އެޕްސްޓޯރުގެ އެއްވަނައަށް ގޫގުލްގެ ޖެމިނައި އަރައިފި

ޖެމިނައިއަށް މިހާބޮޑު ކުރިއެރުމެއް ލިބުނީ "ނެނޯ ބަނާނާ" އިމޭޖް އެޑިޓިން ޓޫލްއިން ކަމަށް ބެލެވޭ ---

އެޕަލްގެ އެޕް ސްޓޯރުގެ އެންމެ ގިނަ ބަޔަކު ޑައުންލޯޑްކުރި ހިލޭ އެޕްތަކުގެ ތެރެއިން ގޫގުލްގެ ޖެމިނައި އެޕް، އެއްވަނަ ހޯދައި، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައިފިއެވެ.

މިކަން ފުރަތަމަ ފާހަގަވެފައިވަނީ ހުކުރު ދުވަހުއެވެ. އަދި ހޯމަ ދުވަހާ ހަމައަށް ވެސް މި ކާމިޔާބީ ދެމިއޮތްއިރު، ޖެމިނައި އިންޑިއާއާއި އެމެރިކާގައި އެއްވަނައިގައި އޮތްއިރު، ކެނެޑާއާއި ޔޫ.ކޭ. ގައި ދެވަނައިގައި އޮތެވެ. މިއީ ޖެމިނައި އިން މިފަދަ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޗެޓްޖީޕީޓީ އާއި ޑީޕްސީކް ވެސް އެޕް ސްޓޯރުގެ އެއްވަނައަށް އަރާފައިވެއެވެ.

ގޫގުލްގެ އޭ. އައި. ޗެޓްބޮޓް ޖެމިނައިއަށް އެތައް ހިދުމަތްތަކެއް އިތުރުކޮށްފައިވީ ނަމަވެސް، މި އެޕް މަޝްހޫރުވުމުގެ މައިގަނޑު ސަބަބަކީ އަލަށް ތައާރަފުކުރި "ނެނޯ ބަނާނާ" އިމޭޖް އެޑިޓިން ޓޫލް ކަމަށް ގޫގުލް އޭ.އައި. ސްޓޫޑިއޯގެ ޕްރޮޑަކްޓް ލީޑް، ލޯގަން ކިލްޕެޓްރިކް އާއި އެހެނިހެން ފަރާތްތަކުން ވެސް ބުނެއެވެ.

އޮގަސްޓް މަހުގެ ފަހުކޮޅު ތައާރަފުކުރި "ނެނޯ ބަނާނާ" ފީޗާއަކީ އޭ.އައި. ބޭނުންކޮށްގެން ފޮޓޯ އެޑިޓްކުރުމުގެ އެހާމެ ފުރިހަމަ ގާބިލިއްޔަތެއް ލިބިފައިވާ ޓޫލެކެވެ. މި ޓޫލް ބޭނުންކޮށްގެން ފޮޓޯއެއް އަޕްލޯޑްކޮށް، އެޑިޓް ކުރާއިރު، ފޮޓޯގައި ހުންނަ ކެރެކްޓާގެ ސިފަތަކަށް ބަދަލު ނާންނާނެއެވެ. "ނެނޯ ބަނާނާ" ގެ ޚާއްސަ ކަމަކީ ފޮޓޯއެއްގައި ހުންނަ އެއްޗެއް ނުވަތަ ދެ އެއްޗެއް އެކަނި ނެގުމަށްފަހު، ބާކީ ހުރި ތަކެތި ހަމަ އެގޮތަށް ބެހެއްޓުމުގެ ގާބިލިއްޔަތެވެ. މިއީ ގިނަ އޭ.އައި. މޮޑެލްތަކަށް ކުރަން އުނދަގޫ ކަމެކެވެ.

https://sun.mv/204037

މި އިމޭޖް އެޑިޓިންގ ފީޗާ ޖެމިނައި ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ލިބެން ހުރެއެވެ. ނަމަވެސް، ފައިސާ ދައްކައިގެން ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބެއެވެ.

ގޫގުލް އިން ދަނީ ޖެމިނައިގައި އާ ފީޗާތައް ވަރަށް ބާރަށް އިތުރުކުރަމުންނެވެ. ގޫގުލް ޓްރާންސްލޭޓް އެޕަށް މިހާރު ވަގުތުން އަޑުން ތަރުޖަމާކުރުމުގެ ހިދުމަތް ވަނީ އިތުރުކޮށްފައެވެ. އަދި އާ ބަސްތައް ދަސްކުރުމަށް އެހީތެރިވާ ޖެމިނައި ބޭނުންކުރާ ލެންގުއޭޖް ކޯޗިން ޓޫލް ވެސް ވަނީ ތައާރަފުކޮށްފައެވެ.

މި ހުރިހާ އާ ކަންކަމާއި، ޕްރޮމްޕްޓްއާއެކު ގެނެސްފައިވާ ބަދަލުތަކާއި، ޖެމިނައި ލައިވްގައި ލިބޭ ވިޝުއަލް ގައިޑަންސްގެ ސަބަބުން، ޗެޓްބޮޓުގެ މަގުބޫލުކަން އިތުރުވެފައިވާ ކަމަށް ބެލެވެއެވެ. މިއާއެކު، މޯބައިލް އެޕްލިކޭޝަންގެ ދުނިޔޭގައި ޖެމިނައި ވަނީ އޭ.އައި. އެސިސްޓެންޓެއްގެ ގޮތުގައި އެންމެ ކުރީ ސަފަށް އަރާފައެވެ.

comment ކޮމެންޓް