ފިލްމު އިންޑަސްޓްރީއިން ބޭރުން ބޮލީވުޑަށް އަންނަ މީހުންނަކީ އެ އިންޑަސްޓްރީއަށް މުޅިން ބީރައްޓެހި ބައެއް ކަމަށާއި ފިލްމީ އާއިލާއެއްގެ ނަން ފަހަތުގައި ނެތް ނަމަ އެ ދާއިރާއިން ކުރިއަށް ދިއުމަކީ ވަރަށް ދަތި ކަމެއް ކަމަށް އިންޑިއާގެ އިތުރުން ހޮލީވުޑް ފިލްމުތައް ވެސް ކުޅޭ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.
ފިލްމު އިންޑަސްޓްރީގައި އެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ފިލްމު އުފެއްދުމުގެ މަސައްކަތަށް ޝައުގުވެރިވި އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ޕާޕްލް ޕެބްލް ޕިކްޗަސްގެ ނަމުގައި އަމިއްލަ ފިލްމު ޕްރޮޑަކްޝަން ކުންފުންޏެއް ހިންގަމުން އަންނަ ބަތަލާ ބުނީ އެ ކުންފުނިން ފިލްމުތައް ހޮވާއިރު އެއީ ކޮން ވަންހައަކަށް ނިސްބަތްވާ މީހެއްތޯ ބެލުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ހުނަރު ހުރި ފަންނާނުންތަކަކަށް ފުރުސަތު ދިނުމަށް ކަމަށެވެ.

ޕްރިޔަންކާ ބަތަލާގެ މަންމަ ޑރ.މަދޫ ޗޯޕްރާއާ އެކު--ފޮޓޯ/އިންޑިއާފޯރަމް
ފިލްމީ ދާއިރާއާ ގުޅުން ނެތް މީހަކަށް އިންޑަސްޓްރީގެ އެހެން ތަރިންނާ އެއް ހަމައެއްގައި މަސައްކަތްކޮށް އެ ދާއިރާގައި ފައިތިލަ ސާބިތުކުރުމުގައި ދިމާވާ ހުރަސްތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެހެން ބަޔަކު އެކަން ތަޖުރިބާކުރަން ބޭނުންނުވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އިންޑިއާއަށް 2000 ވަނަ އަހަރު މިސް ވޯލްޑްގެ ތާޖު ކާމިޔާބުކޮށްދިނުމާ އެކު ބޮލީވުޑްއިން ފުރުސަތުތަކެއް ބަތަލާއަށް ފަހިވި ނަމަވެސް ފިލްމު އިންޑަސްޓްރީގައި ކުރިއަށް ދިއުން ފަސޭހަ ނުވި ކަމަށް ބަތަލާ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފައެވެ.
ނަމަވެސް ޕްރިޔަންކާ އަކީ ބަލި ގަބޫލުކުރާ މީހަކަށް ނުވުމާ އެކު މަސައްކަތަށްހުރި ލޯތްބެއްގެ ބޮޑު ކަމުން މިއަދު ފިލްމީ ދުނިޔޭގައި ލިބިފައިވާ މަގާމަށް އާދެވުނީ ލައްކަ ބުރަ މަސައްކަތުން ކަމަށް ވަނީ ބުނެފައެވެ.
އެހެންނަމަވެސް ކޮންމެ ކޮންމެ މީހަކީ ބަތަލާ ފަދަ ހިތްވަރުގަދަ މީހަކަށް ނުވެދާނެ ކަމަށާއި އެއީ ބަދަލުކުރަން ޖެހޭ ސަގާފަތެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ޕްރިޔަންކާގެ ފިލްމު ކުންފުނި މެދުވެރިކޮށް މުނިފޫހިފިލުވުމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ މީހުންނަށް މަގުކޮށައިދެވޭތީ އެކަމާ ފަޚުރުވެރިވާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ. މިހާތަނަށް އެ ޕްރޮޑަކްޝަން ކުންފުނިން އުފެއްދި މަގުބޫލު ފިލްމުތަކުގެތެރޭ "ވެންޓިލޭޓާ"، "ސަރުވަން"، "ޕާނީ"، "ދަ ވައިޓް ޓައިގާ" އަދި "ޓު ކިލް އަ ޓައިގާ" ވެސް ހިމެނެއެވެ.