ސޯޝަލް މީޑިއާގައި ތަފާތު މަސައްކަތްތައް ކުރާ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށް ދޫކުރާ ލުއިލޯނާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް، އެ ދާއިރާގެ ފަންނުވެރިންނާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވަނީ، އެ މަނިކުފާނުގެ މެނިފެސްޓޯގައިވާ ވަޢުދުތަކުގެ ތެރެއިން ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެ ލޯން ސްކީމްގެ މަގުސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެ ދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، އެ ދާއިރާގެ މީހުންނަށް ފުރުސަތު ލިބޭގޮތަށް ކުރިއަށް އޮތް ދެ ހަފުތާ ތެރޭގައި ލޯނަށް ހުޅުވާލަން އަންގަވައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވުމާ ގުޅިގެން، ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީޑިއާގައި އޯޑިއޯއާއި ވީޑިއޯ ކޮންޓެންޓް އުފައްދާ އަދި ސޭލްސް އާއި މާކެޓިންގެ މަސައްކަތް ކުރާ މީހުންނާ މިއަދު ބައްދަލުކުރެއްވި ކަމަށެވެ.
"އެ ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޚިޔާލު ހޯދައި އެ ޚިޔާލުތަކާ ވީހާވެސް އެއްގޮތްވާ ގޮތުގެ މަތީން މި ޕްރޮގްރާމް ކުރިއަށްގެންދިޔުމުގެ މަސައްކަތްތައް މިދަނީ ކުރަމުން،" އޭނާ ވިދާޅުވިއެވެ.
އެ ލޯނު ތައާރަފު ކުރުމުގެ މަގުސަދަކީ، އެފަދަ ފަންނުތަކުން ވިޔަފާރީގެ ފުރުސަތުތައް ހޯދައި ދިނުން ކަމަށް ސައީދު ވިދާޅުވިއެވެ.
ރާއްޖޭގައި ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، އެފަދަ ޕްލެޓްފޯމްތަކުގައި ދައްކާ މަސައްކަތުން އާމްދަނީ ހޯދޭނެ ގޮތް ހެދުމަކީ ގިނަ ޒުވާނުންގެ އެދުމެކެވެ. އޭގެ ތެރޭގައި ޔޫޓިއުބް، ޓިކްޓޮކް، އިންސްޓަގްރާމް އަދި ފޭސްބުކްގައި ހަރަކާތްތެރިވާ މީހުން ހިމެނެއެވެ.

ސައީދު، ކޮންޓެންޓް ކްރިއޭޓަރުންނާ ބައްދަލުކުރެއްވުން: ލުއިލޯނާ ގުޅޭ ގޮތުން ޚިޔާލު ފާޅުކުރުމަށް ދާއިރާގެ ފަންނާނުންނަށް ފުރުސަތު ދިން -- ފޮޓޯ/ މުހައްމަދު ސައީދު، އެކްސް
ކޮންޓެންޓް ކްރިއޭޓަރުންނަށް ލޯނު ދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފައިވާއިރު، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް މީޑިއާ ބިލުން، ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލާ ގުޅިގެން ވެސް ފިޔަވަޅު އެޅޭނެކަމުގެ ކަންބޮޑުވުން ގިނަ އަދަދެއްގެ މީހުން އަންނަނީ ފާޅުކުރަމުންނެވެ.
އެ ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލައި، އިހުތިިޖާޖު ކުރަމުން ދަނިކޮށް ކޮމިޓީން މަރުހަލާގައި ބިލު ވަނީ ފާސްކޮށްފައެވެ. ސަރުކާރުން ވަނީ، ބިލު ފާސްކޮށްފައިވަނީ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އިސްލާހުތައް ގެނައުމަށް ފަހު ކަމަށް ބުނެފައެވެ.
މީގެ އިތުރުން ޕީއެންސީން ވަނީ، ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރަން ނޫޅޭ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.