ޣައްޒާއަށް އެހީ ހިފައިގެން ދާ ބޯޓުތައް ޓިޔުނީޝިއާއިން ފުރައިފި

ޣައްޒާއަށް ދަތުރުކުރާ ގްލޯބަލް ސުމުދު ފްލޮޓިލާގައި ބައިވެރިވާ ބޯޓެއް. ފޮޓޯ/އޭއެފްޕީ

އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން ނައްތާލައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގްލޯބަލް ސުމުދު ފްލޮޓިލާ (ޖީއެސްއެފް) ގެ ބޯޓުތައް ޓިއުނީޝިއާއިން ފުރައިފިއެވެ.

ޓިޔުނީޝިއާގެ އުތުރުގައި އޮންނަ ބަނދަރު ސިޓީ ބިޒެރްޓޭއިން ފުރައިގެން ބޯޓުތައް ދަތުރު ފެށީ 40 އަށްވުރެ ގިނަ ގައުމުގެ އެކްޓިވިސްޓުންނާ އެކުއެވެ. އެ ބޯޓުތައް ފުރުން މިހާތަނަށް ވެސް ލަސްވީ މި ހަފްތާގެ ކުރީކޮޅު ފްލޮޓިލާގެ ދެ ބޯޓަކަށް ހަމަލާ ދިނުމުންނެވެ.

އޭގެތެރެއިން އެ ބޯޓަށް ހަމަލާ ދިނީ ޓިޔުނީޝިއާގެ ސިދީ ބޫ ސައީދު ބަނދަރުކޮށްފައި އޮއްވައި ހޯމަ ދުވަހެވެ. އޭގެފަހުން އަންގާރަ ދުވަހުގެ ރޭ ވަނީ އަލްމާ ކިޔާ ބޯޓަކަށް ހަމަލާ ދީފައެވެ.

"ބޯޓުތައް ޣައްޒާއަށް ދަތުރު ކުރަނީ ކާބޯތަކެއްޗާއި އިންސާނީ އެހީ ހިފައިގެން. ވޮލަންޓިއަރުންނާއި ބައިވެރިން ބުނެފައި ވަނީ މި މިޝަނަކީ އަނިޔާވެރި މިޝަނެއް ނޫން ކަމަށް. އެމީހުންގެ އަމާޒަކީ ހަމައެކަނި ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކޯރިޑޯއެއް ހުޅުވުން،" އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބާގް އާއި އަޔަލޭންޑްގެ އެކްޓަރު ލިއަމް ކަނިންހަމް އަދި ބާސެލޯނާގެ ކުރީގެ މޭޔަރު އަޑާ ކޮލާއު ފަދަ ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކެއް ވަނީ މި ފްލޮޓިލާއާ ގުޅިފައެވެ.

އޭގެއިތުރުން އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގެ ހަތަރު މެންބަރުން ވެސް ފޮލިޓާގައި ތިބިއިރު، އިތުރު އޮފިޝަލުންނާއި އެކްޓިވިސްޓުން ވެސް ބައިވެރިވެއެވެ.

ޣައްޒާއަށް އެހީ ހިފައިގެން މީގެކުރިން ދަތުރުކުރި 'މަލްދީން' ބޯޓު. އިސްރާއީލުން ވަނީ އެ ބޯޓު ހިފަހައްޓާފައި. ފޮޓޯ/ފްރީޑަމް ފްލޮޓިލާ ކޯލިޝަން

ފްލޮޓިލާގައި ތިބި ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަށް އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ޓަޖާނީ ވަނީ އިސްރާއީލަށް އިލްތިމާސްކުރައްވާފައެވެ.

ފޮލޮޓިލާގެ މަސައްކަތް ފަށާފައި މި ވަނީ ފަލަސްތީނުގެ ބައި މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަނޑުހައިހޫނުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އދ. އިން ބުނެފައިވަނިކޮށެވެ.

ފްރީޑަމް ޕްލޮޓީލާގެ އެހެން އުޅަނދެއް ކަމަށްވާ "މަދްލީން" ވެސް މިދިޔަ ޖޫން މަހުގެ ކުރީކޮޅު ޣައްޒާއަށް ވަންނަން މަސައްކަތްކުރިއެވެ. ނަމަވެސް އެ އުޅަނދު ހުއްޓުވައި އޭގައި ތިބި އެންމެން އިސްރާއީލުން ވަނީ ޑީޕޯޓްކޮށްލައިފައެވެ.

comment ކޮމެންޓް