މީޑިއާތައް ރެގިއުލޭޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރަން މަސައްކަތް ކުރާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދަނިކޮށް, ހައްޔަރުކުރި, މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރު ލީވާން އަލީ ނާސިރު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ މިއަދު މެންދުރު, އަދަދު ނޫހުގައި މަސައްކަތް ކުރާ ލީވާން ހައްޔަރު ކުރީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މަޖިލިސް ކުރާގެ ކައިރިއަށް އެއްވެ, މުޒާހަރާ ކުރުމާއި ފުލުހުންނާ ކުރިމަތިލުމުގެ ތުހުމަތުގައި ކަމަށެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދަނިކޮށް, ތިން ފުލުހުން ލީވާން ހައްޔަރުކޮށްގެން ގެންދާ ވީޑިއޯ ވަނީ އާއްމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ ލީވާން ފަހަތަށް ބިޑި ވެސް އަޅުވާފައި ހުއްޓައެވެ.
ލީވާންގެ އިތުރުން އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނަކު ވެސް މި ތުހުމަތުގައި މިއަދު ހައްޔަރު ކުރިއެވެ. އޭނާ ވެސް ވަނީ މިނިވަން ކޮށްފައެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ފާސްކުރުމުގެ ޖަލްސާ މިހާރު ކުރިއަށް ދާއިރު, ނޫސްވެރިންނާއި ބައެއް އާއްމުން މިހާރު ވެސް އަންނަނީ މަޖިލިސް ކުރާގޭ ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
މުޒާހަރާގެ ބައިވެރިން މަޖިލިސް ކުރާ ގެ ކައިރިން ފަހަތަށް ޖެއްސިއިރު ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާތީ ބައެއް ނޫސްވެރިންނާއި އާއްމުންނަށް ވެސް ވަނީ އަނިޔާވެފައެވެ.