ބިރުން...ދުވަހަކު އެ ނަފްސާނީ މައްސަލައަކުން އަރާނުގަނެވޭނެ. އޭނަ ކިހިނެއް މީހަކާއި އިނދެގެން އުޅޭނީ؟ މޮޔައެއްކަން އެނގި އެއްވެސް އަންހެންކުއްޖަކަށް އެކީ އުޅޭކަށް ނުކެރޭނެ. އަމިއްލަ އާއިލާވެސް އެއުޅެނީ ބިރުން ވިއްޔަ.." މާހިރާ ރީތިވާ މޭޒުދޮށުގައި އިށީނެވެ.

"ބައިޕޯލާ ޑިސްއޯޑާ ހަމަ ބޭހުންނާއި ތެރަޕީއިން މެނޭޖްކުރެވޭ..އާޒްއަށް ބޭނުންވަނީ ސަޕޯޓް...ތެރަޕީ..." ޒޭބާ މަޑުމަޑުން ކިޔައިލިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު