މީޑިއާ ބިލު ފާސްކުރަނީ ރަނގަޅަކަށް ނޫން, އައު ބިލެއް އެކުލަވާލަން ޖެހޭ: ކުރީގެ ޕީޖީ މުއިއްޒު

ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު-- ސަން ފޮޓޯ

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރަން ނިންމާފައިވާ, މީޑިއާ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަޙްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަށް, ސަރުކާރާ ގުޅުން ބޮޑު އަމިއްލަ މެންބަރެއް ކަމަށްވާ, އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލުގައި ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތެވެ. އޭގެ ތެރޭގައި ނޫސްވެރިންނަށް އަދަބު ދިނުމާއި މީޑިއާތައް ބަންދު ކުރުމުގެ ބާރު, ދިނުން ހިމެނެއެވެ.

ފުރަތަމަ ދުވަހު ވެސް ސަރުކާރުން ބުނީ، މި ބިލާ ސަރުކާރާ ގުޅުމެއް ނެތް ކަމަށެވެ. ނަމަވެސް، ފަހުން ދައުލަތުގެ ބަންޑާރަނައިބާއި ޕީއެންސީން ވަނީ މުޅި ބިލުގެ ދިފާއުގައި ނުކުންނަވާފައެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވައި މިއަދު ބިލު ފާސްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އާ ގާނޫނުއަސާސީ އެކުލަވާލި މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ, މުއިއްޒު މިއަދު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ލިޔުމެއްގައި ވިދާޅުވީ، މި ބިލު ފާސްކުރަން މަޖިލީހުން މަސައްކަތްކުރަނީ އާދަޔާހިލާފަށް އަވަހަށް ކަމަށެވެ.

"ގާނޫނު ހަދާ މަޖިލީހުން ގާނޫނުތައް އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ. އަދި ކަމާ ބެހޭ ފަންނީ ބޭފުޅުންނާއި ޚަބީރުންގެ ލަފަޔާއި އެންމެހާ ސްޓޭކްހޯލްޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދަން ޖެހޭނެ," ތަޖުރިބާކާރު ވަކީލް މުއިއްޒު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިހާރު އެ ބިލު އެ އޮތްގޮތަށް ފާސްކުރުމާމެދު ކަންބޮޑުވާ ކަމަށެވެ. އަދި، ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް, އަވަސްއަރުވާލައިގެން ބިލު ފާސްކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ލަފާފުޅަކީ ކުރީގެ އިންފޮމޭޝަން މިނިސްޓަރު މުޙައްމަދު ނަޝީދު ފަދަ ދާއިރާގެ އިލްމުހުރި ބޭފުޅުންގެ ޚިޔާލާއި ލަފާ ހޯދައިގެން ބިލު އަލުން އެކުލަވާލުމަށެވެ.

ގާނޫނީ ވަކީލުންގެ ކަންކަން ބަލަހައްޓާ, ބާ ކައުންސިލުން ވެސް ވަނީ މިހާރު ބިލު އޮތްގޮތަށް ފާސްކުރާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުންނާއި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް