ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަޑުއަހަން ގޮސް ތިބި ބައެއް ނޫސްވެރިންނާއި އާންމުން އިހުތިޖާޖުކުރަމުންދަނިކޮށް، މީޑިއާ ކޮންޓްރޯލް ބިލަށް ބައެއް އިސްލާހުތައް ގެނައުމަށް ފަހު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މީޑިއާ ކޮންޓްރޯލް ބިލު ހުށަހެޅީ ސަރުކާރާ ގުޅުން ބޮޑު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހައްނާން އަބޫބަކުރެވެ. އެ ބިލަށް ސަރުކާރުގެ ފަރާތުން ވަނީ ބައެއް އިސްލާހުތައް ހުށަހަޅާފައެވެ.
ބިލު ހުށަހެޅި ދުވަހުން ފެށިގެން ނޫސްވެރިން އަންނަނީ ބިލު ބޭރުކޮށްލަން ގޮވާލާ އިހުތިޖާޖުކުރަމުންނެވެ. ކޮންމެ ދުވަހަކު ބިލުގެ މަސައްކަތް ކުރިއަށްދާއިރު ވެސް ނޫސްވެރިން މަޖިލީހަށް އަޑުއަހަން ވަދެއެވެ. އެ ބިލާ ގުޅޭ ގޮތުން ޚިޔާލު ހޯދަން މީގެ ކުރިން މީޑިއާތަކާ ބައްދަލުކުރިއިރު ވެސް ހުރިހާ މީޑިއާއަކުން ވަނީ ބިލާ ދެކޮޅު ހަދައި، ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމިޓީގައި މިއަދު މެންދުރު ކުރިން ފެށިގެން ވަނީ މީޑިއާ ކޮންޓްރޯލް ބިލުގެ މަސައްކަތްކޮށްފައެވެ. ފާސްވި ކަމަށް ނިންމާފައި ކޮމިޓީ ނިންމާލީ 4:45 އެހާކަންހާއިރެވެ.
ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ވަނީ އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ. އެ އިސްލާހުތަކާ އެކު ކޮންޓްރޯލް ބިލު ފާސްކުރަން ވޯޓަށް އެހުމުން، ކޮމިޓީގައި ބައިވެރިވި ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލަށް ވޯޓު ދީފައެވެ.
އެކަމަކު، ވޯޓުގެ ނަތީޖާ އިއުލާނުނުކޮށް ކޮމިޓީ ވަނީ ނިންމާލާފައެވެ. އެހެންވެ، ބިލު ފާސްވީ ކަމެއް ނޭނގުނެވެ. އެ ކޮމިޓީގައި އިންނަވާ ޕީއެންސީ މެންބަރެއްގެ އިތުރުން އެމްޑީޕީ މެންބަރަކު ވެސް ވަނީ ބިލު ފާސްވެއްޖެ ކަމަށް ނިންމީ ކަމަށް ވިދާޅުވެފައެވެ.
ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން އަޑުއަހަން ތިބި ކޮމިޓީގައި އިސްލާހުތަކާ އެކު މުޅި ބިލު ފާސްކުރަން ވޯޓަށް އެހުމުން އެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަން ފަށާފައެވެ. އެ ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވެސް ވަނީ އެ ބިލާ ދެކޮޅަށް 151 ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހަޅާފައި އޮއްވައި އެ ޕެޓިޝަނަށް ރިއާޔަތްނުކޮށް ވޯޓަށް ނޭހޭނެ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުޣައްރިރު ހުސައިން ރިޒާ: އެ ކޮމިޓީން ވަނީ ބިލު ފާސްވި ކަމަށް ބުނެފައި -- ސަން ފޮޓޯ/ މާނިއު މުހައްމަދު
ކޮމިޓީން ބިލު ފާސްވި ކަމަށް ޕީއެންސީއަށް ތާއީދުކުރައްވާ މެންބަރުން ނިންމެވި ނަމަވެސް މީކާއީލް ވިދާޅުވީ, ސަރުކާރުގެ މެންބަރުން ކޮމިޓީން ބިލު ފާސްވެއްޖެ ކަމަށް ވިދާޅުވި ނަމަވެސް އުސޫލާ އެއްގޮތަށް ބިލު ފާސްނުވާ ކަމަށެވެ. އެގޮތުން، ބިލު ފާސްކުރަން ނުފެންނަ ކަމަށް ނަގަން ޖެހޭ ވޯޓު ނުނަގާކަން މީކާއީލް ފާހަގަކުރެއްވިއެވެ. އަދި، ވޯތުގެ ނަތީޖާ އިއުލާނުކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނާއިރު އެކަން ކޮމިޓީގެ މުގައްރިރު ކުރައްވާފައިނުވާ ކަމަށް މީކާއީލް ވިދާޅުވިއެވެ.
އެކަމަކު، ކޮމިޓީގައި އިންނަވާ ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލު ފާސްވީ ކަމަށް ވިދާޅުވެފައެވެ. އަދި، އޭނާ ވިދާޅުވީ މާދަމާގެ ޖަލްސާއަށް މީޑިއާ ކޮންޓްރޯލް ބިލުގެ މަސައްކަތް އެޖެންޑާކުރާނެ ކަމަށެވެ.
ފަހުން 5:00 ގައި ވަނީ ކޮމިޓީގެ އިތުރު ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި ކޮމިޓީން ވަނީ ކުރިން ކޮމިޓީ ނިންމާލިއިރު ބިލަށް ވޯޓަށް އެހިފައި އޮތް ކަމަށް ނިންމާފައެވެ. އަދި، ނޫސްވެރިންގެ ފަރާތުން ހުށަހެޅި ޕެޓިޝަނަށް އިސްލާހުތަކާ އެކު ފަރުވާ ލިބިފައިވާތީ އެގޮތަށް އަންގަން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުން ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
އެއަށް ފަހު، ކޮމިޓީގެ މުގައްރިރު ހުސައިން ރިޒާ އާދަމް ވިދާޅުވީ، ކޮމިޓީ ކުރިން ނިންމާލުމުގެ ކުރީގައި ވެސް ދެ ފަހަރެއްގެ މަތިން ބިލު ފާސްކުރަން ނުފެންނަ މެންބަރުން ތިއްބެވިތޯ ވޯޓަށް އެއްސެވި ކަމަށެވެ. އޭރު އެއްވެސް މެންބަރަކު އެ ގޮތަށް ވޯޓު ނުދެއްވާތީ، ބިލު އިއްތިފާގުން ފާސްވީ ކަމަށް ރިޒާ ވަނީ އިއުލާނުކުރައްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކޮމިޓީން މިއަދު ކޮންޓްރޯލް ބިލު ފާސްކުރިއިރު، މާދަމައަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވަނީ އެޖެންޑާކޮށްފައެވެ. އެހެންވެ، މާދަމާގެ ޖަލްސާއަށް ކޮންޓްރޯލް ބިލުގެ މަސައްކަތް އެޖެންޑާކުރާނެ ކަމަށް ބެލެވެއެވެ. އެކަމަކު، މަޖިލީހުގެ އިދާރާއިން އެޖެންޑާ އާންމުނުކުރާތީ މާދަމާގެ ޖަލްސާގައި އޮތް މަސައްކަތެއް ނޭނގެއެވެ.
މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ މިއީ މިނިވަން ނޫސްވެރިކަން 'ނެތިކޮށްލާނެ ބިލެއް'ގެ ގޮތުގައި ސިފަކޮށްފައެވެ.
އެކަމަކު، ސަރުކާރުގެ ފަރާތުން އަންނަނީ ބިލު ދިފާއުކުރަމުންނެވެ. އެގޮތުން، ކޮމިޓީ މަރުހަލާގައި ބިލު ފާސްވާނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ފަހު ކަމަށާއި ބިލާ އެކު ނޫސްވެރިން އިތުރަށް ބާރުވެރިވާނެ ކަމަށް ސަރުކާރަށް ތާއީދުކުރާ މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ.