މޯލްޑިވިއަންއިން ހުޅުވާލި ހަތަރު ކެޑޭޓު ޕައިލެޓްގެ މަގާމަށް 100އެއްހާ މީހުން ކުރިމަތިލައިފި

މޯލްޑިވިއަންގެ ޕައިލެޓެއް: މޯލްޑިވިއަންއިން ހުޅުވާލި ހަތަރު ކެޑޭޓު ޕައިލެޓްގެ މަގާމަށް 100އެއްހާ މީހުން ވަނީ ކުރިމަތިލާފައި --- ފޮޓޯ/ މޯލްޑިވިއަން

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ހަތަރު ކެޑޭޓު ޕައިލެޓުން ހޯދަން ހުޅުވާލި ފުރުސަތަށް 100އެއްހާ މީހުން ކުރިމަތިލައިފިއެވެ.

ޕައިލެޓުކަން ކިޔެވުމަށް ފަހު، ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ނުލިބި ތިއްބައި މޯލްޑިވިއަންގެ އޭޓީއާރަށް ދެ ޕައިލެޓުން ހޯދަން މިދިޔަ ޖުލައި މަހު އިއުލާނުކުރިއެވެ. އޭގެފަހުން، ސީޕްލޭންއަށް ދެ ޕައިލެޓުން ހޯދަން އިއުލާނުކުރީ މިދިޔަ މަހެވެ.

އެ މަގާމުތަކަށް މިހާތަނަށް ކުރިމަތިލީ ކިހާ މީހުނެއްތޯ 'ސަން'އިން ސުވާލުކުރުމުން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް މިއަދު ވިދާޅުވީ، 100އެއްހާ މީހުން ކުރިމަތިލާފައިވާ ކަމަށެވެ. އޭގެތެރެއިން މީހުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަން ފްލައިޓެއްގެ ކްރޫއިންތަކެއް: މޯލްޑިވިއަންއިން ހުޅުވާލި ހަތަރު ކެޑޭޓު ޕައިލެޓްގެ މަގާމަށް 100އެއްހާ މީހުން ކުރިމަތިލައިފި ----- ފޮޓޯ/ މޯލްޑިވިއަން

[ކެޑޭޓު ޕައިލެޓު ކަމަށް] ވަރަށް ގިނަ ކުދިން އެޕްލައިކޮށްފައި އެބަތިބި. ގާތްގަނޑަށް ހަމަ 100އާ ގާތްކުރާ އަދަދަކަށް އަޅުގަނޑުމެންނަށް އެޕްލިކޭޝަން ލިބުނު. އަދި އަޅުގަނޑުމެން ސިލެކްޓެއް ނުކުރަން. މި ވަގުތު އަޅުގަނޑުމެނަށް ރިކުއާމެންޓް އޮތީ ޖުމުލަ ގާތްގަނޑަކަށް ހަތަރު ވަރަކަށް ކެޑޭޓު ޕައިލެޓުން ނަގަންމޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް

މޯލްޑިވިއަންގެ ކެޑޭޓު ޕައިލެޓުންގެ މަގާމަށް ބޮޑު ތަރުހީބެއް ލިބުނުއިރު، މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އެތައް ސަތޭކަ ދަރިވަރުންނަށް ވަނީ ޕައިލެޓުކަން ކިޔެވުމަށް ސްކޯލާޝިޕް ދީފައެވެ. މި ސަރުކާރުން ވަނީ ޕައިލެޓުކަން ކިޔަވަން މިދިޔަ ސަރުކާރުގައި ދިން ފުރުސަތުތަކަކީ ސިޔާސީ ބޭނުމުގައި ދީފައިވާ ފުރުސަތުތަކެއް ކަމަށް ތުހުމަތުކޮށްފައެވެ.

https://sun.mv/207601

ރާއްޖޭގައި މިހާރު ވެސް ޕައިލެޓު ލައިސެންސް ނަގައިގެން ވަޒީފާއެއް ނުލިބި 200އަށްވުރެ ގިނަ ޕައިލެޓުން އެބަތިބި ކަމަށް މިދިޔަ އޭޕްރީލް މަހު ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވިއެވެ. އޭނާ އޭރު ވެސް ވިދާޅުވީ، ކޮންމެ ގައުމެއްގައި ވެސް ޕައިލެޓް ޓްރެއިނިން ހަދައިގެން ތިބޭ ބޮޑު ބެކްލޮގެއް އޮންނަ ކަމަށާއި އެ ގައުމުގެ ރައްޔިތަކަށް ނޫނީ ޕައިލެޓެއްގެ ވަޒީފާ އަދާކުރުމުގެ ފުރުސަތު ނޯންނަ ކަމަށެވެ.

އޭގެފަހުން މިނިސްޓަރު ވަނީ، ޕައިލެޓުންގެ ކަންކަން މިހާރު މި އޮތް ހާލަތުގައި އޮއްވާ މި ސަރުކާރުން ޕައިލެޓު ޓްރެއިނިންއަށް ހުޅުވައިނުލާނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވަޒީފާ ނުއުފެދޭތީ މިދިޔަ އަހަރު މަތީ ތައުލީމަށް ލޯނު ދޫކުރިއިރު ޕައިލެޓުކަން ކިޔަވަން ދޫކޮށްފައިވަނީ އެންމެ 10 ފުރުސަތެވެ.

comment ކޮމެންޓް