ގިނަ ބަޔަކު މޫދަށް އެރި އުޅޭ، ހުޅުމާލޭގެ ދެ ފިޔަވަހި ގުޅުވައިލަދޭ ޗެނަލް ސަރަހައްދުގެ މޫދުގައި އިންޖީނު ލީ އުޅަނދުފަހަރު ދުއްވުން މަނާކުރަން ނިންމައިފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މިއަދު ކުރި އިއުލާނެއްގައިވަނީ، އެ ޗެނަލް ސަރަހައްދަކީ ވަރަށް ގިނަ ކުޑަކުދިންނާއި، ބޮޑެތި މީހުން މޫދަށް އެރި މުނިފޫހިފިލުވައިލަން ބޭނުންކުރާ ސަރަހައްދެއް ކަމަށެވެ.
ހަމައެއާއެކު އެ ސަރަހައްދަކީ އެ ކޯޕަރޭޝަނުން މުރަކަ އިންދައި، އާލާކުރުމަށް ކަނޑައަޅައިފައިވާ ސަރަހައްދެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެހެންވެ އިންޖީނުލީ އުޅަނދު އެ ޗެނަލުގައި ދުއްވުން މަނާކުރަން ނިންމީ، މޫދަށް އެރި އުޅޭ މީހުންގެ ރައްކާތެރިކަމަށާއި، މުރަކަ އިންދުމުގެ މަސައްކަތަށް ދަތިވާތީ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. ޗެނަލް ސަރަހައްދުގެ ތެރޭ އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނީ ހުކުރު ދުވަހުން ފެށިގެންނެވެ.
ގިނަ ބަޔަކު މޫދަށް އެރި އުޅޭ ޗެނަލް ސަރަހައްދުގައި ބައެއްކަހަލަ ވޯޓާސްޕޯޓްސް ހަރަކާތްތައް ވެސް ހިންގައެވެ. އެގޮތުން ޖެޓްސްކީ، ބަނާނާ ރައިޑް ފަދަ ކަންކަން ވެސް އެ ތަނުގައި ކުރެއެވެ.
އެޗްޑީސީން މިހާރު އަންނަނީ އެ ސަރަހައްދުގައި ގަސް ހެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.