ކުދި އިސްލާހުތަކާއެކު ފެންނަ ނުފެންނަ ވޯޓުގެ ބިލު ކޮމިޓީން ފާސްކޮށްފި

މީގެ ކުރީގެ އިންތިޚާބެއްގައި ވޯޓުލުން: ކުދި އިސްލާހުތަކާއެކު ފެންނަ ނުފެންނަ ވޯޓުގެ ބިލު ކޮމިޓީން ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ފެންނަ ނުފެންނަ ވޯޓު ނެގުމަށް ޓަކައި ގާނޫނެއް އުފެއްދުމަށް ހުށަހެޅި ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުދި އިސްލާހުތަކާއެކު މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ޖުލައި މަހުގެ ހަތްވަނަ ދުވަހު ހުށަހެޅުއްވި މި ބިލު ކޮމިޓީއަށް ފޮނުވީ އެ މަހުގެ ނުވަވަނަ ދުވަހެވެ.

ކޮމިޓީން ބިލު ދިރާސާކުރި މަރުހަލާގައި ވަނީ ކުދި ބަދަލުތަކެއް ގެނެސްފައެވެ.

އޭގެ ތެރޭގައި، އާންމު ވޯޓު ނެގުމަށް މަޖިލީހަށް ލާޒިމްވާ ހާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ ޖަލްސާއަށް ހާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުން ކަމަށް މީގެ ކުރިން އޮތް އޮތުން ބަދަލުކުރުން ހިމެނެއެވެ. އެގޮތުން މިހާރު ބިލުގައި އޮންނާނީ، ގަރާރު ފާސްކުރާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށެވެ.

އަދި ލޯކަލް ކައުންސިލްތައް މެދުވެރިކޮށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ކަރުދާސް ބަހާ ގޮތް ހެދުމާއި، ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތްވާ އާންމުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާ ދެމެދު 45 ދުވަހަށްވުރެ ކުރު މުއްދަތެއް ކަނޑައެޅުމުގެ އިޚްތިޔާރު އެ ކޮމިޝަނަށް ދޭ ގޮތަށް އިސްލާހުކުރުން ވެސް ހިމެނެއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން: އާންމު ވޯޓު ނެގުމުގެ ބިލު ފާސްކުރަން ކޮމިޓީން ވަނީ ނިންމައިފައި --- ފޮޓޯ/ މަޖިލިސް

ބިލް ކޮމިޓީން އިސްލާހު ކުރުމުގެ ކުރިން އޮތީ، ޚިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި، ވޯޓު ނަގާ ތާރީޚާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަ ވެގެން 90 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިޚާބު ބާއްވަންޖެހޭނެ ކަމަށެވެ.

ޖުމްލަ އަށް އިސްލާހެއް ބިލަށް ގެނައިއިރު، ކޮމިޓީގެ ބައްދަލުވުމުގައި އަޣުލަބިއްޔަތުން ނިންމީ ބިލު ފާސްކުރަން ފެންނަ ކަމަށެވެ.

ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާގައި މި ބިލު ފާސްކުރަން ވޯޓަށް އަހާނެއެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި މެންބަރު ފަލާހު ފާހަގަކުރައްވާފައި ވަނީ އާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ އުސޫލުތަކާއި، އެ ނޫނަސް އާންމު ވޯޓު ނެގުމާ ގުޅޭ އެންމެހާ އުސޫލުތައް ގާނޫނެއްގައި ބަޔާންކުރުމެވެ.

އާއްމު ވޯޓު ނެގޭނެ ކަންކަން

  • ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަން
  • ގައުމީ މުހިންމު މައްސަލަތައް
  • ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމާ ބެހޭ މާއްދާ
  • ރައްޔިތުންގެ މަޖިލީހުގެ އުމުރު
  • ރިޔާސަތުގެ ދައުރު
  • ރައީސުލްޖުމްޙޫރިއްޔާ އިންތިޚާބުކުރާ ގޮތް
  • ރައީސުލްޖުމްޙޫރިއްޔާ ބިލު ތަސްދީގުކުރުން
  • ދިވެހިރާއްޖޭގެ ސަރަހައްދު

އެ ބިލުގައި ވަނީ މަޖިލީހުން ފާސްކުރާ ބިލެއް ރައީސުލްޖުމްޙޫރިއްޔާ ތަސްދީގުނުކުރާ ހާލަތުގައި، އެ ބިލަކަށް ރުހުން އޮތްތޯ ބެލުމަށް ވެސް އާއްމު ވޯޓެއް ނެގޭނެ ކަމަށް ބަޔާންކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވަކިވަކިން ތިން އިންތިޚާބު އޮތުމުން ޚަރަދު ބޮޑުވެ އެކަމުގެ ބުރަ ދައުލަތަށާއި، އިލެކްޝަންސް ކޮމިޝަނަށް އުފުލަން ޖެހުމުގެ ކަންބޮޑުވުމުގެ ވާހަކަ މީގެ ކުރިން ދެކެވިފައިވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ކަމަށް ހުށަހެޅުއްވި ހައްލަކީ، ރިޔާސީ އިންތިޚާބު އެއްބުރުން ނިންމައިލުމާއި މަޖިލީހާއި ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމެވެ. އެ މަނިކުފާނު މަސައްކަތްކުރައްވަނީ އެ ބަދަލުތައް ގެންނަން މި އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާށެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މިދިޔަ މަޖިލީސް އިންތިޚާބު ނިމުނުއިރު 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. ރިޔާސީ އިންތިޚާބުގެ ދެ ބުރު ނިމުނުއިރު 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވިއެވެ. އެހެންވެ، އިންތިޚާބުތައް އެއްކޮށްލީމާ 120 މިލިއަނެއްހައި ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ހިސާބު ޖައްސަވައެވެ.

comment ކޮމެންޓް