ރާއްޖޭގައި ހިންގާ މެއިންސްޓްރީމް މީޑިއާތަކުގެ އެޑިޓަރުންގެ ޖަމިއްޔާ, މޯލްޑިވްސް އެޑިޓާސް ގިލްޑުގެ ރައީސްގެ މަގާމުން, ރާއްޖޭގައި މި ވަގުތު ތިއްބެވި އެންމެ ތަޖުރިބާކާރު ނޫސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހިރިގާ އަހްމަދު ޒާހިރު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
ހަވީރު ނޫހާއި ސަން އޮންލައިންގެ އެޑިޓަރުކަން ކުރިން ކުރައްވާފައިވާ ހިރިގާ މިއަދު އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ އެޑިޓަރުންގެ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ ގިނަ މެންބަރުން ތިއްބެވީ މި ސަރުކާރުގެ އިސް މަގާމުތަކުގައި ކަމަށްވާއިރު އެ ޖަމިއްޔާ ޕެރަލައިޒްވެފައިވާތީ ކަމަށެވެ.
"ރާއްޖޭގެ ނޫސްވެރިންނާއި އަދި ޖުމުލަކޮށް މުޅި މީޑިއާއަށް ކުރިމަތިލާން ޖެހިފައިވާ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި އެ ޖަމިއްޔާއިން އެކަމާ ދެކޮޅަށް އެއްޗެއް ނުބުނެ އޮތުމަކީ އަޅުގަނޑުގެ ކަންބޮޑުވުމެއް," ދައުރު ނޫހުގެ މެނޭޖިން އެޑިޓަކަށް މިހާރު ހުންނެވި ހިރިގާ "އެކްސް"ގައި ވިދާޅުވިއެވެ.
ހިރިގާ އިތުރަށް ވިދާޅުވީ އެ ޖަމިއްޔާ އެ ހާލަތުގައި އޮތްއިރު އެތަން ލީޑްކުރަން ހުރުމަށް ޒަމީރު ގަބޫލުނުކުރައްވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.
ހިރިގާ އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް އިންތިޚާބުކޮށްފައިވަނީ 2021 ވަނަ އަހަރެވެ. އެ ޖަމިއްޔާގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބަވަނީ އެމްޓީސީސީގެ ސީއޯއޯގެ މަގާމުގައި މިހާރު ހުންނެވި, "ވަން އޮންލައިން"ގެ އެޑިޓަރު ސިނާނަން އަލީއާއި މި ސަރުކާރުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި, "ދަ ޕްރެސް"ގެ އެޑިޓަރު އަލީ ޝައްމާނެވެ.
މީގެ އިތުރުން، އެ ޖަމިއްޔާގެ އެހެން މަގާމުތަކަށް ދެން އިންތިޚާބުކުރީ, ސަން ސިޔާމް މީޑިއާގެ ސީއީއޯ މުޙައްމަދު އާސިފު (މޮންދު)އާއި މިހާރު ނޫހުގެ މެނޭޖިން އެޑިޓަރު އިސްމާއިލް ނަސީރާއި ރަސް އޮންލައިންގެ އެޑިޓަރު, އަދި މި ސަރުކާރުގެ މަގާމެއްގައި ހުންނެވި, މިދުހަތު އާދަމްގެ އިތުރުން ކުރީގެ ނޫސްވެރިޔާ އިބްރާހިމް އުމަރު މަނިކެވެ.
މިނިވަން ނޫސްވެރިކަމާއި މީޑިއާތަކަށް ސަރުކާރުން ނުފޫޒު ފޯރުވޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް އެންމެ ގަދަޔަށް މަސައްކަތް ކުރައްވާ އެއް ބޭފުޅަކީ ހިރިގާއެވެ. ހިރިގާ ފާހަގަކޮށްލެވެނީ އެހެން ގިނަ ބޭފުޅުންނާ ހިލާފަށް ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ނޫސްވެރިކަމުގެ ދިފާއުގައި ވަރަށް މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
ނޫސްވެރިކަމުގެ އަލިމަސް ގަލަން ހާސިލުކޮށްފައިވާ ހިރިގާއަކީ, މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އެއް ބާނީގެ އިތުރުން އަދި އެ ޖަމިއްޔާގެ ވެސް ފުރަތަމަ ރައީސެވެ.