ލިސާން: ވާހަކަ --

"ސަމްރާ. ހަމަޖެހިލާފަ އަހަރެން ދައްކާ ވާހަކަ އަޑު އަހާ..." އެހެން ބުނެލުމަށްފަހު، ރައާބިލް އޭނާގެ އުނަގަނޑުގައި އަޅުވާފައި އޮތް ދަބަހުން ކޮންމެވެސް އެއްޗެއް ނެގިއެވެ.

ސަމްރާ ރައާބިލްގެ އަތުގައި އޮތީ ކޮން އެއްޗެއްތޯ ބަލައިލިއެވެ. އެއީ ރަން އުޅައެކެވެ. އެ ފަރުމާކޮށްފައިވަނީ އަތަށް ހެޔޮވަރު ކުރެވޭ ފަދަ ގޮތަކަށެވެ. އެއީ ރައާބިލް މީގެ ކުރިން ނަމީރަށް ފޮރުވި އުޅާއެވެ. އެ ދުވަހު ގަހުގެ ގޮފިގަނޑު މަތީގައި އޭނާ އޮއްވާ ނަމީރު އައުމުން ރައާބިލް އޭނައަށް އެ ފޮރުވީ ސަބަބެއް އޮވެގެންނެވެ. އެ ހަޤީޤަތް އޭނަ ނޫން އިތުރު މީހަކަށް އަދި ނޭނގޭނެއެވެ.

"އަހަރެން މިބުނާ ވާހަކައިން ސަމްރާ ބިރު ނުގަންނައްޗޭ!" ރައާބިލްގެ އަޑުގައިވި އަސަރުން ސަމްރާގެ މެއަށް ފިނިވެލިއެވެ. އެހެންނަމަވެސް، އޭނާ ބޯ ޖަހައިލިއެވެ. ކޮންމެ ޙާލެއްގައިވެސް އޭނާ ރައާބިލްއާ އެކުގައިވާން ބޭނުމެވެ. ރައާބިލް އޭނާގެ އަތުގައި އޮތް އުޅާ ސަމްރާގެ އަތަށް ލައިދިނެވެ. އެއަށްފަހު، އޭނަ ސަމްރާއާ ވާހަކަތަކެއް ދެއްކިއެވެ. ފުރަތަމަ ރައާބިލް ބުނެލި ވާހަކައާއެކު، ސަމްރާގެ މޫނުމަތީގެ ކުލަވަރުތައް އެކީ ބަދަލުވެ. ހާސްކަން ފެނިލިއެވެ. އެހެންނަމަވެސް ދެން ރައާބިލް ދައްކަން ފެށި ވާހަކަތަކާއެކު، އެ އަސަރުތައް ކޮންމެވެސް ވަރަކަށް ފަނޑުވިއެވެ. ރައާބިލް ސަމްރާ އޭނާއާ ގާތްކޮށްލީ އޭނާގެ އަތުގެ ހިމާޔަތް ދޭފަދައަކުންނެވެ. ސަމްރާ އޭނަގެ އަތަށް ރައާބިލް ލަައިދިން އުޅާއަށް ބަލައިލިއެވެ. ސަމްރާ ނިންމީ ކޮންމެ ގޮތަކުންވެސް ރައާބިލް ބުނި ގޮތަށް ކަންތައް ކުރާށެވެ. އޭނާ ރައާބިލްއަށް އިތުބާރުކުރިއެވެ. ރައާބިލް އޭނައަށް ދެރައެއް ނުދޭނެކަމުގައި ޔަޤީންކުރިއެވެ.

"އެއްވެސް ކަމަކާ ކަންބޮޑު ނުވައްޗޭ! ހުރިހާކަމެއް ވެސް ރަނގަޅުވާނެ. އަހަރެން ހުއްޓާ ސަމްރާއަށް ކަމެއް ނުވާނެ، އަދި ދަރިފުޅަށް ވެސް..." ރައާބިލް ބުނެލިއެވެ. ސަމްރާ ބޯ ޖަހައިލީ އަމިއްލަ ނަފްސަށް އެއްވެސް ޔަޤީންކަމެއް ނެތް ފަދައަކުންނެވެ.

ވަގުތު ކުޑަތަން ވަމުންދިޔަ ވަރަކަށް ސަމްރާގެ ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. އޭނަގެ ނޭވާ ފުންވަމުން ދިޔައެވެ. ހާސްކަމާއެކު ސަމްރާ ދެކޮޅަށް ހިނގަން ފެށިއެވެ. އެވަގުތު ބަނޑުގައި އޮތް ދަރިފުޅު ތޮޅިލިހެން ހީވިއެވެ. ސަމްރާގެ ފިޔަވަޅުތައް ވަގުތުން، މަޑުޖެހުނެވެ. އޭނައަށް ބަނޑުގައި އަތް ޖައްސައިލެވުނެވެ. އެއާއެކު ދެވަނަ ފަހަރަށް ވެސް ދަރިފުޅު ތޮޅިލަަފިއެވެ. އޭނައަށް ބަލައިލެވުނީ ރައާބިލްއަށެވެ. އޭރު ރައާބިލް ހުރީ ހިނި އައިސްފައެވެ. އޭނަ ސަމްރާގެ ގާތަށް ގޮސް ހުއްޓިލުމާއެކު، އަނެއްކާވެސް ދަރިފުޅު ތޮޅިލައިފިއެވެ.

"ދަރިފުޅު ވެސް އެބުނަނީ ސަމްރާ ކަންބޮޑުނުވާން. އަހަންނަކީ ސަމްރާ ތި ހީކުރާހާ ބަލިކަށި މީހެއް ނޫން. އަހަރެންގެ ގައިގައި އޭނަޔާ ކުރިމަތިލުމުގެ ޤާބިލުކަން އެބަހުރި." ރައާބިލް ބުނެލިއެވެ. އޭނަގެ އަޑުގައިވަނީ ޔަޤީންކަމެވެ.

ބާކީ އޮތް ވަގުތުތަކުގައި ރައާބިލް އެއްގޮތަކަށްވެސް ސަމްރާއާ ދުރަކަށް ނުދެއެވެ.

ދެ ނަމާދު ދޭތެރޭގައި ފައުޒީ އެގެއަށް އައީ އަހަންމައިދީ ވެސް ގޮވައިގެންނެވެ. ގޭގެ ގޯތި ތެރެއަށް ވަތްއިރު، ނަދީދާއާއި ވާފިރު ތިބީ ޖޯލީގައެވެ. ފައުޒީ ފެނުމާއެކު، އެ ދެމީހުން ޖޯލިން ތެދުވިއެވެ. އަހަންމައިދީ ގެ އަތުގައި އޭރު ބޮޑު ދަބަހެއް އޮތެވެ. އޭގައި ހުރީ މިރެއަށް ބޭނުންވާ ސާމާނެވެ.

ގޯތިތެރެއަށް ވަށައިގެން ނަޒަރު ހިންގައިލުމާއެކު، ފައުޒީ ފުންނޭވާއެއް ދޫކޮށްލިއެވެ.

"ކިހިނެއްވީ؟" ވާފިރު ސުވާލުކޮށްލީ ފައުޒީގެ ނަޒަރުން ކޮންމެވެސް ނުބައެއް އުޅޭކަން ފަހުމް ވުމާއެކުގައެވެ.

"އޭތި މިހާރުވެސް ކަލޭމެންގެ ދަރިފުޅު ކައިރީގައި އެބަ ހުރި." ފައުޒީ ބުންޏެވެ. އެއާއެކު ނަދީދާއަށް ވާފިރުގެ އަތުގައި ހިފައްޓައިލެވުނެވެ. ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔުމާއެކު، އެ ނުބައި ޖިންނީގެ ކިބައިން، އެމީހުންގެ ލޯބިވާ ދަރިފުޅުގެ ސަލާމަތަށް އެދި އޭނާއަށް މާތް ﷲ އަށް، ދުޢާ ދެންނެވުނެވެ.

"އެކަމަކު ކަލޭމެން ކަންބޮޑުނުވޭ، އަހަރެން އޭތީގެ ކިބައިން އޭނަ ސަލާމަތްކޮށްދޭނަން." ފައުޒީ ބުނެލިއެވެ. "އަހަރެން ބުނި އެއްޗެހި ތައްުޔާރު ދޯ."

"އާނ... އަހަރެމެން ފައުޒީ ބުނިއްޔާ ބުނި އަގެއް ދޭނަން. އަހަރެމެން ހަމަ އެކަނި ބޭނުމީ ސަމްރާ އޭތީގެ ކިބައިން ސަލާމަތްކުރަން." ވާފިރު ބުނެލިއެވެ. އޭނާގެ އަތުގައި ހިފައްޓާފައިވާ ނަދީދާގެ އަތުގައި، ވާފިރު ފިރުމައިލިއެވެ.

"ހިނގާ އެ ކޮޓަރި އަހަންނަށް ދައްކަން. މަސައްކަތް ފަށަންވީ ވަގުތު އަތުވެެއްޖެ!" ފައުޒީ ބުނެލިއެވެ.

ވާފިރު ކުރީގައި ހުރެގެން ދާން ފެށުމުން ފައުޒީ ބުނީ އޭނާގެ ފަހަތުން އައުމަށެވެ. ތުން ތަޅުވާލާފައި ފައުޒީ ކުރިއަށް ހިނގައިގަތްއިރު، އޭނާގެ ފަހަތުގައި ހުރީ އަހަންމައިދީއެވެ. ވާފިރާ ނަދީދާއާއި ތިބީ އެންމެ ފަހަތުގައެވެ. ފައުޒީ ދިޔައީ ކެނޑިނޭޅި ތުން ތަޅުވަމުން ކޮންމެވެސް އެއްޗެއް ކިޔަމުންނެވެ. އޭނާ ކޮޓަރީގެ ދޮރުފަތް ހުޅުވައިލުމާއެކު، ބާރު ވައިރޯޅިއެއްގެ ހިލަން ވިއެވެ.

"އެހަށް މަޑުކުރޭ. އަހަރެން ބުނީމަ ވަންނާނީ." އޭނައާއިއެކު އެތެރެއަށް ވަންނަން އުޅުނު ތިން މީހުންނަށް އިޝާރާތް ކޮށްލާފައި، ފައުޒީ ބުނެލިއެވެ. ކޮޓަރިތެރެއަށް އެންމެ ފުރަތަމަ ފިޔަވަޅު އަޅައިލީ ފައުޒީއެވެ.

އެތެރެއަށް ވަތްއިރު ކޮޓަރި ތެރޭގައި އާދަޔާ ޚިލާފު ފިނިކަމެއްގެ އަސަރު ވެއެވެ. ސަމްރާއަށް ސިހިފައި އެނދުމަތިން ތެދުވެވުނެވެ. އޭނާއަށް ބަލައިލެވުނީ ކައިރީގައި ހުރި ރައާބިލްއަށެވެ. ފައުޒީ އަހަންމައިދީއާއި، ވާފިރުމެންނަށް އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލިއެވެ.

އެމީހުން އެތެރެއަށް ވަނީ ދެނެވެ. ނަދީދާއާއި ވާފިރާ ދެމީހުން ސަމްރާއަށް ބަލައިލިއެވެ.

"ތިކަންތައް ހުއްޓާލާ މަންމާ!" އަތުގައި އޮތް އުޅާއަށް ބާރުކޮށްލަމުން ސަމްރާ އޭނަގެ ބަނޑުގައި އަތް ޖައްސައިލިއެވެ.

"އަހަންނަށް އެނގޭ ކަލޭ މިތަނުގައި ހުރިކަން..." ފައުޒީ ހަރު އަޑުން ބުނެލުމާއެކު، ވަށައިގެން ބަލައިލިއެވެ. ރައާބިލް ނުފެނުނެއް ކަމަކު، އެތަނުގެ ތެރޭގައި ރައާބިލް ހުރިކަން ފައުޒީއަށް ދެނެގަނެވުނެވެ. ކޮޓަރި ތެރޭގެ މާހައުލާއި އެ ފިނިކަމުން އެކަމުގެ ލިސާންތައް ދިޔައީ ފެންނަމުންނެވެ.

"އަހަރެން ކަލޭއަށް އަމުރު މިކުރަނީ ހަމަ މިހާރު މިވަގުތަށް މި އަންހެން ކުއްޖާ ދޫކޮށްލާފައި ދިޔުމަށް." ފައުޒީ އަމުރުކޮށްލިއެވެ. ފައުޒީމެންނަށް ނުފެންނަ ގޮތަށް ހުރި ރައާބިލް ދެބުމަ ގޮށް ޖަހައިލުމާއެކު، ނޫކުލައިގެ އައްޔެއް ފޭދިގެން ދިޔައިރު އޭނަގެ ދެލޯވެސް ވަނީ ދިއްލިފައެވެ. އެ މަންޒަރު ހަމަ އެކަނި ފެނުނު މީހަކީ ސަމްރާއެވެ. ރައާބިލްގެ ދެ އަތް މުށްކެވިގެން ދިޔަ މަންޒަރާއެކު، އަނެއްކާވެސް ވައިރޯޅިއެއް ޖެހިލިއެވެ.

"މަންމާ! ތިކަންތައް ހުއްޓާލާ..." ދުންފިނިކަމެއް ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ.

"ދަރިފުޅަށް ތިވަނީ ޖިންނިއެއް އަވަލާފަ. އޭތި އެދަނީ ދަރިފުޅުގެ ވިސްނުމާ ކުޅެމުން. މަންމަމެން މިކަންތައް މިކުރަނީ ހަމަ ދަރިފުޅަށް ރަނގަޅަށް." ބިރުގަތްފައި ހުރި ނަމަވެސް، ހިތްވަރުކޮށްފައި ނަދީދާ ވާހަކަ ދެއްކިއެވެ.

"އެ ތެދެއް ދަރިފުޅާ! ދަރިފުޅަށް ހަމަ ވިސްނުން ލިބޭނީ އެ އެތީގެ ކިބައިން ސަލާމަތްވުމުން." ވާފިރުވެސް ބުނެލިއެވެ.

"އަހަންމައިދީ... ތި ހުރިހާ އެއްޗެއް މިތާ އަތުރާލާ." އަހަންމައިދީގެ އަތުގައި އޮތް ދަބަހަށް އިޝާރާތްކޮށްފައި ފައުޒީ ބުންޏެވެ. އޭނަ ބޭނުންވީ ރައާބިލްއަށް ބިރު ދައްކާށެވެ.

"ކަލޭ ތިޔަ ހުރީ މިހިރަ އަންހެން ކުއްޖާ ދޫކޮށް ނުލާންކަން އަހަންނަށް އެނގޭ. މިއަދު އަނދައިގެން ދާން ބޭނުން ނޫންނަމަ ކަލޭ ހަމަ މިހާރު މި ކުއްޖާ ދޫކޮށްލާ. އަދި އަހަރެންގެ ކުރިމައްޗަށް އާދޭ..." ފައުޒީގެ އަޑު ބާރުވިއެވެ. އޭރު އަހަންމައިދީ އުޅުނީ އެއްޗެހިތައް އެތުރުމުގައި އަވަދި ނެތިއެވެ.

އެމީހުން ގެނައި ދަބަހުން ކަޅުކުލައިގެ ފޮތިގަނޑެއް ނެގުމަށްފަހު، އެ ފޮތިގަނޑު ކޮޓަރީގެ މެދުގައި އެނދާ ދިމާލުގައި ފަތުރައިލިއެވެ. އަދި ގެނައި އުއްބައްތިތައް ފޮތިގަނޑު ވަށައިގެން އަތުރާލާ ދިއްލައިލިއެވެ. އެއަށްފަހު، ބޮޑު ފޮތަކާއި ފުޅިއެއް ނެގިއެވެ. އެ ފުޅީގައި ހުރީ ލެއެވެ. އެއީ މިރެއަށް ތައްޔާރުވާން އޭނަ ކަތިލި ކުކުޅުގެ ލެޔެވެ.

"މެދުގައި އަލިފާންގަނޑު ރޯކުރޭ." ފައުޒީ ބުންޏެވެ. ވާފިރު ބޭރަށް ނުކުމެފައި އައީ އެކަން ކުރެވޭނޭ ގޮތަށް އޭނާ މިއަދު ތައްޔާރުކުރި ސާމާނު ހިފައިގެންނެވެ. ފައުޒީ ވަނީ ކުރިން އެ އެއްޗެހި ބޭނުންވާނެކަން އަހަންމައިދީ ލައްވާ ވާފިރުމެންނަށް އަންގާފައެވެ.

ހުރިހާ އެއްޗެއް އަތުރައިލާ އަލިފާންގަނޑު ރޯކޮށްލުމާއެކު، ފައުޒީ އެ ފޮތިގަނޑުގެ މެދަށް ވަނީ އެ ފޮތް ހިފައިގެންނެވެ. އެއަށްފަހު ގުދުވެލާފައި ތުންތަޅުވަމުން އެ ފުޅީގައި ހުރި ލެއިން އޭނަ ރޮނގެއް އަޅައިލިއެވެ. ވާފިރުމެންނަށް އެމީހުން ތިބެން ޖެހޭ ހިސާބު އޭނާ ދައްކައިލިއެވެ.

"ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ވިޔަސް މި ރޮނގުން އެތެރެއަށް ނުވަންނާތި." ފައުޒީ ބުންޏެވެ.

ދެން ފެނުނީ ފައުޒީ ފޮތިގަނޑުގެ މެދުގައި އިށީންތަނެވެ. އެ ފުޅި ހުޅުވާލާފައި އޭގެ ލޭތައް އަތުގައި އުނގުޅައިލިއެވެ.

"މަންމަމެންނަށް ނުފެނޭތަ؟ އެއީ ބޮޑު ސިހުރުވެރިއެކޭ. އޭނަ އެކުރާ މުޑުދާރުކަންތައް ނުފެނޭތަ؟" ސަމްރާއަށް މަޑަކުން ނުކުރެވުނެވެ. އޭނަ ހަޅޭއްލަވައިގަތެވެ.

"އޭނަ ދައްކާ އެއްވެސް ވާހަކައެއް އަޑު ނާހާތި. އަދިވެސް އޭނަ އެދަނީ އެ ކުއްޖާގެ ވިސްނުމާ ކުޅެމުން. މީ މިކަން ކުރަންޖެހޭ ގޮތް. އެހެންނޫނީ އޭނަ މިކަމުން ސަލާމަތެއް ނުވާނެ." ފައުޒީ ބުނެލިއެވެ. ވާފިރާ ނަދީދާ ވެސް ޤަބޫލުކުރީ ފައުޒީގެ ބަހެވެ. ސަމްރާގެ އާދޭސްތަކަށް އެމީހުން ދިނީ ބީރު ކަންފަތެކެވެ.

އަނެއްކޮޅުން ރައާބިލް ހުރީ ރުޅިއައިސް ރަތްވެފައެވެ. ފައުޒީ ގެންގުޅޭ ޖިންނީންނަށް އޭނާއާ ކުރިމަތިލުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.

ފައުޒީ ދެފައި ވަށްކޮށްލައިގެން އިށީނުމާއެކު، އެ ފޮތުން ބަލައިގެން ކިޔެވެލި ކިޔަވަން ފެށިއެވެ. އޭނާގެ ބޭނުމަކަށްވީ ރައާބިލް އޭނާގެ ކުރިމައްޗަށް ގެނައުމެވެ. އެކަމަކީ ކިހާ އުނދަގޫކަމެއްކަން އެނގުމާއެކު ފައުޒީ ފުންނޭވާއެއް ދޫކޮށްލާފައި އިހުނަށް ވުރެ އަވަހަށް ކިޔެވެލި ކިޔަވަން ފެށިއެވެ. ރައާބިލްއާ ފައުޒީގެ ޖިންނީންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ. ފައުޒީގެ އެތަކެއް މަސައްކަތަށްފަހު ވެސް، އޭނާއަށް ރައާބިލްއެއް ނުފެނުނެވެ. އެތަނުން ރައާބިލް ފެންނަނީ ހަމައެކަނި ސަމްރާއަށެވެ. އޭނައަށް ކެތްނުކުރެވުމުން އެންމެފަހުން ފައުޒީއާ ދިމާލަށް ދިޔަވަގުތު، ހީވީ ކޮންމެވެސް މީހަކު އޭނާގެ ގައިގައި ޖަހާ ދުރަށް ކޮށްޕައިލިހެންނެވެ. ސަމްރާ ވިއްސައިގެން ގޮސް ދުރަށް ވެއްޓުނު ވަގުތު އޭނަގެ އަތުގައި އޮތް އުޅާވެސް އަތުން ދޫވިއެވެ. އެވަގުތު ބަނޑުގައި އޮތް ދަރިފުޅު އަނެއްކާވެސް ތޮޅިލައިފިއެވެ.

"ސަމްރާ..." ރައާބިލްގެ އަޑާއެކު، ސަމްރާއަށް އޭނާއަށް ބަލައިލެވުނުއިރު، ބަނޑަށް ތަދެއް އަރަން ފެށިއެވެ.

"ދަރިފުޅާ..." ޖެހުނު ގޮތުން ސަމްރާގެ ބޯ ފަޅައިގެން ގޮސް ލޭ އަންނަތަން ފެނި ނަދީދާއަށް ސަމްރާއަށް ގޮވައިލެވުނެވެ.

"އެކަކުވެސް ރޮނގުން އެތެރެވެގެން ނުވާނެ. ހުރިހާކަމެއް އޭރުން ގޯސްވާނެ." ފައުޒީ ބުންޏެވެ. އެ އަޑު އަހާފައި ވާފިރު އޭނާގެ އަނބިމީހާ ހިފެއްޓުމަށްފަހު، މަސަލަސްކުރަން އުޅުނެވެ.

"ހިތްވަރު ކުރޭ ނަދީދާ... މި ނޫން ގޮތެއް ނެތް." ވާފިރު ބުންޏެވެ.

ކުއްލިއަކަށް ކިޔަވަމުން ދިޔަ ފައުޒީ ލޯ ހުޅުވައިލުމާއެކު، ދެލޯ ބޮޑުކޮށްލިއެވެ. ޔަޤީންކޮށްލުމުގެ ގޮތުން، ފައުޒީ އޭނަގެ އަރިސް ޖިންނި އޭނަގެ ކައިރިއަށް ހާޟިރުކޮށްފައި ސުވާލުކުރިއެވެ. އެއާއެކު ފައުޒީ ނިތަށް ރޫތައް އަރުވައިލިއެވެ.

"އޭނަ އޭނދީ އޭތީގެ ދަރިއަކަށް ބަލިވެ." ފައުޒީގެ ބަސްތައް ނަދީދާއާ ވާފިރުގެ ކަންފަތަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ނަދީދާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ވާފިރުގެ ހާސްކަން ވެސް ދެގުނަވެގެން ދިޔައެވެ. އޭނަގެ ސިކުނޑިވެސް ހިނދުކޮޅަކަށް މަސައްކަތްކުރުން ހުއްޓުނުހެން ހީވިއެވެ. ނަދީދާ އަރި އަޅައިލުމުން ވާފިރު އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ނަދީދާ އަތުލަފިކޮށްލަމުން ޓަައިލްސްތަކު މަތީގައި ބެއިންދިއެވެ. އަދި ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަން ފެށިއެވެ. ދެން ކުރެވޭނެ ހަމައެކަނި ކަމަކީ އެ އެތީގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރުންކަން ވާފިރަށް އެނގެއެވެ.

ފައުޒީ އަނެއްކަވެސް ކިޔެވެލި ކިޔަވަން ފެށިއެވެ. އެއާއެކު ސަމްރާ ތެޅި ފޮޅެން ފެށިއެވެ.

*****

އިންޖާބު ނަމީރާ ބައްދަލު ކުރަންވެގެން ބިންގަރާހަށް ގޮސް ވަނެވެ. އޭނާ ނަމީރު ބައިންދާފައި އިން ގޮޅި ކައިރިއަށް ގޮސް ހުއްޓުނުއިރު، ނަމީރު އިނީ ފާރުގައި ބުރަކަށި ޖައްސާލައިގެން ބޯ އުފުއްލާލައިގެންނެވެ. އޭނަ އިނީ ދެލޯ މަރާލައިގެންނެވެ. ނަމީރު ލޯ ހުޅުވައިލީ، އިންޖާބު ގާޑުންނަށް ގޮޅީގެ ދޮރު ހުޅުވައިލަން އަމުރު ކޮށްލި އަޑަށެވެ.

އިންޖާބު އެތެރެއަށް ވަނުމާއެކު ނަމީރު ތެދުވިއެވެ.

"ހަމަ ރައާބިލް ވީތަނެއް ނުބުނާނަންތަ؟ ތި ހިމޭންކަމުގައި ހުންނަންތަ ނަމީރު ވިސްނަނީ؟ އޭނަ ހޯދަން އެ ރަށަށް ފޮނުވި އިރު އޭނައެއް އެތަނަކު ނެތް. " އިންޖާބުގެ ހަރުކަށިކަން އޭނަ ދައްކައިލިއެވެ. ރައާބިލް ފިލީ ކަމުގައި ވާނަމަ އޭނަ ދެން އަލުން އެ ރަށަށް ނުދާނެކަމުގައި އިންޖާބު ނިންމީ އަރިސް މީހުންނާ ކުރި މަޝްވަރާ ތަކަށްފަހުއެވެ. އަލުން ރައާބިލް ހޯދަން އެ ރަށަށް ދިޔުމުގެ ބޭނުމެއް ނެތުމުން، އިންޖާބަށް އޮތީ ހަމަ އެކަނި ނަމީރުގެ ފަރާތުން ހަޤީޤަތް ހޯދުމެވެ.

ނަމީރު އެއްޗެއް ނުބުނުމުން އަނެއްކާވެސް އިންޖާބު ވާހަކަ ދެއްކިއެވެ.

"ނަމީރު ބޭނުންވަނީ އުމުރު ދުވަހު މިތަނުގައި ހޭދަކުރަންތަ؟" އިންޖާބުގެ ސުވާލާއެކު އިސްޖަހާލައިގެން ހުރި ނަމީރު ދެފަރާތަށް ބޯ ހޫރައިލިއެވެ.

"ނަމީރު މިތަނުން ނުކުންނަން ބޭނުމިއްޔާ ފަހު ފަހަރަށް އެ ފުރުސަތު ދޭން މިއައީ... އެހެންނޫނީ ރައާބިލްއެކޭ އެއްގޮތަށް ނަމީރު ވެސް އެ ކުށުގެ އަދަބަށް ތައްޔާރުވޭ! ހަނދާން ކުރާތި! މިއީ ފަހު ފުރުސަތު. މި ފުރުސަތު ގެއްލުވާލައިފިއްޔާ ދެން ދުވަހަކުވެސް ނަމީރަކަށް މިތަނަކުން ނުނިކުމެވޭނެ. އަދި ނަމީރުގެ މަންމައާއި އަނބިމީހާގެ އިތުރުން ދަރިފުޅު ވެސް ނުފެންނާނެ. އެގޮތް ބޭނުމިއްޔާ ހަމަ ހަނު ހުންނަންވީ..." އިންޖާބު ވާހަކަ ދެއްކުމާއެކު، ނަމީރަށް ހިންދިރުވައިލެވުނެވެ. ލޯބިވާ ޢާއިލާއާ ދަރިފުޅާ ދުރުގައި އޭނަ ހުންނާނީ ކިހިނަކުން ހެއްޔެވެ؟

"މިހާރު މިވަގުތު އަހަރެން ޖަވާބެއް ބޭނުން." އިންޖާބު ފަހު ފުރުސަތު ދީފައި ހިމޭންވެލިއެވެ.

"އެއްބަސް. ބައްޕަ ބޭނުން ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރު..." ނަމީރު ވިސްނައިލުމަށްފަހު ،ބުނެލިއެވެ. އޭނަ ރައާބިލް ހިމާޔަތްކުރަން ކިތަންމެ ބޭނުންވި ނަމަވެސް، ލޯބިވާ އާއިލާއާއި ދުރުގައި ހުރުމުގެ ހިތްވަރެއް ނުލިބުނެވެ.

"ފުރަތަމަ ކަމަކަށް ރައާބިލް ވީތަނެއް ބުނޭ..." އިންޖާބު އަހައިލިއެވެ.

"އިރުއޮއްސިއްޖެތަ؟" ނަމީރު ސުވާލުކޮށްލުމާއެކު، އިންޖާބު ބޯ ޖަހައިލިއެވެ.

"އާނ. ރަތްވިލާ އޮއްސެން ކައިރިވެއްޖެ!" އިންޖާބު ބުނެލިއެވެ.

"އެހެންވިއްޔާ.. އެހެންވިއްޔާ އޭނަވާނީ އެ އިންސި ކައިރީ އެ ރަށުގައި..." ނަމީރު ބުނެލިއެވެ. ނަމީރުގެ ވާހަކަ އަޑުއަހަން ހުރެފައި އިންޖާބު ދެން ބުނެލި ވާހަކައިން ނަމީރު ޖެހިލުންވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު