މިއުޒިކް ސްޓްރީމިންގެ ދުނިޔޭގެ އެންމެ ބޮޑު ޕްލެޓްފޯމް ސްޕޮޓިފައިން މިހާރު ހިލޭ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށްވެސް ބޭނުން ލަވައެއް ނުވަތަ ޓްރެކެއް ސެލެކްޓްކޮށް ޕްލޭކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެ ކުންފުނިން ހޯމަ ދުވަހު އިއުލާން ކުރި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހިލޭ އެކުންފުނީގެ ޚިދުމަތްހޯދާ ކަސްޓަމަރުންނަށް މިހާރު ބޭނުން ލަވައެއް ހޯދައި ޕްލޭ ކުރެވޭނެއެވެ.
އަދި އެކުވެރިއަކު ނުވަތަ ފަންނާނެއް ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވާ ލަވައެއް ވެސް ޕްލޭ ކުރެވޭނެއެވެ.
މި އާ ފީޗާތަކަށް އެ ކުންފުނިން ދީފައިވާ ނަމަކީ "ޕިކް އެންޑް ޕްލޭ"، "ސަރޗް އެންޑް ޕްލޭ" އަދި "ޝެއާ އެންޑް ޕްލޭ" އެވެ. "ޕިކް އެންޑް ޕްލޭ" ގެ ދަށުން، ހިލޭ ކަސްޓަމަރުންނަށް ސްޕޮޓިފައި އެޕްގައި ބޭނުން ލަވައެއް ޕްލޭ ކުރުމަށް ކްލިކް ކޮށްލުމުން އެ ލަވަ އަޑުއިވޭނެއެވެ. ނުވަތަ ވަކި ލަވައެއް ހޯދައިގެންވެސް ޕްލޭ ކުރެވޭނެއެވެ.
"ޝެއާ އެންޑް ޕްލޭ" އަކީ ސޯޝަލް މީޑިއާގައި މިއުޒިކް ފެނިއްޖެނަމަ ސްޕޮޓިފައި އާންމުންނަށް ބޭނުންކުރުމަށް ބާރުއަޅާނެ ކަމެކެވެ. މިސާލަކަށް، އިންސްޓަގްރާމްގައި ސްޓޯރީސްއަށް ސްޕޮޓިފައި ޓްރެކްތައް އަޑާއެކު ޝެއާ ކުރުމުގެ ފުރުސަތު ލިބޭއިރު، އިންސްޓަގްރާމް ނޯޓްސްގައިވެސް މިއުޒިކް ޝެއާ ކުރެވޭނެއެވެ.
މިހާރު ކުރިން ހިލޭ ކަސްޓަމަރުންނަށް މޯބައިލް ޑިވައިސްތަކުން ލިމިޓެޑް ސްކިޕްތަކަކާއެކު ލަވަ ޝަފްލް ކުރެވޭގޮތަށް ވަނީ ބަދަލުކޮށްފައެވެ.
ސްޕޮޓިފައިން ބުނާ ގޮތުގައި މި އާ ފީޗާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހިލޭ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ނަމަވެސް ޕްރިމިއަމް ކަސްޓަމަރުންނަށް ލިބޭ ބައެއް ފުރުސަތުތައް ހިލޭ ކަސްޓަމަރުންނަށް ނުލިބޭނެއެވެ.
މިފަހަކަށް އައިސް ސްޕޮޓިފައިގެ އެޑް ބިޒްނަސްއަށް ދަތިތަކެއް ކުރިމަތިވެފައިވާކަން އެ ކުންފުނީގެ ސީއީއޯ ޑެނިއަލް އެކް ވަނީ އިންވެސްޓަރުންނަށް ހާމަކުރައްވާފައެވެ. އެޑް ރެވެނިއު ޖުމްލަ ރެވެނިއުގެ 20% އަށް އިތުރުކުރުމަށް ސްޕޮޓިފައިން މަސައްކަތް ކުރާއިރު، ޖޫން މަހާއި ހަމައަށް އެ އަދަދު ހުރީ އެންމެ 11 ޕަސެންޓުގައެވެ.
ހިލޭ ފީޗާތައް އިތުރުކުރުމުން ސްޕޮޓިފައިން އުއްމީދު ކުރަނީ މިޚިދުމަތް ހިލޭ ހޯދާ ކަސްޓަމަރުން އިތުރުވެ، އެ މީހުންނަށް އިތުރު އެޑްތައް ފެންނާނެ ކަމަށެވެ.