'ކޮންޓްރޯލް ބިލު' ފާސްކުރާނަން، ރައްޔިތުންގެ ސުޕަ މެޖޯރިޓީ އެފަދަ ގާނޫނެއް ބޭނުންވޭ: މުހައްމަދު އިސްމާއިލް

ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލް: އޭނާ ވިދާޅުވީ، ކޮންޓްރޯލް ބިލު ފާސްކުރާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

'މީޑިއާ ކޮންޓްރޯލް' ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ކަމަށާއި ސުޕަ މެޖޯރިޓީ ރައްޔިތުން އެފަދަ ގާނޫނެއް ބޭނުންވާ ކަމަށް މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮތް ސަރުކާރު ހިންގާ ޕީއެންސީގެ، ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ޑެޕިއުޓީ ލީޑަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ދެވަނަ ފަހަރަށް ހުށަހެޅުއްވި މީޑިއާ ބިލުގައި ނޫސްވެރިން ކޮންޓްރޯލްކުރަން ގިނަ މާއްދާތަކެެއް ހުރިކަމަށް ބުނެ ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ބިލުގެ ދިރާސާގެ ތެރެއިން ހިޔާލު ދިން ހުރިހާ މީޑިއާއަކުންނާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމަކު، އެ ބިލަށް ތާއީދުކުރައްވާކަން ހާމަކުރައްވާ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު ވަނީ އިއްޔެއާއި ރޭ ގިނަ ޕޯސްޓުތަކެއް އެކްސްގައި ކުރައްވާފައެވެ.

އެފަދަ އެއް ޕޯސްޓުގައި ރޭ އޭނާ ވިދާޅުވީ، އެމްޑީޕީ މެންބަރުން ބޭނުންވަނީ ބިލު ވުޖޫދުން ފުހެލަން ކަމަށެވެ. އެކަމަކު، ބިލުގައި މައްސަލައެއް ނެތް ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތަށް ބިލު ފާސްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންގެ ސުޕަ މެޖޯރިޓީ ގަބޫލުކުރަނީ މި ފަދަ ބިލެއް ގާނޫނަކަށް ވެގެން އަންނަންޖެހޭ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މުހައްމަދު ވިދާޅުވީ، ބިލާ އެކު ދޮގު ޚަބަރު ފަތުރަން ކުޑަކޮށް ވެސް ފުރުސަތެއް ނެތް ކަމަށާއި އެކަމަކު ތެދު މައުލޫމާތު ފަތުރަން ތަންމިނަށް ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، ބިލުގެ ދިފާއުގައި އޭނާ ވަނީ ވަރަށް ބޮޑަށް ވާހަކަދައްކަވާފައެވެ.

"ހިތުހުރި އެއްޗެއް ހިތުހުރި ގޮތަކަށް ނުކިޔޭނެ. އިސްލާމީ އުސޫލާއި އަހުލާގީ މިންގަނޑު ދަމަހައްޓައިގެން ކިޔާނެ އެއްޗެއް ކިޔަން ފުރުސަތު ހަނި ނުކުރާނެ،" އޭނާ ލިޔުއްވާފައިވެއެވެ.

https://sun.mv/211271

ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ކުރަމުން އަންނައިރު ކޮމިޓީން އޮތީ މާދަމާގެ ނިޔަލަށް މަސައްކަތް ނިންމަން ތާވަލުކޮށްފައެވެ. ބިލުގައި ބައެއް ކަންބޮޑުވުންތައް ހުރި ނަމަވެސް ޖުމުލަ ގޮތެއްގައި ބިލަށް ތާއީދުކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެ ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުގެ ފަރާތުން ވަނީ ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު ނޭޅުން ހިމެނޭހެން، މީޑިއާ ކޮންޓްރޯލް ބިލަށް އިސްލާހުތަކެއް ހުށަހަޅައިފައެވެ. އެގޮތުން، ބަންޑާރަނައިބުގެ އޮފީހުން ވަނީ ޖުމުލަ 14 އިސްލާހެއް އެ ބިލަށް ހުށަޅައިފައެވެ.

ހުށަހަޅާ އިސްލާހުތަކަށް ބަލާއިރު، ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ އުނިކުރުމަށާއި މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއް ކަމުގައި ހަމަޖެއްސުމަށް ބިލަށް މާއްދާއެއް ހުށަހަޅަން އެ އޮފީހުން ވަނީ ނިންމާފައެވެ.

https://sun.mv/211261

އެހެންވިޔަސް ނޫސްވެރިން އަންނަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ބިލު ބޭރުކުރަން ގޮވާލަމުންނެވެ.

ހައްނާން ހުށަހެޅުއްވި ބިލުގައި އޮތީ ކީކޭ؟

  • މޯލްޑިވްސް މިޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުން.
  • ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފި ނަމަ 5،000 އާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް.
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ.
  • މައްސަލައެއް ބަލަން ފަށައި ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލުކުރުމުގެ ބާރު ކޮމިޝަނަށް ލިބޭ.
  • ކޯޓު މަރުހަލާ ނުނިމެނީސް، ނޫހުގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ.
  • ނޫސްތަކުގެ ވެބްސައިޓް ބްލޮކްކޮށް، ޓިވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ކޮމިޝަނަށް.
  • ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ކޮމިޝަނަށް ބެލޭނެ.
  • ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމުގެ ޖާގަ ވެސް ބިލުން ލިބޭ
comment ކޮމެންޓް