މީޑިއާ ބިލު ފާސްކުރި ގޮތުން ނުނިޔަތެއް އޮތްކަން ހާމަވޭ، ތަސްދީގުނުކުރަން ގޮވާލަން: އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ ރައީސް އިމްރާން: އެޕާޓީން ބުނީ، މީޑިއާ ބިލުން ޑިމޮކްރެޓިކް ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް --- ފޮޓޯ/ އަދާލަތު ޕާޓީ

ބައެއް އިސްލާހުތަކާއެކު، މީޑިއާތައް ކޮންޓްރޯލް ކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި ބިލުން ޑިމޮކްރެޓިކް ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް ބުނެ، ބިލު ތަސްދީގު ނުކުރުމަށް އަދާލަތު ޕާޓީން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް މިއަދު ގޮވާލައިފިއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި ބިލު މަޖިލީހުން މިއަދު ފާސްކުރީ، މަޖިލިސް ދޮށުގައި ނޫސްވެރިންނާއި އާންމުން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

އެ ބިލު ފާސްކުރަން އުޅުމުން އެމްޑީޕީ މެންބަރުން އަޑުގަދަކޮށް، އިހުތިޖާޖުކުރިއެވެ. އަދި ބިލަށް ވޯޓަށް އެހީ، އެ ޕާޓީގެ މެންބަރުންތަކެއްގެ ނަން އިއްވައި ތަޅުމުން ބޭރުކުރުމަށްފަހުގައެވެ. އެއީ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީގެ ތާއިދާއެކު 60 މެންބަރުންގެ ވޯޓުންނެވެ.

ނޫސްވެރިން މަޖިލީސް ކައިރީ އިހުތިޖާޖު ކުރަނީ: އަދާލަތު ޕާޓީން ބުނީ، މީޑިއާ ބިލުން ޑިމޮކްރެޓިކް ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ބިލު ފާސްކުރުން ކުށްވެރިކޮށް، އަދާލަތު ޕާޓީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ޕާޓީން ބުނީ، އިސްލާހުތަކާ އެއްކޮށް ފާސްކުރި ނަމަވެސް އެ ބިލުގެ ސަބަބުން އަދިވެސް މިނިވަން ނޫސްވެރިކަން ހުއްޓުމަށް މަގުފަހިވާ ކަމަށެވެ.

އެތައް ނޫސްވެރިންނާއި ޖަމާއަތްތަކުން ބިލާ ދެކޮޅު ހަދަމުން ދަނިކޮށް، ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިގެން ބިލު ފާސްކުރުމަކީ ސަރުކާރުގެ ނުނިޔަތެއް އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށް އަދާލަތުން ބުނެއެވެ.

މިފަދަ ހައްސާސް ބިލެއް ފާސްކުރީ ކުރަން ޖެހޭ ވަރަށް ދިރާސާނުކޮށް، ހޯދަންވީ ވަރަށް ޚިޔާލު ނުހޯދައި ކަމަށް އެޕާޓީން ބުންޏެވެ. އެއީ، ޑިމޮކްރެޓިކް މުޖުތަމައެއްގައި ކަންކަން ކުރެވެމުންދާ ގޮތާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އަދާލަތު ޕާޓީން ވަނީ، ބިލު ތަސްދީގުނުކޮށް، އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސަށް ގޮވާލާފައެވެ.

މީޑިއާ ބިލާ ދެކޮޅަށް މިއަދު މަޖިލިސް ކައިރީ ކުރި މުޒާހަރާގައި ލިވާން -- ސަން ފޮޓޯ/ މޫސާ ނަދީމް

މި ބިލުގެ ސަބަބުން ރާއްޖޭގެ ދިމިޤްރާތީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެގެންދާނެތީ، މި ބިލު ތަސްދީގުނުރައްވާ އަލުން މަޖިލީހަށް ފޮނުވާލުމަށް އަދާލަތު ޕާޓީގެ ފަރާތުން ދިވެހިރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލަން

ހަމައެހެންމެ، އެޕާޓީން ވަނީ، މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކޮށް، ކަށަވަރުކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެ ބިލު ބޭރުކޮށްލަން ގޮވާލައި 151 ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް ޕެޓިޝަނުގައި ހުރި ކަންބޮޑުވުންތަކަށް، ކޮމިޓީން ގެނައި އިސްލާހާ އެކު ފަރުވާ ލިބިފައިވާ ކަމަށް ބުނެ އެ ޕެޓިޝަން ވެސް މަޖިލީހުން ވަނީ ބޭރުކޮށްލާފައެވެ. އަދި، ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނާއި ސަރުކާރުން އަންނަނީ މިއީ 'އަބުރު ރައްކާތެރިކޮށްދޭ' ބިލެއް ކަމަށް ބުނެ ބިލު ޕްރޮމޯޓުކުރަމުންނެވެ.

https://sun.mv/211396

ބިލަށް ކޮމިޓީން ގެނައި މައިގަނޑު އިސްލާހުތައް:

  • ތަހުގީގު ނުނިންމާ މީޑިއާ ހުއްޓުވާލެވޭ ގޮތަށް އޮތް މާއްދާ އުނިކުރުން
  • ރައީސުލްޖުމްހޫރިއްޔާ، ކޮމިޝަންގެ ރައީސް އައްޔަންކުރައްވާ ގޮތަށް އޮތް މާއްދާ، ކޮމިޝަންގެ ވޯޓަކުން އައްޔަންކުރާ ގޮތަށް ބަދަލުކުރުން
  • އިލެކްޓްރޯނިކް މީޑިއާ މާނަކޮށްފައިވާ ގޮތް ތަފުސީލުކޮށް، ސޯޝަލް މީޑިއާ ނުހިމެނޭ ގޮތަށް ލިޔުން
  • ނޫސް މަޖައްލާތައް ނެރޭއިރު ކޮމިޝަނަށް އަންގަންޖެހޭ ގޮތަށް އޮތް މާއްދާ އިތުރަށް ތަފުސީލުކުރުން
    ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާގައި ބުނާ ހިޔާލު ފާޅުކުރުމާއި
  • ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަމެއް ކޮމިޝަނަށް ނުކުރެވޭނެ ކަމަށް ބަޔާންކުރުން
  • މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ފިޔަވަޅެއް އެޅުމުގެ ކުރިން ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ބަޔާންކުރުން
  • ހަގީގަތާ ހިލާފު ލިޔުމެއް ޝާއިއުކޮށްފި ނަމަ އެ އިސްލާހުކުރަން ނުވަތަ ޖަވާބަކަށް އެދުމުގެ ފުރުސަތު، އެ ކަމުން އަސަރުކުރާ ފަރާތްތަކަށް ފަހިކޮށްދިނުން

ބިލަށް އިސްލާހުތަކެއް ގެނައި ނަމަވެސް ނޫސްވެރިން އަދިވެސް އިހުތިޖާޖުކުރަނީ އިތުރު ކަންބޮޑުވުންތަކެއް ހުރި ކަމަށް ބުނެއެވެ. އަދި ނޫސްވެރިން ވެސް އަންނަނީ ބިލު މަޖިލީހުން ފާސްކުރި ނަމަވެސް އެ ބިލު ތަސްދީގުނުކުރައްވަން ރައީސަށް ގޮވާލަމުންނެވެ.

comment ކޮމެންޓް