އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އަރަބި އިސްލާމީ ސަމިޓް ނާކާމިޔާބު

ގަތަރުގައި ބޭއްވި އިސްލާމީ ސަމިޓް

ދައުހާ (16 ސެޕްޓެމްބަރު 2025) : އިސްރާއީލުން ގަތަރަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ބޭއްވި އަރަބި އިސްލާމީ ގައުމުތަކުގެ އިސްވެރިންގެ ކުއްލި ސަމިޓްގައި ޢަރަބި އަދި އިސްލާމީ ގައުމުތަކުގެވެރިން އިސްރާއީލު ކުށްވެރިކޮށް އިސްރާއީލަށް އިންޒާރުތައް ދެއްވި ނަމަވެސް އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެ ސަމިޓް ނާކާމިޔާބު ވެއްޖެއެވެ.

ފަސް ދޮޅަސް ގައުމެއްގެ އިސް ވެރިން ގަތަރުގައި އިއްޔެ ބޭއްވި އެއް ދުވަހުގެ ސަމިޓް ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަރަބި އިސްލާމީ ގައުމުތަކުގެ ތެރެއިން އިސްރާއީލާ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުން އެގުޅުންތައް ދެމެހެއްޓުމާމެދު އަލުން ވިސްނުމަށެވެ. އެކަން މުރާޖައާ ކުރުމަށެވެ. އަދި އިސްރާއީލުގެ އުދުވާން ހުއްޓުވުމަށްޓަކައި އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެލުމަށެވެ.

އިސްރާއީލާ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކުން އެގުޅުންތައް ކަނޑާލުމަށް ގޮވާލާފައެއް ނުވެއެވެ. އަދި އިސްރާއީލާ ދެކޮޅަށް ވަކިބާވަތެއްގެ ފިޔަވަޅެއް އެޅުމަށް ގޮވާލާފައެއް ނުވެއެވެ. އަދި އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމާ ބެހޭގޮތުން އެއްބަސްވުމަކަށްވެސް އާދެވިފައެއް ނުވެއެވެ. މީގެއިތުރުން އިސްރާއީލާއެކު އަލުން ގުޅުންތައް ނުއުފައްދާނެ ކަމުގެ އިންޒާރެއްވެސް ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި ދީފައެއް ނުވެއެވެ.

ގަތަރަށް ދިން ހަމަލާއާއި ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ކުރިމަތިލެވޭފަދަ އެއްވެސް އޮއްޓަރެއް ހުރި ނިންމުމެއް ސަމިޓުން ނިންމާފައި ނުވާކަމަށް މުހައްލިލުން ވިދާޅުވެއެވެ. އަރަބި މުހައްލިލުން ވިދާޅުވާގޮތުގައި މިއީ މިއީ އަނގބަހުން ކުށްވެރި ކޮށްލުމަށް އަރަބި ލީގުންވެސް އާންމުކޮށް ބާއްވާ އަރަބި ސަމިްޓްތަކާ ވަރަށް އެއްގޮތް ސަމިޓެކެވެ. އިސްލާާމީ ދުނިޔޭގެ ރައްޔިތުން އިސްރާއީލާ ދެކޮަޅަށް އެޅުމަށް އެދޭ އުންމީދުތަކާ ގާތްކުރާ ވަރަށްވެސް ސަމިޓުން ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ސަމިޓުން ނެރުނު ގުޅިފައިވާ ބަޔާނުގައި އަރަބި އިސްލާމީ ދުނިޔެއަށް ގޮވާލުމުގެ ގޮތުން ބުނެފައިވަނީ އަރަބި ސަމިޓްތަކުގައި އަބަދުވެސް ތަކުރާރުކުރާ އިބާރާތެކެވެ. އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގަމުންދާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ދެކޮޅަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ. ނަމަވެސް ހުރިހާ އިސްލާމީ ގައުމުތައް ގުޅިގެން އިސްރާއީލު އިގްތިސާދީ ގޮތުން ބޮއިކަޓް ކުރުންފަދަ އެއްވެސް ފިޔަވަޅެއް އެޅުމަށް ސަމިޓުން ނިންމާފައެއް ނުވެއެވެ.

އިސްރާއީލަށް އިއުތިރާފްވެ އިސްރާއީލަކީ ދައުލަތެއްކަމަށް ބަލައިގަންނަނީ މަދު އިސްލާމީ ގައުމަކުންނެވެ. އޭގެތެރޭގައި ހިމެނެނީ ތުރުކީ، މިސްރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން، މިސްރު، އުރުދުން އަދި މަޣްރިބް އާއި ޗާޑު، ސެނެގާލް އެވެ.

މީގެތެރެއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މަޣްރިބް އަކީ ދާދިފަހުން އަބްރަހަމް އެކޯޑް ގެ ނަމުގައި އެމެރިކާ އިސްވެ އޮވެގެން އަރަބި ގައުމުތަކުގެ އިއުތިރާފް އިސްރާއީލަށް ހޯދުމަށް އުފެއްދި އަބްރަހަމް އެކޯޑް ގެ ދަށުން އިސްރާއީލު ބަލައިގަނެ އިސްރާއީލަށް އިއުތިރާފްވި 3 ގައުމެވެ. މި 3 ގައުމަކީ މިހާރުވެސް އިސްރާއީލާ ގުޅުންތައް ވަރަށް ބޮޑު އަރަބި ތިން ގައުމެވެ. މި 3 ގައުމުން ކުރެ ގައުމެއްގެ އިސްވެރިއަކު ގަތަރުގައި ބޭއްވި ސަމިޓަށް ހާޒިރުވެ ވަޑައިގެންފައިވެސް ނުވެއެވެ.

ގަތަރުގައި ބޭއްވި ސަމިޓްގައި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި އިސްރާއީލަށް އިއުތިރާފް ނުވުމަށާއި އިސްރާއީލު ބޮއިކަޓް ކުރުމަށް އެދި ގޮވާލީ އީރާން، ޕާކިސްތާން އަދި ތުރުކީ މި 3 ގައުމުންނެވެ. މި 3 ގައުމަކީ މިހާރުވެސް އިސްރާއީލު ބޮއިކަޓް ކޮށްފައިވާ އަދި އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އިސްރާއީލާ މުއާމަލާތް ނުކުރާ ތިން ގައުމެވެ. އަދި އިސްރާއީލަށް އިއުތިރާފްވެސް ނުވާ ތިން ގައުމެވެ.

އިސްރާއީލަށް އިއުތިރާފް ވެފައިވާ އަދި އިސްރާއީލާ ގުޅުން އޮންނަ އިސްލާމީ ގައުމުތަކުގެ ތެރެއިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ހަމައެކަނި ގައުމަކީ ތުރުކީއެވެ. ތުރުކީވަނީ މިފަހަކަށް އައިސް އިސްރާއީލާ ދެކޮޅަށް އިގްތިސާދީ އަދި ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ.

އީރާނަކީ އިސްރާއީލުގެ އެންމެ ބޮޑު ދުޝްމަންއެވެ. އިސްރާއީލާ ދެކޮޅަށް ޖިހާދުކުރާ ޖަމާއަތްތަކަށް މަދަދުދީ އެޖަމާއަތްތަކުގެ ފަހަތުގައިވާ ގައުމެވެ. އީރާނަކީ އިސްރާއީލަކީ ނައްތާލަންޖެހޭ ކެންސަރު ސެލްއެއްކަމަށް ސިފަކުރާ އަދި އިސްރާއީލު ނައްތާލުމަށް ފާޅުގައި ގޮވާލާ ހަމައެކަނި ގައުމެވެ.

އިސްރާއީލާ ކުރިމަތި ލުމަށްޓަކައި އަމިއްލަ ނަފްސަށް ޑިޕެންޓް ވެގެން ދިފާއީ ޓެކްނޮލޮޖީ ތަރައްގީ ކުރަމުން ގެންދާ ހަމައެކަނި ގައުމަކީވެސް އީރާން އެވެ. މިކަމުގެ ސަބަބުން އީރާނަށްވަނީ އެމެރިކާއާއި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހިފައެވެ. އަދި އިސްރާއީލު ދާދިފަހުންވަނީ އީރާނުގެ ނިއުކްލިޔާ ނިއުކްލިޔާރ ޓެކްނޮލޮޖީ ނައްތާލުމަށްޓަކައި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުގެ ހަމަލާތަކަށްފަހު ޚުދު އެމެރިކާވެސްވަނީ އިސްރާއީލު އެދިގެން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއަޅައި އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު