ހުވަދޫގެ އަންހެން ދަރިވަރުންނަށް ޚާއްސަކޮށް ބީއެމްއެލުން އައިސީޓީ ޕްރޮގްރާމެއް ހިންގައިފި

ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުވަދޫ އަތޮޅުގެ އަންހެން ދަރިވަރުންނަށް ބީއެމްއެލުން ބޭއްވި އައިޓީ ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ: ބީއެމްއެލް

ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުވަދޫ އަތޮޅުގެ އަންހެން ދަރިވަރުންނަށް ޚާއްސަކޮށް، ގައުމީ ބޭންކް ބީއެމްއެލުން އިންފޮމޭޝަން ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ)ގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

ބީއެމްއެލުން ބުނީ، އައިސީޓީ ސެޝަނެއް ބާއްވާފައިވަނީ ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒާއި ތިނަދޫގައި ހުންނަ ގދ. އަތޮޅުގެ ތައުލީމީ މަރުކަޒުތަކުގެ އަންހެން ދަރިވަރުންނަށް އަމާޒުކޮށްގެން ކަމަށެވެ.

އެ ބޭންކުގެ ޓެކްނޮލޮޖީ ޑިވިޝަންގެ އަންހެން މުވައްޒަފުންގެ ޓީމަކުން ހިންގި މި ޕްރޮގްރާމްގައި ބައިވެރިވީ ހުވަދޫ އަތޮޅުގެ ތައުލީމީ މަރުކަޒުތަކުގައި ގްރޭޑް ހަޔަކާއި ހަތެއްގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުން ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

މި ޕްރޮގްރާމްގައި ދަރިވަރުންނަށް އައިސީޓީ ދާއިރާގެ މައުލޫމާތާއި އެ ދާއިރާގައި އަދާކުރެވޭ ވަޒީފާތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން އެ ދާއިރާއިން ކެރިއަރު ބިނާ ކުރާނެ ގޮތާއި މެންޓަޝިޕް ސެޝަނެއްވެސް ކުރިއަށް ގެންދިޔަ ކަމަށް، ބޭންކުން ބުންޏެވެ.

ބޭންކުން ބުނީ މި ޕްރޮގްރާމްގެ ބައެއްގެ ގޮތުން، އެ ބޭންކުން ކޮންމެ ސްކޫލަކަށް ކޮމްޕިއުޓަރު ސިސްޓަމެއް ހަދިޔާ ކުރި ކަމަށެވެ.

މިއީ ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ ބައިނަލްއަގުވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީއެމްއެލުން ވިދިވިދިގެން މި ޕްރޮގްރާމް ހިންގާ ތިންވަނަ އަހަރެވެ.

ކުރީ އަހަރުތަކުގައި ބީއެމްއެލުން މި ޕްރޮގްރާމް ބާއްވާފައިވަނީ އއ. މަހިބަދޫއާއި ފުވައްމުލަކާއި އައްޑޫގައެވެ.

comment ކޮމެންޓް