ކިޔައިލަން ފުރުސަތަކަށް އެދިއެދި އޮއްވައި، ކައުންސެލް ޖެނެރަލްގެ ލަފާތަކާއެކު ކޮމިޓީ ރިޕޯޓު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ދިރާސާކުރުން --

މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް ހުށަހަޅައިފައިވާ ބިލު, ކޮމިޓީން ފާސްކޮށް, ބިލުގެ ކޮމިޓީ ރިޕޯޓު، ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ހުށަހެޅުއްވި ލަފާތަކާއެކު މިއަދު ފާސްކޮށްފިއެވެ.

ބިލާ ދެކޮޅަށް ނޫސްވެރިންނާއި، އިދިކޮޅު އެމްޑީޕީއިން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުކުރަމުންނެވެ. މިއަދު ވެސް ހެނދުނު 08:30 އިން ފެށިގެން ނޫސްވެރިން އަންނަނީ މަޖިލިސް ދޮށުގައި އިހުތިޖާޖުކުރަމުންނެވެ.

ސަރުކާރުގެ ވަޒީރުންނާއި، ސިޔާސީ ބޭފުޅުންގެ އިތުރުން ސުޕަމެޖޯރިޓީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ބިލުގެ ދިފާއުގައި ވާހަކަދައްކަވަމުން ދަނިކޮށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ނޫސްވެރިންގެ ކަންބޮޑުުވުންތަކާ ގުޅިގެން 14 އިސްލާހެއް ބިލަށް ހުށަހަޅައިފައެވެ.

އެ އިސްލާހުތަކާއި އިތުރު އިސްލާހުތަކެއް ހިމެނޭ ގޮތަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އިއްޔެ ބިލް ފާސްކޮށްފައެވެ.

އެއާއެކު މިއަދު މެންދުރުފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ބިލު ފާސްކޮށް ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ފާސްކުރުމަށް ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ބައްދަލުވުމުގައި، ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވީ ފިލްޒާގެ ލަފަތަކާއެކު މީޑިއާ ބިލު ފާސްކުރުމަށެވެ. ޝުޖާއުގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފެވެ.

ފިލްޒާގެ ލަފައާއެކު ރިޕޯޓު ކިޔުމުގެ ފުރުސަތު ލިބެންވާނެ ކަމަށާއި، ބިލުގެ ފައިނަލް ޑްރާފްޓް ވެސް ކިޔުއްވަން ފުރުސަތު ލިބެންވާނެ ކަމަށް ވިދާޅުވެ މެންބަރު މީކާއީލް ނަސީމް ވަނީ ވިދާޅުވެފައެވެ.

އެންމެ ކުޑަމިނުން ބިލުގެ ރިޕޯޓު ވިދާޅުވާން އެކަށީގެންވާ ވަގުތު ދޭން ޖެހޭނެކަން ފާހަގަކުރައްވައި، މީކާއީލް ވިދާޅުވީ ރިޕޯޓު ވިދާޅުވާން ފުރުސަތުނުދީ ފާސްކޮށްފިނަމަ، ބިލުގެ ސައްހަކަމާ މެދު ސުވާލު އުފެދޭނެ ކަމަށެވެ.

އެއާއެކު، ފިލްޒާގެ ލަފަޔާއެކު ބިލު ފާސްކުރަން ފެނޭތޯ ވޯޓަށް އެހުމާއެކު، ވޯޓު ނަގަނީ "ކަނޑައެޅިގެން ގަވައިދާ ޚިލާފަށް"ކަމަށް މީކާއިލް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވިއެވެ.

އެހެންކަމުން ފިލްޒާގެ ލަފަޔާއެކު ބިލު ފާސްކުރަން ފެންނަ ކަމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި ޕީއެންސީގެ މެންބަރުން ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ވޯޓުދެއްވީ މީކާއީލެވެ.

ފާހަގަކުރެވޭ ގޮތުގައި މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމަށް މިއަދު ހަވީރު ފަހެއްޖަހާއިރު ދައުރުން ބޭރުން ޖަލްސާއެއް ބާއްވާނެ ކަމަށް މަޖިލީހުން ބުންޏެވެ. ނަމަވެސް އަދިވެސް ޖަލްސާގެ އެޖެންޑާ އާންމު ނުކުރެއެވެ.

އެޖެންޑާ ނޭނގުނު ނަމަވެސް މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީ ތަމުސީލުކުރާ ބައެއް މެންބަރުން ވަނީ އިއްޔެ، ކޮމިޓީން ފާސްކުރި ގޮތަށް މިއަދުގެ ޖަލްސާގައި 'މީޑިއާ ކޮންޓްރޯލް ބިލު' ފާސްކުރާނެ ކަމަށް ވިދާޅުވެފައެވެ.

އެ ބިލު އިއްޔެ ކޮމިޓީން ފާސްކުރި ފަހުން، ޕީއެންސީގެ ސީނިއާ މަޖިލިސް މެންބަރަކު "ސަން"އަށް ވިދާޅުވީ އެ ޕާޓީގެ ވިސްނުމަކީ އެ ބިލުވީ އެންމެ އަވަހަކަށް ފާސްކުރުން ކަމަށެވެ. އެހެންވެ، ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި ބިލު ހުށަހަޅައި ފާސްކުރަން އެ ޕާޓީން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

"ބިލު އެ އޮތީ މައިގަނޑު ކަންބޮޑުވުންތަކަށް ހައްލު ގެނެސް ކޮމެޓީން ފާސްކޮށްފައި. މާދަމާ ބިލު ފާސްކުރުން ވިސްނުމަކީ،" މެންބަރު ވިދާޅުވިއެވެ.

މިއަދު ހެނދުނު 11:00 ޖެހިއިރު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުގައި ވަނީ، އެ 151 ނޫސްވެރިންގެ ސޮޔާ އެކު މީޑިއާ ކޮންޓްރޯލް ބިލު ބޭރުކޮށްލަން ހުށަހަޅާފައިވާ ޕެޓިޝަން ބޭރުކޮށްލަން ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމައިފައެވެ. ޕެޓިޝަން ކޮމިޓީން އެގޮތަށް ނިންމީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޕެޓިޝަން ކޮމިޓީއަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ

މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަނާއި މީޑިއާ ކައުންސިލް، އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބޭރުގެ ޖަމިއްޔާތަކުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ މިއީ މިނިވަން ނޫސްވެރިކަން 'ނެތިކޮށްލާނެ ބިލެއް'ގެ ގޮތުގައި ސިފަކޮށްފައެވެ.

comment ކޮމެންޓް