ވެލެންސިއާ އަތުން 6 ލަނޑުގެ ބޮޑު މޮޅާ އެކު ބާސާ ދެވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާއާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗު 6-0 ގެ ނަތީޖާއަކުން ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

ބާސެލޯނާގެ ބީ ޓީމުގެ މެޗުތައް ކުޅޭ ޔޯހަން ކްރައިފް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ލިބުނު މޮޅާއެކު ބާސާ ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. އެއީ، ހަތަރު މެޗުން ލިބިފައިވާ 10 ޕޮއިންޓާއެކެވެ.

މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާ ހަމައެކަނި ލަނޑު މެޗުގެ 29 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ފާމިން ލޯޕޭޒެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ އަށްވަނަ މިނެޓުގައި ރަފީނިއާ ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކުރިތާ ތިން މިނެޓެއްހާއިރު ފަހުން ފާމިން ލޯޕޭޒް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

ބާސެލޯނާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު 66 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކުރިއިރު އޭގެ 10 މިނިޓު ފަހުން ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މެޗުގައި ބާސެލޯނާއިން ޖެހި ހަވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ލެވަންޑޯސްކީއެވެ.

މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް ބާސެލޯނާއިން އައު ސީޒަނަށް ގެނައި ބަދަލުތަކާއެކު އެ ޓީމުގެ ޓާގެޓަކީ ވީހާވެސް ގިނަ މޮޅު ހޯދުމެވެ.

comment ކޮމެންޓް