އިސްރާއިލުން ގަތަރަށް ދިން ހަމަލާއަކީ އިސްލާމީ ގައުމުތަކުގެ ކަރާމާތް ނަގާލަން ދިން ހަމަލާއެއް: ރައީސް

އަރަބި-އިސްލާމިކް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: އިސްރާއިލުން ގަތަރަށް ދިން ހަމަލާއަކީ އިސްލާމީ ގައުމުތަކުގެ ކަރާމާތް ނަގާލަން ދިން ހަމާލާއެއް ކަމަށް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް

މިމަހުގެ ނުވަ ވަނަ ދުވަހު އިސްރާއިލުން ގަތަރަށް ދިން ހަމަލާއަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމަށާއި، އެއީ ޢަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، ގަޠަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދާ ޢަރަބި، އިސްލާމީ ގައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، އިސްރާއިލުން ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމަށެވެ.

ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގައި ގަތަރުން މުހިންމު ދައުރެއް އަދާކުރާ ކަމަށާއި އެ ގައުމަށް ޙައްގުވަނީ އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްރާއީލުން މަސައްކަތްކުރަނީ ސުލްޙައަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، އިސްރާއީލުން ގަޠަރަށް ދިން ހަމަލާއަކީ، ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމާއި ފަލަސްޠީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުން ހިމެނޭހެން ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަރަބި-އިސްލާމިކް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ: އިސްރާއިލުން ގަތަރަށް ދިން ހަމަލާއަކީ އިސްލާމީ ގައުމުތަކުގެ ކަރާމާތް ނަގާލަން ދިން ހަމާލާއެއް ކަމަށް ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް

އިސްރާއީލުން ހިންގާ ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުޞަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ގާނޫނު ހިންގާންވާނީ ހުރިހާ ދައުލަތެއްގެ މައްޗަށްވެސް ހަމަހަމަ ގޮތެއްގައި ކަމަށެވެ.

އެ މަނިކުފާނު ވަނީ، ގަތަރުގެ ސަރުކާރާއި ރައްޔިތުންނަށް އެއްބާރުލުން ދިނުންމަތީ ރާއްޖެ ދެމިއޮންނާނޭ ކަމަށް ވިދާޅުވެފައެވެ.

އޭގެއިތުރަށް، ރޭވިފައިވާ ސިޔާސީ، އިގްތިޞާދީ، އަދި ޚާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް، އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ. އަދި ޣައްޒާއާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވެސް ރައީސް ގޮވާލެއްވިއެެވެ.

ގަތަރަށް ދިން ހަމަލާ ކުށްވެރިކުރައްވައި ރައީސް ވާހަކަދެއްކެވިއިރު، ދޯހާގައި ތިބި ހަމާސްގެ އޮފިޝަލުންނަށް ހަމަލާ އަމާޒުކުރި ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުން ބުނީ ހަމަލާ އަމާޒުކުރި، ހަމާސްގެ މެންބަރުންނަކީ އެ ޖަމާއަތުގެ ހަރަކާތްތަކުގައި އަހަރުތަކެއް ވަންދެން އިސްކޮށް ތިބި ބައެއް ކަމަށެވެ.

https://sun.mv/211092

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދޯހާގައި އިސްރާއީލުން ހަމަލާ އަމާޒުކުރި ތަނަކީ މީހުން ދިރިއުޅޭ އަވަށްތަކާ ކައިރި ސަރަހައްދެކެވެ.

އެ ހަމަލާތައް އަމާޒުވި މީހުންގެ ތެރޭގައި ގަތަރުގެ އާންމު ރައްޔިތުން ވެސް ހިމެނެއެވެ.

comment ކޮމެންޓް