މިދިޔަ އޮގަސްޓް މަހު ތަމަޅަ ބަހުން ރިލީޒްކުރި ފިލްމު "ކޫލީ"އަށް ބޮލީވުޑް އެކްޓަރުން ފާޑުކީ ކަމަށް ބުނެ ބަޔަކު މީހުން ސްކޭމް އިންޓަވިއުތަކެއް އިންޓަނެޓުގައި ދައުރުކުރަމުން އަންނަ ކަމަށް އާމިރު ޚާންގެ ޓީމުން ބުނެފިއެވެ.
ފިލްމު "ކޫލީ"އަކީ ސައުތު ސިނަމާއަށް އާމިރު ޚާން ތައާރަފްވި އެކްޓަރުގެ ފުރަތަމަ ތަމަޅަ ފިލްމެވެ. އެ ފިލްމުގައި އާމިރުގެ ވަރަށް ހާއްސަ ފެނިލުމެއް ދައްކާލިއިރު މިހާތަނަށް އާމިރު ފިލްމު ބަލާފައި ނުވާ ކަމަށް އެކްޓަރުގެ ޓީމުން ވަނީ ބުނެފައެވެ.

ފިލްމު "ކޫލީ"ގެ މަންޒަރެއްގައި އާމިރު ޚާން--ފޮޓޯ/ފިލްމުފެއަ
އިންޓަނެޓުގައި ދައުރުކުރަމުން އަންނަ އިންޓަވިއުގައި އެ ފިލްމަށް ސޮއިކުރެވުނީތީ މިހާރު ދެރަވާ ކަމަށް އާމިރު ބުނާތަން ވަނީ ދައްކާފައެވެ. އެހެންނަމަވެސް އެއީ މުޅިން ދޮގު ޚަބަރެއް ކަމަށާއި އެ އިންޓަވިއުއާ ގުޅިގެން މީޑިއާގައި ދައުރުވަމުން އަންނަ ޚަބަރުތަކާއި ޕޯސްޓުތަކަކީ އެއްވެސް ހަގީގަތެއް ނެތް ރިޕޯޓުތަކެއް ކަމަށް އާމިރުގެ ޓީމުން ވަނީ ބުނެފައެވެ.
ފިލްމު "ކޫލީ"ގައި އެކްޓަރު ރަޖިނީކާންތުއާ އެކު މަސައްކަތް ކުރަން ލިބުމުން އެކަމާ ވަރަށް އުފާވި ކަމަށާއި ފިލްމުގައި އާމިރުގެ ކެރެކްޓާއަށް އެއްވެސް އަގެއް ނުނަގާ ކަމަށް ވެސް އެކްޓަރު ވަނީ ތަންކޮޅެއްކުރިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.
މީގެއިތުރުން އާމިރު މިހާތަނަށް ނުވެސް ބަލާ ފިލްމަކަށް ފާޑުކިޔޭނެ ގޮތެއް އޮންނާނެތޯ ވެސް އެކްޓަރުގެ ޓީމުން ވަނީ ސުވާލު އުފައްދާފައެވެ. އެހެންކަމުން ފިލްމު "ކޫލީ"ގައި އެކްޓަރު ކުޅުނު ކެރެކްޓާއާ ގުޅޭގޮތުން ފާޑުކިޔާ ކަމަށް ބުނެ އާމިރު އިންޓަވިއުއެއް ދީފައި ނުވާނެ ކަމަށާއި އެފަދަ ދޮގު ޚަބަރުތައް ފެތުރުން ހުއްޓާލުމަށް އެކްޓަރުގެ ޓީމުން ވަނީ ގޮވާލާފައެވެ.
ޑައިރެކްޓަރު ލޮކޭޝް ކަނަގަރާޖް ޑައިރެކްޓްކޮށްފައިވާ ފިލްމު "ކޫލީ"ގެ މަސައްކަތަށް މީގެކުރިން ވެސް އާމިރު ތައުރީފުކޮށްފައިވާއިރު އެ ފިލްމުގެ ކްރޫއިންނާއި ކާސްޓުންނަކީ އާމިރު ވަރަށް އިހުތިރާމްކުރާ ބައެއް ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.
ފިލްމު "ކޫލީ"އަށް އާމިރު ކިޔާފައިވާ ކަމަށް ބުނެ ސްކޭމް އިންޓަވިއުތަކެއް ދައުރުވަމުން އަންނައިރު ދާދިފަހުން އެކްޓަރު ވަނީ އެ ފިލްމުގެ ޑައިރެކްޓަރު ލޮކޭޝްއާ އެކު ފަހުން ސޮއިކުރި ފިލްމުން ވަކިވެފައެވެ. އެ ފިލްމުން އާމިރު ވަކިވީ ފިލްމުގެ ސްކްރިޕްޓް އެކްޓަރު ބޭނުންވާ ދުވަހަށް ނުނިމި އޮތުމުންނެވެ.