ސިޓީ ކައިރިން ޔުނައިޓެޑަށް ޗަރުކޭސް ނުދެއްކުނު، ލިވަޕޫލް އެއްވަނައަށް

ދެވަނަ ހާފުގައި ސިޓީގެ ލަނޑުތައް ޖެހީ އާލިން ބްރައުޓް ހާލަންޑް --

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެއްމާބަނޑު ދެ ޓީމު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ކުޅުނު މެޗު ސިޓީން ކާމިޔާބުކުރިއިރު، ލިވަޕޫލްގެ މޮޅުވުމުގެ ސިލްސިލާއަށް ބޮޅެއް އިތުރުކޮށް އެއްވަނައަށް ޖެހިލައިފިއެވެ.

ޔުނައިޓެޑް އަތުން ސިޓީ މޮޅުވީ 3-0ގެ ނަތީޖާއަކުންނެވެ. އަދި ފަހު ވަގުތު ޖެހި ލަނޑާއެކު ބާންލީ އަތުން ލިވަޕޫލް މޮޅުވެފައިވަނީ 1-0ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް ވަނީ މި މޮޅާއެކު ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތައިން ސައްތަ ރިކޯޑެއް ހަދާފައެވެ. އެ ޓީމު ފިޔަވާ ލީގުގެ އެހެން ޓީމަކަށް އަދި މިހާތަނަށް މޮޅުވުމުގެ ސިލްސިލާ މިގޮތަށް ދެމެހެއްޓިފައެއް ނުވެއެވެ.

ތާވަލުގެ ދެވަނައިގައި މިވަގުތު އޮތީ އާސެނަލެވެ. ތިންވަނައިގައި ޓޮޓްނަމް އޮތްއިރު، ހަތަރުވަނައިގައި އޮތީ ބޯންމަތު އެވެ. މި ތިން ޓީމުވެސް އޮތީ ނުވަ ޕޮއިންޓާއެކުއެވެ.

ސިޓީ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ފިލް ފޯޑެންއެވެ. ދެވަނަ ހާފުގައި ސިޓީގެ އަނެއް ލަނޑުތައް ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. މީގެ އިތުރުން ވެސް މި މެޗުގައި ހާލަންޑަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. މީގެތެރެއިން ދަނޑިއަށްވެސް ބޯޅައެއް އަމާޒުވިއެވެ.

މިއީ ޕީއެސްޖީ ދޫކޮށް މި ސީޒަނުގައި ސިޓީއަށް ބަދަލުވި އިޓަލީގެ ގައުމީ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ކުޅުނު ފުރަތަމަ މެޗެވެ. އޭނާގެ ފުރަތަމަ މެޗުގައި މުހިންމު ސޭވްތަކެއް ކޮށްފައިވެއެވެ.

ސިޓީއަށް މި ސީޒަނުގެ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވެވުނީ ދެ މެޗުންނެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.

މީގެ އިތުރުން ޔުނައިޓެޑު ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެ މެޗުން ބަލިވިއިރު، އެއް މެޗުން ވަނީ މޮޅުވެފައެވެ. އަދި އެއް މެޗުންވީ އެއްވަރެވެ.

ލިވަޕޫލް މޮޅުވި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިިޔާބުކޮށްދިނީ މުޙައްމަދު ސަލާހެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓް ތެރޭގައެވެ.

comment ކޮމެންޓް