ކުރީގެ ރައީސް އަބްދުالله ޔާމީންގެ ގެކޮޅުގައި ސިލްސިލާކޮށް ބާއްވަވާ, ފްރަންޓް އޮފީސް ޖަލްސާއެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ޗެނަލް13އަށް އަނެއްކާ ވެސް ފިޔަވަޅު އެޅުމަށް, ބްރޮޑްކާސްޓިން ކޮމިޝަނުން ނިންމައިފިއެވެ.
މިދިޔަ ޖުލައި މަހު ވެސް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ, މި އަހަރުގެ ޖެނުއަރީ 30ވަނަ ދުވަހު ޗެނަލް13 އިން ބްރޯޑްކާސްޓުކުރި އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓު، ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވާކަމަށް ބެލެވޭތީ އެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅައިފައެވެ. އެ ފަހަރު ކޮމިޝަނުން އެންގީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ 20:00 އިން 21:00އަށް ޗެނަލް 13ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑައިލުމަށެވެ. އަދި މައާފަށް އެދި ބަޔާނެއް ނެރުމަށެވެ.
އެ ރޭ ވީ އާޓިފިޝަލް ބީޗުގައި ޔާމީންގެ ޕާޓީން ބޮޑު ޖަލްސާއެއް ބޭއްވި ރެއަކަށެވެ.
މިދިޔަ ބުދަ ދުވަހު ބްރޮޑްކާސްޓިން ކޮމިޝަނުން ނިންމައި މިއަދު އާއްމު ކުރި ބަޔާނެއްގައި ބުނީ ޗެނަލް13 އިން މިއަހަރުގެ އޭޕްރީލް މަހުގެ 17 ވަނަ ދުވަހު ދެއްކި, ފްރަންޓް އޮފީހުގެ ޖަލްސާއެއްގައި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުވާފަދަ ބައެއް ވާހަކަތައް ހިމެނޭތީ, އެ ކޮމިޝަނުން އިސްވެ އެ މައްސަލަ ބަލަން ނިންމި ކަމަށެވެ.
މި މައްސަލަ ބެލުމަށްޓަކައި ޗެނަލް13 އަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުމުން ޖަވާބެއް ދީފައި ނުވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޗެނަލް13 އިން އުސޫލާ ހިލާފުވެގެން އެކި ފަހަރު މަތިން ފިޔަވަޅު އެޅިނަމަވެސް ތަކުރާރުކޮށް ގަވާއިދާ ހިލާފުވާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އެ ކޮމިޝަނުން މައްސަލަ ބެލި ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވަނީ ޗެނަލް13 ގެ ޕްރޮގްރާމް ޝެޑިއުލް އެއް ރޭ 20:00 އިން 22:00 އަށް މެދުކަނޑާލަން އަނެއްކާ ވެސް އެންގުމަށެވެ.
ޗެނަލް13 އަށް މި ފިޔަވަޅު އެޅީ ސީދާ ކޮން ވާހަކައެއް ބްރޮޑްކާސްޓް ކޮށްގެން ކަމެއް އާއްމު ކުރި އެ ބަޔާނުން އެނގޭކަށް ނެތެވެ.
ޗެނަލް13 އަކީ ސިޔާސީ ކޮންޓެންޓު ގެނެސްދޭ ޗެނަލެކެވެ. ޔާމީންގެ ފިކުރުތައް ޕްރޮމޯޓުކޮށްދޭ މި ޗެނަލާ މެދު މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ބްރޯޑްކޮމް މެދުވެރިކޮށް ފިޔަވަޅު އަޅައި، ބައެއް ޕްރޮގްރާމްތައް ހުއްޓުވައި، ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.