ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ކުއްޔަށް ނެންގެވި އެޕާޓްމެންޓެއްގެ ބިލުތަކާއި، އެ ތަނުގެ މަރާމާތަށް ދިޔަ ފައިސާ ނުދައްކަވައިގެން އޭނާގެ މައްޗަށް އަނެއްކާ ވެސް ސިވިލް ކޯޓުން ހުކުމެއް އިއްވައިފިއެވެ.
މި މައްސަލައިގައި ކުރީގެ ގާޒީ ހަލީމްގެ މައްޗަށް އެންމެ ފުރަތަމަ ހުކުމް އިއްވައިފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 18ގައެވެ. ރަދުން ރިސޯޓްސް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން، ހަލީމް ކުއްޔަށް ނެންގެވި އެޕާޓްމެންޓަށް، ނޯޓިސް ނުދެއްވައި ތަން ދޫކޮށްލުމާ ގުޅިގެން އެތަނުގެ ބިލްތަކާއި މަރާމާތަށް ދިޔަ ފައިސާގެ ގޮތުގައި އެ ކުންފުނިން އެދުނީ ގާތްގަނޑަކަށް 70،000 ރުފިޔާ ހޯދާށެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ހަލީމްގެ ޣައިރު ހާޒިރުގައެވެ. އެގޮތުން އެ ކޯޓުންވަނީ ހަތް ދުވަހުގެ ތެރޭގައި 69،019.22 ރުފިޔާ ދައްކަން އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.
އެކަމަކު އެ ފައިސާ ނުދައްކަވާތީ، ހަލީމަށް އެޕާޓްމެންޓް ކުއްޔަށް ދިން ކުންފިނިން، ތަންފީޒީ މައްސަލައެއް މި އަހަރުގެ ފެބުރުއަރީ މަހު ހުށަހެޅިއެވެ. އެ މައްސަލައިގެ އަޑުއެހުމެއް މި ހިނގާ ސެޕްޓެމްބަރު މަހު ބޭއްވިކަން، ތަންފީޒު މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ.
ތަންފީޒު މައްސަލައިގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، ހުސޫމާތު އުފެދިގެން އުޅޭ މައްސަލައިގައި ދެ ފަރާތުން މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް ހުށަހެޅުމަށް ފަހު، ހަލީމްގެ ފަރާތުންވަނީ މަހަކު 3،000 ރުފިޔާގެ މަގުން ދައްކައި، އެ ފައިސާ ޚަލާސް ކުރަން އެއްބަސްވެފައެވެ. އެކަމަށް ދައުވާ ކުރާ ކުންފުނިން އެއްބަސްވެފައިވަނީ އެ ފައިސާ ދެ މަހު ނުދައްކައިފިނަމަ އަލުން ތަންފީޒު މައްސަލަ ހުށަހަޅައި، ބާކީ ފައިސާ އެކީ އެއް ފަހަރާ ނެގުމަށެވެ.
ސިވިލް ކޯޓުގެ ފައިސަލް އާދަމް ނިންމެވި ތަންފީޒު މައްސަލައިގައި ހުކުމްކޮށްފައިވަނީ، އެ ފައިސާއަކީ ހަލީމް ދައްކަން ޖެހޭ ފައިސާއެއް ކަމާއި، އެ ފައިސާ ނުދައްކާކަން، ހަލީމްގެ އިއުތިރާފުންނާއި ލިޔެކިޔުންތަކުން ސާބިތުވާ ކަމަށެވެ. އެހެންވެ، ދެ ފަރާތުން އެއްބަސްވީ ގޮތަށް މަހަކު 3،000 ރުފިޔާގެ މަގުން ދައްކައި އެ ދަރަނި ޚަލާސްކުރަން ވަނީ އަމުރުކޮށްފައެވެ. އަދި އެ ގޮތަށް ފައިސާ ނުދައްކައިފިނަމަ، އެ ފައިސާ އެކީ އެއް ފަހަރާ ހޯދުމަށް ދައުވާ ކުރުމުގެ ހައްގު، އެޕާޓްމެންޓް ކުއްޔަށް ދިން ފަރާތަށް ލިބިފައިވާ ކަމަށް ކަނޑައަޅުއްވައިފައިވެއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަލީމް އައްޔަން ކުރައްވާފައިވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅެވެ. ނަމަވެސް 2019 ވަނަ އަހަރު، ހަލީމްވަނީ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައެވެ.
މައްސަލަ ޖެހިގެން އުޅޭ ހާދިސާއަކީ، ރެކޯޑްތަކުން އެނގޭ ގޮތުގައި ފަނޑިޔާރުކަމުން ވަކިވީ ފަހުގެ ހާދިސާއެކެވެ.