ޖަރުމަނުވިލާތުގެ މިއުނިކްގައި މިދިޔަ މަހު އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ފިހިގެން, ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ, ދިވެހި ޒުވާނާ މިއަދު މަރުވެއްޖެއެވެ.
މިދިޔަ މަހުގެ އަށްވަނަ ދުވަހު ހިނގި އެ ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވީ, ބ. ތުޅާދުއަށް ނިސްބަތްވާ, ފައްޔާޒް ދާއޫދެވެ. އޭނާ މަރުވީ މިއުނިކްގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށެވެ.
ފައްޔާޒުގެ ވަރަށް ގާތް އެކުވެރިއަކު މިއަދު "ސަން" އަށް ކިޔައިދިން ގޮތުގައި ފައްޔާޒަށް ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު, ފަހުން ދިޔައީ އޭނާގެ ހާލު ރަނގަޅުވަމުންނެވެ. ނަމަވެސް، މިއަދު ކުއްލިއަކަށް ހާލު ދަށްވެ، މަރުވީ ކަމަށް އޭނާ ބުންޏެވެ.
"ވެންޓިލޭޓަރުން ނެގި. އެކަމަކު ފަހުން އަނެއްކާ މާ ހާލު ދަށްވެގެން ވެންޓިލޭޓާއަށް ލީ. ދެން މިއަދު ގުޅާފައި ބުނީ އޮކްސިޖަން ނުހިފެހެއްޓެއޭ. ފަހުން މައުލޫމާތު ދިނީ މަރުވެއްޖެ ކަމަށް," އެކުވެރިޔާ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި ފައްޔާޒުގެ ހަށިގަނޑުގެ 50 ޕަސެންޓު އަނދާފައިވާއިރު ފައިގެ ކުޑަކަޅުވާ ވެސް ވަރަށް ބޮޑަށް ހަލާކުވެ، އޭނާގެ ސިކުނޑިއަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ.
އެކަމަކު، މި ހާދިސާ ހިނގި ގޮތެއް އަދި އެނގިފައެއް ނުވެއެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ކައިޓްސާފަރުންގެ ތެރޭ ހިމެނޭ ފައްޔާޒް ޖަރުމަނުގައި ދިރިއުޅެމުން އައީ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެންނެވެ.