މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 1،226 ދަރިވަރަކަށް ލޯނުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ

އެމްއެންޔޫގެ ދަރިވަރުންތަކެއް: މަތީ ތައުލީމަށް ކިޔަވާ ދަރިވަރުންނަށް ލޯނުގެ ގޮތުގަ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކުރި -- ފޮޓޯ/އެމްއެންޔޫ

މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ލޯނުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 1.1 ބިލިއަން ރުފިޔާ 1،226 ދަރިވަރަކަށް ދޫކޮށްފައިވެއެވެ.

އޭގެ ތެރެއިން މި އަހަރު 365.3 މިލިއަން ރުފިޔާ 396 ދަރިވަރަކަށް ދޫކުރިކަމަށް އެ ތަފާސްހިސާބުތަކުގައި ވެއެވެ.

ސްޓޫޑެންޓް ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 964 ދަރިވަރަކު ދަސްވެނިވިއެވެ. އަދި މިއަހަރު 382 ދަރިވަރުން ދަސްވެނިވިއެވެ.

އަދި 1،733 ދަރިވަރަކު ސަރުކާރުގެ ލޯނު ސްކީމްތަކުގައި ކިޔަވަމުން އަންނަ ކަމަށް ވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ. އެއީ ރާއްޖޭގެ ހިމެނޭހެން 40 ގައުމެއްގައި މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ އަދަދެވެ.

ސަރުކާރުން މިއަހަރު ސްޓޫޑެންޓް ލޯނަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައިވަނީ 768 މިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ދައުލަތުގެ ޚަރަދުތަކުގެ ތަފްސީލުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނު ސްކީމްތަކަށް 351.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އެހެންކަމުން މި މުއްދަތާ އަޅާ ބަލާއިރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ސަރުކާރުން ދަރިވަރުންނަށް ދޫކޮށްފައިވަނީ 112.6 މިލިއަން ރުފިޔާ މަދުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދައުލަތުން މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން މިނިސްޓްރީން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ޚަރަދުކުރީ 679 މިލިއަން ރުފިޔާ ކަމަށް، ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުގައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 74.3 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

comment ކޮމެންޓް