ދައުރުން ބޭރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ވަކި މަސައްކަތްތަކެއް ކުރަން އެޖެންޑާކުރި ޖަލްސާއެއް ކަމަށްވުމުން، ބ. ދޮންފަނު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގޮވާލައްވައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ކުއްލި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން މި ޖަލްސާއަކީ ވަކި މަސައްކަތްތަކެއް ކުރުމަށް ވަކި އަދަދެއްގެ މެންބަރުން ހުށަހަޅައިގެން ބޭއްވޭ ޖަލްސާއެއް ކަމަށްވާތީ ކުއްލި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މިއަދު މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ބިމުގެ ގޮތުން ކުޑަ އަދި ބޯހިޔާވަހިކަން ގާއިމުކުރާނެ ޖާގަ ނެތް ބައެއް ރަށްރަށުގެ ތެރޭގައި ދޮންފަނު ހިމެނޭ ކަމަށެވެ.
އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރާނީ އެ ރަށުން ބަންޑާރަ ގޯތި ދޫކޮށްގެން ކަމަށާއި، ގޯތި ދޫކުރުމަށް ބޭނުންވާ ބިން ހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ކަމަށް އެ މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަނިކޮށް އެ ރަށުގެ ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެތީ، އެ ތަނުގެ ހިމާޔަތުގައި އެތައް ހާސް ބަޔަކު ތެދުވުމުން ބިން ނުހިއްކަން ރައީސް ނިންމެވިއިރު، އެ ރަށު ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެއެވެ.
މައުރޫފްގެ ކުއްލި މައްސަލައިގައިވާ ގޮތުން، މި މައްސަލަ ހައްލުވާނީ ސަރުކާރުން އިސްވެ ދޮންފަނުގެ ރައްޔިތުންނާ ވާހަކަދައްކައި މަޝްވަރާކޮށްގެންނެވެ.
މި މައްސަލަ ހައްލުނުކުރެވި ދިގުދެމިގެންދާ ނަމަ، ދޮންފަނު ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަށް ދަށަށް ގޮސް، އިޖުތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ އެބައޮތް ކަމަށް ވެސް އެ ކުއްލި މައްސަލައިގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ދޮންފަނުގެ ބިން ނުހިއްކަން ރައީސް ނިންމެވުމާ ގުޅިގެން އެ ރަށުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ވަނީ މުޒާހަރާކުރަން ފަށައިފައެވެ. ރައީސްގެ ނިންމެވުމާ ގުޅިގެން ދޮންފަނު ކައުންސިލް އިދާރާ ކުރިމައްޗަށް އެ ރަށުގެ ބައެއް ރައްޔިތުން އެއްވެ ވަނީ ބިންހިއްކުން ކުރިއަށް ގެންދިއުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ.
އެ ރަށު ރައްޔިތުން މި މައްސަލައިގައި ފަހުން ކަނޑުމަތީގައި ވެސް މުޒާހަރާ ކުރިއަށް ގެންގޮސްފައިވެއެވެ.
ދޮންފަނު ހިއްކުން ހުއްޓާލި ނަމަވެސް އެ ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
ދޮންފަނު ބިން ހިއްކައިފި ނަމަ ހަނިފަރު ބޭއަށް ގެއްލުންވާނެ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.