ކަފިހިހުރަސް މަތީ ވެސް ޕާކްކޮށްފައި: ޓޯކުރަން ފަށައިފި

ސައިކަލެއް ޓޯކުރަނީ: ހިނގަން ދަތިވާ ގޮތަށް ހުރި ސައިކަލުތައް ޓޯކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައި -- ފޮޓޯ/ ފުލުހުން

މާލޭ މަގުތަކުގައި ހިނގާ އުޅެން ދަތިވާގޮތަށް ޕާކްކޮށްފައި ހުންނަ ސައިކަލުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގަވާއިދާ ޚިލާފަށް ޕާކްކުރުމުގެ ސަބަބުން މާލޭގައި ހިނގާބިނގާވެ އުޅެން ދަތިވެއެވެ. އެ މައްސަލައިގައި ދޭތެރެއަކުން ޝަކުވާ ބޮޑުވެއެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޚާއްސަކޮށް ކަފިހިހުރަސް މަތީގައި ޕާކްކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އުޅަނދުތައް ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިން ޒޯންތަކުގައި ޕާކްކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ،" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ މަގުތައް ތަރުތީބުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ކުރާ މަސައްކަތަށް އާންމު ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

މާލޭގައި އިންތިހާއަށް އުޅަނދު ގިނަވެ، ނުގަވާއިދުން ޕާކްކުރާ މައްސަލަ ދޭތެރެއަކުން ބޮޑުވެއެވެ. އެގޮތަށް ޕާކްކުރުމުގެ ސަބަބުން ދަތިވާތީ އާންމުން ވަރަށް ގިނައިން ކަންބޮޑުވުން ފާޅުކުރެއެވެ. ޚާއްސަކޮށް ކަފިހިހުރަސްތަކުގައި ޕާކްކުރުމާއި ހިނގަން އުނދަގޫވާގޮތަށް މަގު ބެދޭހެން ޕާކްކުރާ މައްސަލަ ބޮޑެވެ.

މާލޭ މަގުތަކުގައި ނުގަވާއިދުން ޕާކްކުރާ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން ދޭތެރެއަކުން ކުރެއެވެ.

comment ކޮމެންޓް