ކާކު ކަން އެނގޭ ގޮތަށް، ސިވިލް ސާވަންޓުންނަށް މޫނުބުރުގާ އެޅުން ހުއްދަކޮށްފި

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މޫނު ބުރުގާ އަޅަން ބޭނުންނަމަ އެ ފުރުސަތު ލިބޭހެން ސިވިލް ސާވިސް ގަވައިދު އިއްޔެ އިސްލާހުކޮށްފިއެވެ.

އިއްޔެ ގެޒެޓުކޮށް، އަމަލުކުރަން ފެށި ސިވިލް ސާވިސް ގަވައިދުގެ 145ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ތިބެންވާ ގޮތް ތަފްސީލުކޮށްފައެވެ.

އެގޮތުން އިސްލާހުގައި ވަނީ، މުވައްޒަފުން ޚިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ. އަދި އެ ޚިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ޚިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއ،ި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު
ބޭނުންކުރަންވާނެ ކަމަށެވެ.

މީގެ ކުރިން އެ އަކުރުގައި ބަޔާން ކޮށްފައި އޮންނަނީ، "ސިވިލް ސާވިސްގެ ކޮންމެ ޚިދުމަތަކީ ވެސް ޒިއްމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުޢާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި" ކަމަށެވެ.

އެހެން އޮތުމުން، ސިވިލް ސާވިސްގެ ވަޒީފާތަކުގައި މޫނު ބުރުގާ އަޅައިގެން ޚިދުމަތް ކުރަން ބޭނުންވެފައި ތިބި އަންހެނުންނަށް އޮތީ އެކަމަށް ހުރަސް އެޅިފައެވެ. ނަމަވެސް މި އިސްލާހާއެކު ދެން މޫނު ބުރުގާ އަޅައިގެން ވެސް ވަޒީފާއަށް ނިކުންނަން ފުރުސަތު ފަހިވާނެއެވެ.

https://sun.mv/210699

މި ފަހުން ވަނީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ވެސް މޫނު ބުރުގާ އެޅުން ހުއްދަކޮށްފައެވެ.

އެ ދާއިރާގެ މުވައްޒަފުންނަށް ވެސް އެ ކަމަށް ހުރަސް އެޅޭހެން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ކުރިރިން އޮންނަނީ، ޝައުރީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީން ވާން ޖެހޭ ޚިދުމަތަކަށް ވެފައި، ޚިދުމަތް ލިބިގަންނަން އަންނަ ބަޔަކަށް މުއާމަލާތް ކުރާ މީހަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ޝަރުއީ ދާއިރާގެ އަންހެން މުވައްޒަފުންނަށް ވެސް އެ ކަން ހުއްދަ ކުރީ އެ މާއްދާއަށް މިހާރު އިތުރު ބައެއް އިތުރުކޮށް، މޫނު ބުރުގާ އެޅުމަށް މުވައްޒަފުންނަށް ހުރަހެއް ނެތް ކަމަށާއި ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން، އެ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާ ބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފައެވެ.

comment ކޮމެންޓް