ޖަޕާނުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރާފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފިއެވެ.
އޭގެތެރެއިން އަންހެނުންގެ ނިސްބަތަކީ 88 އިންސައްތައެވެ.
ޖަޕާނަކީ ދުނިޔޭގެ އެންމެ ދުވަސްވީ މީހުން ތިބޭ ގައުމުގެ ގޮތުގައި މަޝްހޫރު ގައުމެކެވެ.
އާންމުކޮށް ސިއްޙަތަށް ފައިދާހުރި ކާނާ ކާ މީހުން ގިނަ، ޖަޕާނުގައި ވިހެއުމުގެ ނިސްބަތް ވަރަށް ދަށެވެ. އެހެންކަމުން ޒުވާނުންނަށް ވުރެން އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑަށް އިތުރު ވުމަކީ އެ ގައުމުގެ ތަރައްގީއަށް މިހާރު އޮތް ހުރަހެކެވެ.
އެ ގައުމުގެ އެންމެ ދުވަސްވީ އަންހެނަކީ ނާރާ ސިޓީގެ އަވަށެއް ކަމަށްވާ ޔަމަޓޯކޯރިޔާމާގައި ދިރިއުޅޭ އުމުރުން 114 އަހަރުގެ ޝިގޭކޯ ކަގާވާ އެވެ. އެންމެ ދުވަސްވީ ފިރިހެނަކީ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ އިވާޓާގައި ދިރިއުޅޭ ކިޔޯޓާކާ މިޒޫނޯއެވެ. އޭނާގެ އުމުރުން 111 އަހަރެވެ.
އާބާދީގެ ހިސާބުތައް އާންމުކޮށްފައިވަނީ ޖަޕާނުގައި މިއަދު ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ދިމާކޮށެވެ. މިއީ އަލަށް ސަތޭކަ އަހަރު ފުރިފައިވާ މީހުންނަށް ބޮޑުވަޒީރުގެ ތަހުނިޔާ ސިޓީއަކާއި ރިހި ތަށި ލިބޭ ގައުމީ ބަންދެކެވެ. މިއަހަރު 100 އަހަރު ފުރުނު، 52،310 މީހުން ތިބި ކަމަށް އެ ގައުމުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެއެވެ.

ޖަޕާނުގެ އުމުރުން ދުވަސްވީ އަންހެނުންތަކެއް. ޖަޕާނުގެ މީހުންގެ އުމުރު ދިގުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު މަދުވުން ހިމެނޭ. ފޮޓޯ/ޓައިމްސް އޮފް އިންޑިއާ
ނަވާރަ ސަތޭކަ ފަސްދޮޅަހުގެ އަހަރުތަކުގައި އިގްތިސާދީ ގޮތުން ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ގައުމުތައް (ޖީ7) ގައުމުތަކުގެ ތެރެއިން 100 އަހަރުން މަތީގެ މީހުންގެ ނިސްބަތް އެންމެ ދަށް ގައުމަކީ ޖަޕާނެވެ. ނަމަވެސް އޭގެ ފަހުން ފާއިތުވި އަހަރު ތެރޭގައި އެކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
ޖަޕާނު މީހުންގެ އުމުރު ދިގުވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި، ކެންސަރު ފަދަ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު މަދުވުން ހިމެނޭ ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެއެވެ.
އެ ދެ ބައްޔަށްވެސް މަގު ފަހިވާ، ފަލަ މީހުންގެ ނިސްބަތް ޖަޕާނުގައި ވަރަށް ދަށެވެ.
އޭގެއިތުރުން ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޖަޕާނު މީހުންގެ ކެއުމުގެ އާދަތަކާއި ކެއުމުގައި ބޭނުންކުރާ ތަކެއްޗަކީވެސް އުމުރު ދިގުވާ ސަބަބުތަކެވެ. އެގޮތުން އެމީހުންގެ ކެއުމުގައި ތަކުރިއާއި ސޯޔާގެ އުފެއްދުންތައް ގިނަކަމަށާއި ރަތް މަހާއި ޕްރޮސެސްކޮށްފައި ހުންނާ ކާނާ ބޭނުންކުރާ މިންވަރު މަދެވެ. ޖަޕާނުގެ ކެއުންތަކުގައި ލޮނު ބޭނުންކުރާ މިންވަރުވެސް މަދެވެ.
ޖަޕާނުގެ އާންމު ސިއްޙަތުގެ ރަނގަޅު ނިޒާމުތަކާއި، ތަޣައްޔަރުކަން ކުޑަ ދިރިއުޅުމެއް އަދި ކުނި މެނޭޖްކުރުމަށް ސަމާލުކަން ދިނުމަކީވެސް ސިއްޙަތު ރަނގަޅުވެ އުމުރު ދިގުވުމުގެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.