މިވަގުތު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ މަރުހަލާގައި އޮތް މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލާއެކު ނޫސްތަކާއެކު ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމުގެ ބިރު ވެސް އުފެދިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އެކަން ނުކުރާނެ ކަމަށް، ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރުން މިފަހުން މި ބިލަށް ހުށަހެޅި އިސްލާހުގައި މީޑިއާގެ ގޮތުގައި މާނަކޮށްފައިވަނީ ޓީވީއާއި ރޭޑިއޯއާއި ސީޑީއާއި ވެބްސައިޓާއި ނޫސްމަޖައްލާތަކާއި ޕަބްލިކޭޝަންތަކާއި، އެ ނޫންވެސް ނަންނަމުގައި ރަޖިސްޓްރީކޮށްގެންނާއި ރަޖިސްޓްރީނުކޮށް މައުލޫމާތާއި ޚަބަރާއި ޚިޔާލު ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް ނުވަތަ ހިލޭ ލިބޭ ގޮތަށް ޗާޕުކޮށްގެންނާއި އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ ޝާއިއުކުރުންތަކަށެވެ.
އެހެންކަމުން މި ބިލާއެކު ނޫސްތަކެކޭ އެއްގޮތަށް ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ސަރުކާރުން ފަށާނެ ކަމަށް ބުނެ, ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ވާހަކަ ދައްކާ މީހުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ކޮންޓްރޯލް ބިލު ދިފާއުކުރައްވައި "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްވިޔަސް، ސޯޝަލް މީޑިއާ ރެގިއުލޭޓުކޮށް، ފޭސްބުކާއި ޓިކްޓޮކާއި އެކްސް ފަދަ ޕްލެޓްފޯމްތައް ބަންދުވާ ގޮތަކަށް ބިލުގައި ނެތް ކަމަށެވެ.
"ތިޔަލޮބުވެތި ޒުވާނުން އަދި ރައްހިތުން ގަދައަށް ހަމަ ސޯޝަލް މީޑިއާ ބޭނުންކުރައްވާ." ފަލާހް ވިދާޅުވިއެވެ.
އަންނަ މަހުގެ ތިންވަނަ ދުވަހު އެމްޑީޕީން ބާއްވާ އެއްވުމަށް އިޝާރާތްކުރައްވައި ފަލާހު ވިދާޅުވިގޮތުގައި، އެ ޕާޓީން އެއްވުމުގައި ބައިވެރިވާން ގޮވާލާފައިވަނީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ތިބި އިސްވެރިން ކޮށްފައިވާ ވައްކަމުގެ މައްސަލަތައް ކަމާގުޅުންހުރި ފަރާތްތަކުން ބަލަން ފަށާފައިވާތީއެވެ.
"ނޫސްވެރިކަމުގެ ތާޖު އަޅައިގެން ތިބި އެމްޑީޕީގެ އެކްޓިވިސްޓުންތަކެއްގެ މަޅީގައި ތިޔަ ޒުވާނުން ޖެހިވަޑައިނުގަންނަވާނެކަން އަޅުގަނޑަށް ޔަގީން،" ފަލާހް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި މީޑިއާ ކޮންޓްރޯލް ބިލަށް ބަހުސްކުރައްވަމުން، ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ފަލާހު ވަނީ ނޫސްވެރިން އުލުބައިންދަން ގޮވާލައްވައިފައެވެ. އުލުބެއިންދުމަކީ އަނިޔާވެރި ގޮތަކަށް މީހުން މަރާ މެރުމެވެ.
"މި ލެވެލްގައި މަސައްކަތް ކުރީމައި މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]. އުލު ބައިދަންވީ. އިނގޭތޯ ރައީސް،" އޭނާ އެ ދުވަހު ވިދާޅުވިއެވެ.
އެ މައްސަލަ ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭއިން ވަނީ ފުލުހަށް ވެސް ހުށަހަޅައިފައެވެ. އަދި ފަލާހާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވެއެވެ. ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ތަކުރާރުކޮށް އެތައް ނޫސްވެރިންނެއް ސުވާލުކުރުމުން އެ މައްސަލަ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
ނޫސްވެރިން އުލުބައިންދަން ފަލާހު ގޮވާލެއްވި މައްސަލަ ތަހުގީގުކުރުމަށްޓަކައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ދިވެހި ފުލުހުން ބުނި ނަމަވެސް، އެ ލަފަޔާ ގުޅޭގޮތުން ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އަދި އަދަށް ދާންދެން އެއްޗެއް ބުނެފައެއް ނެތެވެ.