ނޭޕާލުގައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމާއެކު ހަމަނުޖެހުންތައް މައިތިރިވެެއްޖެ

ނޭޕާލުގެ ވަގުތީ ބޮޑުވަޒީރު ސުޝީލާ މަގާމުގެ ހުވާ ކުރައްވަނީ

ކަތުމަންޑޫ (13 ސެޕްޓެމްބަރު 2025) : ނޭޕާލުގައި ސަރުކާރެއްނެތި ހަތަރު ވަރަކަށް ދުވަސް ވެގެންދިޔުމަށްފަހު އިންތިގާލީ ސަރުކާރެއް އެކުލަވާލައި އެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފިއެވެ.

ނޭޕާލުގެ ވަގުތީ ބޮޑުވަޒީރުކަމަށް އައްޔަންކުރީ އުމުރުން 73 އަހަރުގެ ސުޝީލާ ކަރުކީ އެވެ. ސުޝީލާއަކީ ނޭޕާލުގައި އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭކަނބަލެކެވެ.

ނޭޕާލުގައި ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ ކުރިން ރައީސް ރާމް ޗަންދްރަ ޕުޑެލް ވަނީ ޕާލަމެންޓް އުވާލައި އަންނަ އަހަރުގެ މާރިޗް މަހުގެ ފަސްވަނަ ދުވަހު އާންމު އިންތިޚާބެއް ބާއްވަން ނިންމިކަން އިއުލާނު ކުރައްވާފައެވެ. އެހެންކަމުން ސުޝީލާގެ ވަގުތީ ސަރުކާރު ދެމިއޮންނާނީ އިންތިޚާބަށްފަހު އައު ސަރުކާރެއް އެކުލަވާލުމާ ހަމައަށެވެ.

ނޭޕާލުގެ ވެރިކަން ވައްޓާލި މުޒާހަރާގައި ކޮރަޕްޝަނާ ދެކޮޅަށް ހިޔާލު ފާޅު ކުރަނީ---

މިއީ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ނަމަވެސް ނޭޕާލުގެ ސަރުކާރުގެ އެންމެ އިސްވެރިއަކަށް އަންހެން ބޭފުޅަކު ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރެވެ. ނޭޕާލުގެ އަވަށްޓެރި ދެކުނު އޭޝިއާގެ ގައުމުތަކަކީ އަންހެން ބޭފުޅުން ބޮޑުވަޒީރުކަން ކުރައްވާފައިވާ ގައުމުތަކެވެ. އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އަދި ޕާކިސްތާނުގައި އަންހެން ބޭފުޅުން ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ.

ދެކުނު އޭޝިއާގައި އެންމެ ގިނައިން އަންހެން ބޮޑުވަޒީރުން ފެނިގެން ގޮސްފައިވަނީ ސްރީލަންކާއާއި ބަންގްލަދޭޝް މި ދެ ގައުމުންނެވެ.

ނޭޕާލްގައި އިންތިގާލީ ސަރުކާރެއް އެކުލަވާލަން ޖެހުނީ ޒުވާނުން އިސްވެތިބެ އެ ގައުމުގައި ކުރަމުންދިޔަ މުޒާހަރާތައް ހޫނުވުމާއެކު ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ މިދިޔަ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މުޒާހަރާތައް ފެށުނީ އިދާރީ ސަބަބަކާގުޅިގެން ނޭޕާލުގައި ސޯޝަލް މީޑިއާގެ މަންސަތައް މަނާކުރުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން މުޒާހަރާތައް ބަދަލުވީ ކޮރަޕްޝަނާ އިދިކޮޅު މުޒާހަރާތަކަކަށެވެ. އަދި އަމާޒަކަށްވީ ސަރުކާރު ވައްޓާލުންކަމަށްވަނީ ބެލެވިފައެވެ. މުޒާހަރާވެރިން ވަނީ މި މަގުސަދު ހާސިލް ކޮށްފައެވެ.

https://sun.mv/211104

ނަމަވެސް މުޒާހަރާ ވެރިން ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި ޕާލަމެންޓްގެ އިމާރާތާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުންގެ އަމިއްލަ ގެދޮރުގައި ވަނީ ހުޅުޖަހައި އަންދާލާފައެވެ. މީގެއިތުރުން މުޒާހަރާވެރިން ބައެއް އާންމުންގެ ގެދޮރަށާއި މުދަލަށްވެސް ބޮޑެތި ގެއްލުންތަކެއް ދިނެވެ.

މުޒާހަރާގެ ބައިވެރިން، ހިންގި މި ހަމަނުޖެހުންތަކުގައި މަދުވެގެން 51 މީހަކު މަރުވެ 1300 އަށް ވުރެގިނަ މީހުން ޒަޚަމްވިކަންވަނީ ކަށަވަރުވެފައެވެ. މިއީ މިފަހަކަށް އައިސް ނޭޕާލުގައި ހިނގި އެންމެ ބޮޑު ހަމަނުޖެހުންތަކެވެ. އަދި ޒުވާނުން ނުކުމެ ސަރުކާރު ވައްޓާލި ފުރަތަމަ ފަހަރެވެ.

ނޭޕާލަކީ ކުރިން އާއިލީ ރަސްކަމުގެ ނިޒާމެއް އޮތް ގައުމެކެވެ. ރަސްކަން، ޖުމްހޫރިއްޔަތަކަށް ބަދަލުކުރީ 2008 ވަނަ އަހަރުގައެވެ. ޖުމްހޫރިއްޔަތަކަށް ބަދަލުކުރިނަމަވެސް ނޭޕާލުގެ ފަގީރުކަމާއި އާންމުން އުޅެންޖެހިފައިވާ ދަތި ހާލަށް ބަދަލެއް ނާދެއެވެ. ގައުމުގެ ހުރިހާ ކަމެއް ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.

ނޭޕާލުގައި ސިޔާސީ ހަމެނުޖެހުން ބޮޑުވީވެސް ފަގީރުކަން އާންމުވުމުގެ ސަބަބުން ކަމަށްވަނީ ބެލެވިފައެވެ. އާބާދީއާ ބަލާއިރު ވަޒީފާގެ ފުރުސަތުތައް މަދުވުމާއި ފަގީރުންގެ ނިސްބަތް އާދަޔާ ޚިލާފަށް މައްޗަށް ދިޔުމާއި ސަރުކާރުން ރައްތިތުންނަށް ދޭންޖެހޭ އެންމެ އަސާސީ އާންމު ޚިދުމަތްތައްވެސް އާންމުންނަށް ނުދެވުމަކީ އަދި މަދުބަޔަކު ތަނަވަސްކަމުގައި އުޅުމަކީ ގައުމުގެ ޒުވާނުން ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތް މައިގަނޑު ސަބަބުކަމަށްވަނީ ބެލެވިފައެވެ.

ފަގީރުކަން އާންމު ވުމުގެ ސަބަބުން ނޭޕާލުގެ ޒުވާނުން ގައުމު ދޫކޮށް ބޭރު ގައުމުތަކަށް ހިޖުރަ ކުރާ މިންވަރުވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ.

ނަމަވެސް އިއްޔެ އިން ފެށިގެން ނޭޕާލުގެ ހަމަނުޖެހުންތައް ވަނީ މައިތިރިވާން ފަށާއެވެ. މަގުތައް ވަނީ އަމާން ވާން ފަށާފައެވެ. ފިހާރަތަކާއި ކެފޭތަކާއި ސަރުކާރުގެ އޮފީސްތައްވެސްވަނީ އަލުން ހުޅުވާފައެވެ. އާންމު ޚިދުމަތް ތައް ވަނީ ދޭން ފަށާފައެވެ. މަގުތައް ފުރާލާފައިވާ ފުލުހުންނާއި ސިފައިންވެސް ވަނީ ވަރަށް ބޮޑަށް މަދުވާން ފަށާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް