ނޫސްވެރިން ދެކޮޅުހަދަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލް ފާސްކުރުމާ ގުޅިގެން ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށް އެމެރިކާއިން މިއަދު ރާއްޖެއަށް ގޮވާލައިފިއެވެ.
މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މިދިޔަ މަހު ހުށަހެޅުއްވި ބިލް، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ކަމަށްވާއިރު، އެ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދިޔަ އެމްޑީޕީ މެންބަރުންގެ ނަން އިއްވައި ތަޅުމުން ނެރުނެވެ.
އެ ބިލް ފާސްކުރި ފަހުން އެމެރިކާ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ނޫސްވެރިން ހިމެނޭ ގޮތަށް، އެންމެންނަށް ވެސް އަސާސީ މިނިވަންކަމެއްގެ ގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަށް އެމެރިކާއިން ތާއިދުކުރާ ކަމަށެވެ.
އެހެންވެ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެގެހެއްޓުމަށާއި ފާޑުކިޔާ މީހުންނާއި އިދިކޮޅަށް ވެސް ފުރުސަތު ދިނުމަށް ރާއްޖެއާއި ހުރިހާ ގައުމަކަށް ގޮވާލާ ކަމަށް އެމްބަސީގެ ޕޯސްޓުގައިވެއެވެ.
މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ، ވެރިކަން ކުރާ ޕީއެންސީން މިއަދު ބިލް ފާސްކުރަން ނިންމައި، ދައުރުން ބޭރުން ޖަލްސާއަށް ބާއްވަން ނިންމިއެވެ. އާންމު ގޮތެއްގައި ޖަލްސާތަކުގެ އެޖެންޑާ، ޖަލްސާ އޮންނަ ދުވަހުގެ ކުރީރޭ ހާމަކުރާ ނަމަވެސް ރޭ މަޖިލީހުން އެޖެންޑާ ހާމަކޮށްފައިނުވެއެވެ. އަދި ޖަލްސާ އާންމުކޮށް ބާއްވަނީ ހެނދުނު ނަމަވެސް، މިއަދު ޖަލްސާ ބޭއްވީ ހަވީރެވެެ.
އެންމެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމީ 16:00ގައި ނަމަވެސް، ފަހުން ޖަލްސާ 17:00އަށް ލަސްކުރީއެވެ. އެ ބިލާ ދެކޮޅަށް މަޖިލިސް ދޮށުގައި ނޫސްވެރިންނާއި އިދިކޮޅުން ދިޔައީ މުޒާހަރާ ކުރަމުންނެވެ.
ހަވީރު ޖަލްސާ ފެށިއިރު ވެސް އިދިކޮޅު އެމްޑީޕީގެ މެންބަރުން ދިޔައީ ތަޅުމުގައި ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުންނެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ބައެއް މެންބަރުންގެ ނަން އިއްވައި، މެންބަރުން ބޭރުކުރެއްވިއެވެ.
އެ ބިލާ ދެކޮޅަށް 151 ނޫސްވެރިން ސޮއިކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް، އެ ޕެޓިޝަން ބޭރުކޮށްލަން ޕެޓިޝަން ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ. އަދި ބިލް ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލަށް ގެނައި އިސްލާހުތަކުން، ޕެޓިޝަނުގައި ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ހައްލު ލިބިފައިވާ ކަމަށް، ޕީއެންސީގެ އަޣުލަބިއްޔަތު އޮންނަ އެ ކޮމިޓިން އިއްޔެ ވަނީ ފާސްކޮށްފައެވެ.
ނޫސްވެރިންގެ އިތުރުން، ބްރޯޑްކޮމްއާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވެސް މީގެ ކުރިން ވަނީ މީޑިއާ ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމާއި ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް)އިން އެކުލަވައިލި މިއަހަރުގެ ޕްރެސް ފްރީޑަމް އިންޑެކްސްގެ 104ވަނައިގައި ރާއްޖެ އޮތްއިރު، ސްކޯއަކީ 52.46އެވެ.
އެހެންކަމުން ރާއްޖެ ހިމެނެނީ، ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގައެވެ.