ގާނޫނުއަސާސީއާއި އުސޫލުތަކަށް ފެތޭ ގޮތަށް، މީޑިއާ ބިލަށް ބޮޑެތި ބަދަލު ގެންނަންޖެހޭ: ބާ ކައުންސިލް

ބާ ކައުންސިލްގެ ރައީސް ހުސައިން ސިރާޖު: ގާނޫނުއަސާސީއާއި އުސޫލުތަކުގައި ބުނާ ގޮތަށް، މީޑިއާ ބިލަށް ބޮޑެތި ބަދަލު ގެންނަންޖެހޭ ކަމަށް އެ ކައުންސިލުން ބުނޭ -- ފޮޓޯ/ ޕީއެސްއެމް

ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ އުސޫލުތަކުގައިވާ ގޮތުގެ މަތިން، މީޑިއާ ބިލަށް ބޮޑެތި ބަދަލު ގެންނަންޖެހޭ ކަމަށް ރާއްޖޭގެ ބާ ކައުންސިލުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މީޑިއާ ބިލުގެ ސަބަބުން މިނިވަންކަން ގެއްލޭ ކަމަށް ބުނެ ނޫސްވެރިން ނުރުހުން ފާޅުކުރަމުން ދަނިކޮށް، ބިލު ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ވަނީ އެ ބިލު ފާސްކޮށްފައެވެ. އަދި މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީގެ މެންބަރަކު ވަނީ މާދަމާ، ދައުރުން ބޭރުން މަޖިލީހުގައި ބާއްވާ ޖަލްސާގައި ބިލް ފާސްކުރަން މަސައްކަތް ކުރާނެ ކަމަަށް "ސަން"އަށް ވިދާޅުވެފައެވެ.

އެ ބިލާ ގުޅޭ ގޮތުން ބާ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ބިލާ ގުޅޭ ގޮތުން ކައުންސިލުން ދެކޭ ގޮތް މަޖިލީހަށް ހުށަހަޅައިފައިވާ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީގެ ހަމަތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބިލު ފެތޭ ގޮތަށް، ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށް އެ ޕޯސްޓުގައިވެއެވެ.

އެއާއެކު ބާ ކައުންސިލުން ވަނީ ބިލާ ގުޅޭ ގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް، ބިލު ފާސް ކުރުމުގެ ކުރިން އެކަންކަމަށް ރިއާޔަތް ކުރުމަށް ގޮވާލައިފައެވެ.

https://sun.mv/211356

ފާހަގަކޮށްލެވޭ ގޮތުގައި، ބިލު މަޖިލީހަށް ހުށަހެޅުމާއެކު ނޫސްވެރިން އަންނަނީ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އަދި އެ ބިލުގެ ދިރާސާގެ ތެރެއިން ހިޔާލު ދިން ހުރިހާ މީޑިއާއަކުންނާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެ ބިލާ ދެކޮޅަށް 151 ނޫސްވެރިންގެ ސޮޔާއެކު މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފައިވާއިރު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ، ބިލަށް ގެނައި އިސްލާހުތަކާއެކު ކަންބޮޑުވުންތަކަށް ރިއާޔަތް ކުރެވިފައިވާ ކަމަށް ނިންމައިފައެވެ.

comment ކޮމެންޓް