ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމުގައި ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ކަނޑައަޅަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ބެންޗު ބަދަލުކޮށް، މި މަހު ފަހުކޮޅު އެ މައްސަލަ ހިންގަން ތާވަލުކޮށްފިއެވެ.
ސުޕްރީމް ކޯޓަށް މިދިޔަ އަހަރު ހުށަހެޅި އެ މައްސަލައިގެ ބެންޗުގައި ކުރިން އިންނެވި ޑރ. އަޒްމިރާލްދާ ޒާހިރުގެ ބަދަލުގައި މިހާރު އެ ބެންޗުގައި އިންނެވީ އަބްދުﷲ ހަމީދެވެ. އަޒްމިރާލްދާވަނީ، ސުލޫކީ މައްސަލައެއްގައި ފަނޑިޔާރުކަމުން ވަކިކޮށްފައެވެ.
ބެންޗުގައި ދެން ހިމެނެނީ އައިޝާ ޝުޖޫންއާއި ޑރ. މުހައްމަދު އިބްރާހީމެވެ. މި މައްސަލަ ހިންގަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައި އޮތީ މި މަހުގެ 29 ވަނަ ދުވަހަށެވެ.
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ޑިސެންބަރު 25، 2022 ގައެވެ.

އަބްދުﷲ ހަމީދު (ވ) އާއި މުހައްމަދު ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުން: ޔާމީންގެ މައްސަލައިގައި ބެންޗުގައި ހަމީދު ދެން ހިމެނިވަޑައިގަންނަވާނެ -- ފޮޓޯ/ ރައީސް އޮފީސް
އެ ހުކުމް މިދިޔަ އަހަރުގެ އޭޕްރިލް 18ގައި ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން އެންގިއެވެ. އެ މައްސަލަ އަލުން ބަލާއިރު، ޔާމީނާ ދެކޮޅަށް ދައުލަތުން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ހައި ކޯޓުން އޭރު އޮތީ ކަނޑައަޅައިފައެވެ.
އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ބެލީ ހުޒައިފާ މުހައްމަދާއި، ހަސަން ޝަފީއުއާއި މުހައްމަދު ސަލީމެވެ. މީގެ ތެރެއިން ސަލީމަކީ މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.
އަޒްމިރަލްދާއާއި ސުޕްރީމް ކޯޓުގައި އިންނެވި މަހާޒު އަލީ ޒާހިރުގެ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބަލައި، ދެ ބޭފުޅުން ވަކިކުރަން ނިންމީ ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށެވެ. އެ މައްސަލައިގައި އެ ބޭފުޅުންގެ އިތުރުން، ފަނޑިޔާރުކަމުގައި ހުންނެވި ހުސްނުއްސުއޫދު ވެސް ސަސްޕެންޑުކުރުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވީއެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން އެ ބޭފުޅުން ވަކިކުރީ ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ނުދީ، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށްފައިވެއެވެ.
އެ ބޭފުޅުންނަށް ފަހު ސުޕްރީމް ކޯޓަށް ސަލީމް އައްޔަންކޮށްފައިވަނީ، އޭނާ މަގާމަށް ޝަރުތު ހަމަވާކަމާ މެދު ސުވާލު އުފައްދާފައިވަނިކޮށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހަކީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ އެ ދެ ކަމުގައި މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވެއެވެ.
ސަލީމް ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތީ މީގެ ތިން އަހަރު ކުރިން، އޮގަސްޓު 9، 2022ގައި ކަމަށްވާއިރު އޭގެ ކުރިން 12 އަހަރު ވަންދެން އޭނާ ހުންނެވީ އެ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމުގައެވެ. އެހެންވެ، ވަކީލުކަން ކުރުމުގެ ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ ކަމަށް ބެލެވޭނެތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދައިފައެވެ.
މީގެ އިތުރުން ޔާމީން ވަނީ ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރި ގޮތާ ގުޅޭ ގޮތުން ތުހުމަތުތައް ކުރައްވައިފައެވެ.
ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވުނީ ޖަލު ހުކުމުގައި ހުންނެވުމުން ކަމުން، އެ މަނިކުފާނުގެ އިސްތިއުނާފުގެ މައްސަލަ ލަސްކުރުމަށް އޭރު އޮތް އެމްޑީޕީ ސަރުކާރުން ހައިކޯޓަށް ނުފޫޒު ފޯރުވި ކަމަށް ޔާމީން ތުހުމަތު ކުރައްވައެވެ.
އޭރު ޔާމީންގެ މައްސަލަ ލަސްވީ ފަނޑިޔާރު ސަލީމް ޗުއްޓީ ނެންގެވުމުންނެވެ.
އެހެންވެ ޔާމީން ވަނީ، ސަލީމް ސުޕްރީމް ކޯޓަށް އައްޔަންކުރަން ޝަރުތު ހަމަވަނީ، އެ މަނިކުފާނުގެ އަޑުއެހުންތައް ލަސްކުރުމުން ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި އެކަމުގައި، އެ މަނިކުފާނުގެ އަރިހުގައި މީގެ ކުރިން ތިއްބެވުމަށްފަހު މިހާރު ސަރުކާރުގައި ތިއްބެވި އިސް ބޭފުޅުންގެ އަތެއްވާ ކަމަށް ވެސް ޔާމީން ތުހުމަތުކުރައްވައެވެ.