ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން ބަލައިފާސްކުރަނީ، ރަޖިސްޓްރީ ނުކުރާ ތަންތަން ބަންދުކުރާނެ

މާލޭގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ އިންސްޕެކްޝަނެއް މީގެ ކުރިން ކުރިއަށް ގެންދިޔައިރު ބަލައިފާސްކުރި ތަނެއް -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

މާލޭ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަން ބެލުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހަރަކާތެއް ފަށާނެކަން މިއަދު އިއުލާންކޮށްފިއެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރު އެޅުމަށާއި އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ޚިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ނިންމައިފައިވާ ކަމަށެވެ. އެގޮތުން، އަންނަ އާދިއްތައިން މި މަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެއީ އެމްއެފްޑީއޭއާއި މާލޭ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއިން ބުނީ، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަކީ ކާބޯތަކެތި ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެ އޮތޯރިޓީގައި ރަޖިސްޓްރީކުރަން ލާޒިމުކޮށްފައިވާ ތަންތަން ކަމަށެވެ. އެހެންވެ، ރަޖިސްޓްރީނުކޮށް ޚިދުމަތްދޭ ތަންތަން ބަންދުކުރުމަށާއި އެފަދަ ތަންތަނުގެ މައުލޫމާތު އެ އިންސްޕެކްޝަންގެ ތެރެއިން އާންމުކުރުމަށް ނިންމައިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެ އިންސްޕެކްޝަނާ ގުޅޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ނަންބަރު 3014361 އާއި 7603204އަށް ގުޅުމުން ލިބޭނެއެވެ.

މާލޭ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ބައެއް ތަންތަނުގައި ސާފުތާހިރުކަމުގެ މިންގަނޑުތަކަށް އަމަލުނުކުރާ ކަމަށް ބުނެ، ބައެއް ފަހަރު ކަންބޮޑުވުންތައް ފެންމަތިވެއެވެ.

އާންމުކޮށް ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލައިފައިވާ ގާނޫނަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 23ގައި ވަނީ އަމަލުކުރަން ފަށައިފައެވެ.

އެ ގާނޫނުގެ ދަށުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ފަރާތްތަކުން ކާބޯތަކެތީގެ ޚިދުމަތް ދިނުމަށްޓަކައި ލައިސަންސް ހޯދަން ޖެހޭއިރު، ލައިސަންސް ހޯދުމަކާ ނުލައި، ޚިދުމަތްދޭނަމަ އެ ތަނެއް ވަގުތުން ބަންދުކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު އެމްއެފްޑީއޭއަށް ދީފައިވެއެވެ.

މީގެ އިތުރުން ރަޖިސްޓަރީނުކޮށް ނުވަތަ ލައިސަންސް ނެތި ކާބޯތަކެތީގެ ވިޔަފާރިކޮށް، ޚިދުމަތް ދޭ ނަމަ، އެ އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 10,000 ރުފިޔާއާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ގާނޫނުގައިވެއެވެ.

comment ކޮމެންޓް