ހަތް އަހަރަށްފަހު އެފްއޭއެމް އެވޯޑްސް ބާއްވަނީ، މިފަހަރު ފުޓްސަލްވެސް ހިމެނޭ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން 2018 ގައި ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގެ ތެރެއިން: މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ ހާއްސަ މެހެމާނެއްގެ ގޮތުން ބާސެލޯނާ އަދި ސްޕެއިންގެ ކުރީގެ ކެޕްޓަން ކާލްސް ޕުޔޯލް ވަނީ ބައިވެރިވެފަ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ހަތް އަހަރުގެ ބޮޑު ބްރޭކަކަށްފަހު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފުޓްބޯލް އެވޯޑްސް ދޭން ނިންމައި، އެވޯޑު ދޭނެ 11 ކެޓަގަރީ އިއުލާނުކޮށްފިއެވެ.

އެންމެފަހުން ރާއްޖޭގައި ފުޓުބޯޅަ އެވޯޑެއް ދިނީ 2018 ގައެވެ. އެއީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ފުޓްބޯލް އާއި އެފްއޭއެމް ގުޅިގެން ދިން އެވޯޑެކެވެ.

އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވީ މިރޭ ފަށާ އާ ފުޓްބޯޅަ ސީޒަނާ އެކު އެފްއޭއެމްގެ އެވޯޑް ދޭނީ މި ސީޒަނުގެ ނަތީޖާތަކަށް ކަމަށށެވެ.

"ކުޅިވަރުގެ ރޫހު އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ވާދަވެރިކަން އިތުރުކުރުމާއި އަދި ފުޓްބޯޅައިގެ ހިދުމަތްތެރިންގެ އަގުވަޒަންކުރުމުގެ މަގްސަދުގައި ފުޓްބޯޅަ އެސޯސިއޭޝަންގެ ފަރާތުން މިއަދުގައި ފަށާ ފުޓްބޯޅަ ސީޒަންގައި އެފްއޭއެމް އެވާޑްސް ދިނުމަށް އިއުލާން ކުރަމެވެ،" ސޯޝަލް މީޑިއާގެ ޕޯސްޓުގައި ޓޮމް ލިޔުއްވާފައިވެއެވެ.

އެވޯޑް ދޭނެ ކެޓަގަރީތައް އިއުލާނުކުރި އިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ފުޓްސަލްއަށް ހާއްސަ އެވޯޑެއް ހިމެނިފައިވުމެވެ. މި ސީޒަނުގައި ފުޓްސަލް މުބާރާތް ބޭއްވުމަށް ވެސް ފުޓްބޯޅަ ކަލަންޑަރުގައި އެ އެސޯސިއޭޝަނުން ވަނީ ހިމަނާފައެވެ. އެހެންކަމުން ބެލެވޭގޮތުގައި އެވޯޑު ދިނުމަށް މި މުބާރާތް ބަލާނެއެވެ.

އެވޯޑް ދޭ ކެޓަގަރީތައް

- ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާ (ގަދަ ތިން ކުޅުންތެރިން)

- ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ

- ރާއްޖޭގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ

- އެންމެ މޮޅު ގޯލްކީޕަރު

- 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ

- އެންމެ މޮޅު ބިދެސީ ކުޅުންތެރިޔާ

- އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ

- އެންމެ މޮޅު ކޯޗު

- އެންމެ މޮޅު ގޯލް

- އެންމެ މޮޅު ކްލަބް

- އެންމެ މޮޅު ރެފްރީ

comment ކޮމެންޓް